މިޔުޒިކާއި އޯޑިޔޯ ސްޓްރީމްކުރުމުގެ ދާއިރާގައި އެންމެންގެ ދޫމަތީގައިވާ ސްޕޮޓިފައި އަކީ މިދާއިރާގައި އެންމެ މަޝްހޫރު އެއް އެޕެވެ. ލަވަޔާއި މިއުޒިކް ސްޓްރީމްކުރަމުން ފަށާފައިވާ މި އެޕް މިހާރު ލަވައިގެ އިތުރުން އޯޑިއޯފޮތާއި ޕޮޑްކާސްޓްތައް އެހެން އޯޑިއޯތައް ސްޓްރީމްކުރުމަށް މަޝްހޫރުވެފައިވެއެވެ. މިގޮތުން އޯޑިއޯ ސްޓްރީމިންގައި އެންމެ ކުރީ ސަފަށް އަރާފައި އޮތް މި އެޕަކުން އަދި އެއަށްވުރު ބޮޑެތިކަންތައް ހާސިލްކުރުމަށް އެބަ ގަސްތުކުރެއެވެ. މިއުޒިކާއި އޯޑިއޯ ސްޓްރީމްކުރާ އެޕަކުން، މިއުޒިކީ މީސްމީޑީއާ އެޕަކަށް ބަދަލުވަމުން ދާކަމުގެ ނިޝާނުތައް އެބަފެނެއެވެ. މިގޮތުން ފަހަކަށް އައިސް ސްޕޮޓިފައި ތައާރަފުކޮށްފައިވާ މީސްމީޑިޔާއާއި ވައްތަރު ބައެއް ފީޗަރުތަކެއް ބަލާލަމާތޯއެވެ.
ސްޕޮޓިފައިގެ މައި އެއް ފީޗަރަކީ މިތުޒިކާއި އޯޑިއޯ ހޯދާ ޝެއާކުރުމެވެ. މިގޮތުން ޓިކްޓޮކް، އިންސްޓަގްރާމް، ވޮޓްސްއެޕް، ސްނެޕްޗެޓް، އަދި އެކްސް ފަދަ މީސްމީޑިޔާތަކުގައި ފަސޭހަކަމާއެކު ލަވަތަކާއި، ޕްލޭލިސްޓްތަކާއި، ޕޮޑްކާސްޓްތަކާއި އޯޑިއޯފޮތްތައް ޝެއާކުރެވެއެވެ. މިގޮތުން ގިނަ ބޮޑެތި މީސްމީޑިޔާތައް ވަނީ ސްޕޮޓިފައިއާއި އިންޓަގްރޭޓްކޮށްފައެވެ. މިކަމުގެ ސަބަބުން މި މީސްމީޑިޔާގައި ފެންނަ ލަވަތައް ފަސޭހަކަމާއެކު ސްޕޮޓިފައިއަށް ލިންކުކޮށް، ސްޕޮޓިފައިގައި ފެނެން އެއްޗެހި ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންނަށް ފަސޭހަކަމާއެކު ޝެއާކުރެވެއެވެ.
މިގޮތުން ޔޫޒަރުންނަށް ފަސޭހަކަމާއެކު ސްޕޮޓިފައިގައި ބަލާ ލަވަތަކާއި، ޕްލޭލިސްޓު ފަދަ އޯޑިއޯތައް ފަސޭހަކަމާއެކު އެހެން މީސްމީޑިޔާތަކުގައި ސީދާ ޕޯސްޓުކުރެވެއެވެ. އަދި ދަންނަ ފަރާތްތަކުންނަށް އެހެން މީސްމީޑިޔާތައް ބޭނުންކޮށްގެން ޑައިރެކްޓް މެސެޖުކުރެވޭނެއެވެ.
ކޯލަބަރޭޓިވް ޕްލޭލިސްޓްތަކަކީ ސްޕޮޓިފައި އެންމެ ކުރިން އެކުގައި ލަވަޔާއި މިއުޒިކު ކިއުރޭޓުކޮށް އަޑުއަހަން ތައާރަފުކޮށްފައިވާ އެއް ފީޗަރެކެވެ. މި ފީޗަރުމެދުވެރިކޮށް ގިނަ ޔޫޒަރުންނަށް އެއްކޮށް ބޭނުންވާ ލަވަތައް އަޅާ، ނަގާ، ކިއުރޭޓް ކުރުމުގެ ފުރުސަތު ފޯރުކޮށްދޭ ފީޗަރެކެވެ. މިގޮތުން އަޑުއަހާ ހިއްވާ ލަވައިގެ އިތުރުން ޕޮޑްކާސްޓްތަކާއި އެހެނިހެން ސްޕޯޓިފައި ކޮންޓެންޓު މި ފީޗަރު މެދުވެރިކޮށް ޝެއާކޮށް އެކަކު އަނެކަކާށް ރެކޮމެންޑުކެރެވިދާނެއެވެ.
މީގެއިތުރުން ޔޫޒަރުން އަޑުއަހަމުންދާ އެއްޗެހި ވަގުތުން ޝެއާކުރެވޭ ލިސަނިންގ ފީޗަރެއްވެސް ސްޕޮޓިފައިއިން ތައާރަފުކޮށްފައިވެއެވެ. މި ފީޗަރު މެދުވެރިކޮށް ޔޫޒަރުންގެ ފޮލޮވަރުންނަށް އެ ޔޫޒަރު މިހާރު އަޑުއަހަމުންދާ ނުވަތަ އެންމެ ފަހުން އަޑުއެހި އެއްޗެއް ދައްކައިދެއެވެ. މި ފީޗަރު ބޭނުންކުރަން ބޭނުންވާ ފަރާތަތަކުން 'ލިސަނިންގ އެކްޓިވިޓީ' އޮން ކޮށްލުމުން ކުރިން މުއާމަލާތުކޮށްފައިވާ ފަރާތްތައް ބޭނުން ވެއްޖެނަމަ ދައްކައިދެވޭނެއެވެ. އަދި މި ވަގުތު އަޑުއަހަމުން ދާ އެއްޗެއް ޝެއާކުރަން ބޭނުންނުވާ ނަމަ ޕްރައިވެޓް ސެޝަނެއް ހުޅުވާލުމުން މިފީޗަރު ކުޑަ މުއްދަތެއްގައި ހުއްޓާލެވޭނެއެވެ.
މީގެ އިތުރުން، ޖޭމް ފީޗަރު މެދުވެރިކޮށް ވަގުތުން ޔޫޒަރުން އަޑުއަހާ ޕްލޭލިސްޓެއް ހަދާ، އެކުގައި އަޑުއެހޭނެއެވެ. ދުނިޔޭގެ ހުރިހާ ޕްރީމިއަމް ޔޫޒަރުންނަށް ހުޅުވާލާފައިވާ މި ފީޗަރަކީ ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންނާއި އެކު އެއްވަގުތަކު އެކުގައި އެންމެން އެއްކޮށް ކިއުރޭޓްކޮށްފައިވާ ޕްލޭލިސްޓެއް އަޑުއެހޭ ފީޗަރެކެވެ. ޖޭމް ފީޗަރު މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކުގައި އުޅޭ ހިލޭ އަދި ޕްރީމިއަމް ޔޫޒަރުން މި ޖޭމް ސެޝަނަށް އެޑްކުރެވޭނެއެވެ. އަދި ފޯނުންނާއި ޑެސްކްޓޮޕުންވެސް ބައިވެރި ވެވޭނެއެވެ.
ބްލެންޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ސްޕޮޓިފައި ޔޫޒަރުންނަށް އެކަކު އަނެކަކު އަޑުއަހާ އެއްޗެހި ބަލާފައި، އަޑުއަހާ ހިއްވަ އެއްޗެހީގެ އެއްގޮތްކަން ހޯދާ މަޖާ ފީޗަރެކެވެ. މި ފީޗަރލު މެދުވެރިކޮށް ދެ ޔޫޒަރުން އަޑުއަހާ އެއްޗެހީގެ އެއްގޮތްކަމުގެ މިންވަރު ހޯދާ، ދެމީހުންވެސް އަޑުއަހާ ހިއްވާނެ ކަހަލަ ޕްލޭލިސްޓެއް ހަދައިދޭ ފީޗަރެކެވެ. މި ފީޗަރުމެދުވެރިކޮށް ޔޫޒަރުން އެކަކު އަނެކަކުގެ މިއުޒިކީ ޓޭސްޓް ކޮމްޕެއާކުރާނެ މަޖާގޮތެއް ލިބިގެންދެއެވެ.
މިފަދަ ފީޗަރު ތަކުގެ ސަބަބުން ލަވަޔާއި ޕޮޑްކާސްޓްތައް ފަދަ ސްޕޮޓިފައި ކޮންޓެންޓް ފަސޭހަކަމާއެކު އަދި މަޖާ ގޮތްތަކުގައި ޝެއާކުރެވޭނެ ގޮތްތައް ސްޕޮޓިފައި މެދުވެރިކޮށްގެން ލިބިގެންދެއެވެ.
ސްޕޮޓިފައި އެންމެ ފަހުން ނެރުނު އައު ފީޗަރަކީ މީސްމީޑިޔާއާއި އެންމެ ގާތްކުރާ އެއް ފީޗަރެވެ. މި ފީޗަރު މެދުވެރިކޮށް 16 އަހުރުން މަތީގެ ޔޫޒަރުންނަށް އެކަކު އަނެކަކާއި އެޕް ތެރެއިން މެސެޖުކުރެވެއެވެ. މިދިޔަ އޯގަސްޓް މަހު ތައާރަފުކޮށްފައިވާ މި ފީޗަރުން އެކުވެރިންނާއި އެކުގައި ސްޕޮޓިފައިގައިވާ ކޮންޓެންްޓު ޝެއާކޮށް، އެއާއިބެހޭގޮތުން ވާހަކަދެއްކޭނެއެވެ. މިގޮތުން މި ފީޗަރު ހިލޭ އަދި ޕްރީމިއަމް ވަކި މާކެޓްތަކުގައި މޮބައިލް އެޕްގައި ބޭނުންކުރެވެއެވެ.
ސްޕޮޓިފައި ބުނެފައިވާ ގޮތުގައި މި ގޮތަށް މި އެޕް މެދުވެރިކޮށް ފޮނުވާ މެސެޖުތައް ސްޓޯކޮށްފަ ހުންނައިރުގައްޔާއި ޓްރާންސްމިޓްކުރާއިރު އެންކްރިޕްޓް ކުރެވިފައިވާކަން ފާހަގަކްލިއެވެ. ނަމަވެސް މިކަމަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކޮށްފައި ނުވެއެވެ. މީގެ ބަދަލުގައި ސްޕޮޓިފައި ޔޫޒަރުންގެ މެސެޖުތައް ގަވާއިދާ ހިލާފު އަދި ނުރައްކާތެރި ކޮންޓެންޓަށް ސްކޭންކޮށް، ރިޕޯޓްކޮށްފައިވާ ކޮންޓެންޓު މޮޑަރޭޓަރުން ބަލާނެކަމަށް އެ ކުންފުނި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ޔޫޒަރުންގެ ޕްރައިވަސީ ދެމަހައްޓާ، އަމާން މާހައުލެއް އެމީހުންނަށް ދެމެހެއްޓޭނެކަން އެކުންފުނި އަންގާފައިވެއެވެ.
މީގެއިތުރުން، ދާދިފަހުން ސްޕޮޓީފައިއުން އައު ގްރޫޕްޗެޓް ފީޗަރެއް ވެސް ތައާރަފުކޮށްފައިވެއެވެ. ގްރޫޕްޗެޓަކީ ކުރިން ތައާރަފުކުރެވިފައިވާ މެސެޖިންގ ފީޗަރާއި ވިދިގެން ތައާރަފުކޮށްފައިވާ އައުު ފީޗަރެކެވެ. މި ފީޗަރު މެދުވެރިކޮށް ޔޫޒަރުންނަށް ސްޕޮޓިފައިން ލިބޭ ލަވަޔާއި، ޕޮޑްކާސްޓްތަކާއި އޯޑިއޯ ފޮތްތައް ފަދަ ކޮންޓެންޓް ފަސޭހަކަމާއެކު 10 މީހުންނަށްވުރެ ގިނަ ނުވާ އަދަދަދެއްގެ ފަރާތްތަކުން ހިމެނޭ ގްރޫޕްތަކާއި ޝެއާކުރެވޭނެއެވެ. މެސެޖިންގ ފީޗަރެކޭވެސް އެއްފަދައިން، މި ފީޗަރު މެދުވެރިކޮށް މުއާމަލާތުކުރެވެނީ ކުރިން ސްޕޮޓިފައިގައި މުއާމަލާތުކޮށްފައިވާ ފަރާތްތަކާއެވެ. މި ގޮތުން ކޮލަބޮރޭޓިވް ޕްލޭލިސްޓް
ތައް އެކު ގައި ގެންގުޅުނު ފަރާތްތަކާއި، ޖޭމްސް، ބްލެންޑްސް އަދި މި ނޫންވެސް މިފަދަ ފީޗަރުތައް ބޭނުންކޮށްގެން އެކުގައި ކޮންޓެންޓް ޝެއާކޮށްފައިވާ ފަރާތްތަކާއި އެއް ސަބްސްކްރިޕްޝަނެއްގައި ހިމެނޭ ފަރާތްތަކުން ހިމެނެއެވެ. މިހެން ހެދުމުގެ ނިޔަތަކީ ސްޕޮޓިފައި އަކީ މިއުޒިކާއި މިފަދަ އޯޑިއޯ ކޮންޓެންޓްއާއި ބެހޭ ވާހަކަ ދައްކާނެ އަދި އެކަކު އަނެކަކަށް ކުރާ ރެކޮމެންޑޭޝަންތައް ފަސޭހައިން ބެލެހެއްޓޭނެ ރައްކާތެރި ތަނެއް ޔޫޒަރުންނަށް ގާއިމުކުރުމެވެ.
މި ފީޗަރު ބޭނުންކުރަން ބޭނުންނުވާ ފަރާތަތަކަށް މި ފީޗަރު ޑިސްއޭބަލްކުރެވޭނެކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި މި ފީޗަރު މިވަގުތު ލިބެނީ ހަމައެކަނި މޮބައިލްގައި ވީއިރު، ހުރިހާ އެންމެންނަށް މި ފީޗަރު ލިބެން އަދި ދުވަސްކޮޅެއް ނަގާނެކަމަށް ލަފާކުރެވެއެވެ.
ފަހުންފަހުން ސްޕޮޓިފައިއިން ތައާރަފުކޮށްފައިވާ ފީޗަރުތަކުގެ ސަބަބުން ޔޫޒަރުން މިއުޒިކާއި ޕޮޑްކާސްޓްއާއި އޯޑިއޯ ފޮތްތައް ފަދ ކޮންޓެންޓާއެކު އިންޓަރެކްޓްކުރާ ގޮތައް ބަދަލުތަކެއް އައިސްފައިވާ ކަމަށް އެއްވެސް ޝައްކެއް ނެތެވެ. ހަމައެކަނި އޯޑިއޯ ސްޓްރީމްކުރާ އެޕްއެއްގެ ބަދަލުގައި މިއަދު ސްޕޮޓިފައި ބެލޭނީ އޯޑިއޯ ކޮމިއުނިޓީތައް ދަމަހައްޓައިދޭ މާހައުލެއްގެ ގޮތުގައެވެ. ނަމަވެސް ސްޕޮޓިފައި ދަނީ މީސްމީޑިޔާއަކަށް ބަދަލުވަމުންނެކޭ ބުނުމަކީ މުޅިއެކު ހަޤީގަތަކަށް ނުވެދާނެއެވެ. މީސްމީޑިޔާތަކަކާއި ހިލާފަށް، މިފަދަ ސޯޝަލް ފީޗަރުތަކުގައި ސްޕޮޓިފައި ގެންގުޅެފައިވާ އުސޫލަކީ މަދު ދަންނަ ބަޔެއްގެ ކުދި ކޮމިއުނިޓީތައް އުފައްދާ ބެލެހެއްޓުމުގެ ފުރުސަތު ޔޫޒަރުންނަށް ހުޅުވާލުމެވެ. ސްޕޮޓިފައިއިން ވެސް ކުރިން ބުނެފައިވާ ގޮތުގައި އެ މީހުން ތައާރަފުކުރަމުންދާ ފީޗަރުތަކަކީ މިހާރު އާންމުކޮށް ގެންގުޅެމުންދާ މީސްމީޑިޔާތަކުގެ ބަދަލުގައި ހާދާފައިވާ އެއްޗިއްސެއް ނޫނެވެ. އޭގެ ބަދަލުގައި މި ފީޗަރުތަކަކީ ޔޫޒަރުންގެ އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކޮށްދިނުމުގެ ބޭނުމުގައި ތައާރަފުކޮށްފައިވާ ފީޗަރުތަކެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.