ޗައިނާގެ ޖައްވީ އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ޖައްސައިފި

އަޙްމަދު ދާއޫދު 02 ޖޫން 2024

ޗައިނާއިން ހަނދުގެ ދިރާސާތައް ހެދުމުގެ ޕްރޮގްރާމުގައި އިތުރު ކާމިޔާބީއެއް ހާސިލްކޮށްފައިވާއިރު، އެގައުމުގެ ޖައްވީ އުޅަނޑު ޗަންގާ-6 ބެއިޖިން ގަޑިން އާދީއްތަ ދުވަހުގެ ހެނދުނު 7:30 ގައި ހަނދުގެ ދުރު ފަރާތަށް ކާމިޔާބުކަމާއެކު ޖައްސައިފިއެވެ. ފަޅުވެރިއަކާ ނުލައި ކުރިއަށް ގެންދާ މި މިޝަނަކީ 2030 ވަނަ އަހަރާ ހަމައަށް ހަނދުގައި އެސްޓްރޮނޯޓުން ބޭތިއްބުމަށް ޗައިނާއިން ކުރާ އުންމީދުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ބުނި ގޮތުގައި ޗަންގާ-6 ލޭންޑާ ވަނީ ހަނދުގެ ބިމުގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އިމްޕެކްޓް ކްރެޓާ ކަމަށްވާ ސައުތު ޕޯލް-އެއިޓްކެން ބޭސިންގައި ބީހިފައެވެ.

ކުރިއަށް އޮތް ދެ ދުވަހު ލޭންޑާއިން ޑްރިލް އަކާއި މެކޭނިކަލް އާމްއެއް ބޭނުންކޮށްގެން ހަނދުގެ ފަސްގަނޑާއި ހިލަތައް އެއްކުރާނެ އެވެ. މި ސާމްޕަލްތަކުގެ ސަބަބުން ހަނދާއި ބިމާއި މުޅި އިރުގެ ނިޒާމު އުފެދުނު ގޮތާއި ކުރިއެރުމާ ބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

އެކަން ކާމިޔާބުވެއްޖެ ނަމަ ޗަންގާ-6 ވެގެންދާނީ ހަނދުގެ ދުރު ފަރާތުން ސާމްޕަލްތައް އަނބުރާ ދުނިޔެއަށް ފޮނުވާ ފުރަތަމަ މިޝަނަށެވެ. މި އުއްމީދީ ކާމިޔާބީގެ ތެރޭގައި ލޭންޑާ ރޮބޮޓިކްކޮށް އެއްކުރި ސާމްޕަލްތައް އެސެންޓް ވެހިކަލަކަށް ބަދަލުކުރުން ހިމެނޭ އިރު، ހަނދުގެ އޯބިޓްގައި ރީ-އެންޓްރީ ކެޕްސޫލަކާ އެކު ބަނދަރު ކުރާނެއެވެ. އެ ކެޕްސޫލްގެ ސަބަބުން ހަނދުގެ ސާމްޕަލްތައް ޗައިނާގެ އިންނަރ މޮންގޯލިއާ ސަރަޙައްދަށް މިމަހުގެ ފަހުކޮޅު ފޯރުކޮށްދޭނެކަމަށް ބެލެވެއެވެ.

ޗަންގާ-6ގެ މިދަތުރަކީ 2019 ވަނަ އަހަރު ޗައިނާގެ ތާރީޚީ ޗަންގާ-4 ގެ ތަހުގީގަށް ފަހު ހަނދުގެ ދުރު ފަރާތުގައި މިޝަނެއް ޖެއްސި ދެވަނަ ފަހަރެވެ. މީގެ ސަބަބުން ހަނދުގެ ދެކުނު ތަނބުގައި ރިސާޗް ބޭސްއެއް ގާއިމުކުރުމަށް މަގުފަހިގެން ދާނެކަމަށް ސީއެންއެސްއޭ އިންބުނެއެވެ.

ޓެކްނިކަލީ ގޮތުން ވަރަށް އުނދަގޫ މި ޖައްވީ ދަތުރުގައި ޗަންގާ-6 މިޝަން އިތުރަށް ގޮންޖެހުންބޮޑުވަނީ ހަނދުގެ ދުރު ފަރާތާއި ސީދާ މުއާމަލާތްތައް ނުކުރެވޭތީއެވެ. ޗައިނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޗަންގާ-6 އާ މުއާމަލާތް ކުރުމަށް ބަރޯސާވާން ޖެހެނީ މި އަހަރުގެ ކުރީކޮޅު ހަނދުގެ އޯބިޓަށް ފޮނުވި ރިލޭ ސެޓެލައިޓަކަށެވެ.

ގިނަ ގައުމުތަކުން ހަނދުގެ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނައިރު، ވަސީލަތްތައް ހޯދުމަށާއި، ޖައްވަށް ދަތުރުތައް ކުރުމުގެ ގާބިލުކަން ކުރިއެރުވުމުގެ ރޭސް ދަނީ ގަދަވަމުންނެވެ. އެމެރިކާ، އިންޑިއާ، ޖަޕާން އަދި ރަޝިއާއިން ވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަނދަށް އުޅަނދުތައް ފޮނުވަން މަސައްކަތްކޮށްފައިވާއިރު، އެ ގައުމުތަކުން ވެސް ވަނީ ތަފާތު ކާމިޔާބީތަކެއް ހޯދާފަ އެވެ.

ޗަންގާ-6 އިން ޗައިނާ އިން އެންމެ ފަހުން ހޯދި ކާމިޔާބީއާއެކު އެ ގައުމުގެ ސިލްސިލާގައި ކުރިއަށް އޮތް މިޝަންތަކަށް މަގު ފަހިވެ، މި ދިހަ އަހަރު ނިމުމުގެ ކުރިން ޗައިނާގެ އެސްޓްރޮނޯޓުން ހަނދުގެ ސަރަޙައްދަށް ފޮނުވުމުގެ އަމާޒަށް ވާޞިލްވުމަށް މިވަނީ ވަރަށް ބޮޑަށް އުންމީދު އާވެފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.