ޢުމުރުން އެއްފަހަރު ފެންނަ ހުދު އިހުތަރީގެ ގޮވުން!

އަޙްމަދު ދާއޫދު 04 ޖުލައި 2024

ކޮންމެ އިންސާނެއްގެވެސް އުމުރުން އެއްފަހަރު ނުވަތަ ކޮންމެ 80 އަހަރުން އެއްފަހަރު ފެންނަ އުޑުގެ އަޖައިބުތަކުގެ ތެރެއިން ވަރަށް ނާދިރު މަންޒަރެއް މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ފެންނަން ހުންނާނެ ކަމަށް ނާސާއިން ވަނީ އިޢުލާނު ކޮށްފައެވެ. މިއީ އިންސާނެއްގެ އުމުރުގައި އެއްފަހަރު ފެނިދާނެ ކަމެއް ކަމަށް ނާސާއިން ބުނެފައިވެއެވެ.

މި މަންޒަރަކީ އަޅުގަނޑުމެންނާ 3،000 އަހަރު ދުރުގައިވާ ހުދު އިހުތަރިއެއްގައި ހިނގާ ތަރމޯނިއުކްލިއަރ ގޮވުމެކެވެ. މިފަދަ ގޮވުމެއް ނުވަތަ ރިއެކްޝަނެއް މި ތަރީގައި ހިނގަނީ ކޮންމެ 80 އަހަރަކުން އެއްފަހަރުއެވެ. މި ކަން ހިނގަނީ ހުދު އިހުތަރި ކައިރީގައިވާ ރަތް ބޮޑު ތަރިއަކުން ހައިޑްރޮޖަން އެއްވުމުގެ ސަބަބުންނެވެ.

ނާސާއިން ބުނާގޮތުގައި މި ގޮވުމުގެ އަލި ހަފްތާއެއްހާ ދުވަހު ލޮލަށް ފެންނަ ވަރަށް ފާޅުވާނެއެވެ. މި އަލި އުތުރު ތަރި ނުވަތަ އޮރައިން ކިޔާ ތަރީގެ އަލިކަމާ އެއްވަރުވާނެ ކަމަށް ވެއެވެ. މިއީ ޒަމާނީ އާލާތްތަކާއެކު މި މަންޒަރު ބެލޭ ފުރަތަމަ ފަހަރެވެ.

މި މަންޒަރު ބެލުމަށް އެންމެ ރަނގަޅީ އަނދިރި ތަނަކަށް ގޮސް، ތަރިތައް ދައްކައިދޭ އެޕްތައް ބޭނުންކޮށްގެން، ބައިނޮކިއުލަރއެއް ހިފައިގެންނެވެ. މީގެ ކުރިން މި މަންޒަރު ފެނިފައިވަނީ 1946 ވަނަ އަހަރުއެވެ. އެހެންކަމުން މިއީ ތަރި ދިރާސާކުރާ މީހުންނަށާއި އާންމުންނަށްވެސް ލިބޭ ވަރަށް ނާދިރު ފުރުސަތެކެވެ.

މި މަންޒަރު ބަލާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއީ ދެން އަންނަ 80 އަހަރު ވަންދެން ނުލިބޭނެ ފުރުސަތެކެވެ. އެހެންކަމުން މި ފުރުސަތު ގެއްލުވާނުލައި، އުޑުގެ މި އަޖައިބު މަންޒަރު ބަލާލުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ދެކެމެވެ. މިފަދަ މަންޒަރުތަކުން އަޅުގަނޑުމެންނަށް ވަށައިގެންވާ ދުނިޔެއާ މެދު އިތުރަށް ވިސްނައި، ޢިލްމީ ގޮތުން ކުރިއަރައި، އަދި ޤުދުރަތުގެ ޢަޖައިބުތަކަށް އިޙްތިރާމްކުރަން ދަސްވެއެވެ.

ފޮޓޯ: ކްރެޑިޓް ނާސާ

ހުދު އިހުތަރިތަކަކީ ތަރިތަކުގެ އުމުރުގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އެއްޗެކެވެ. މިއީ އާދައިގެ ތަރިތަކުގެ ނިއުކްލިއަސް އެކަނި ބާކީވެ، ބޭރު ގޭސްތައް ދުރަށް ގޮސްފައި ހުންނަ ތަރިތަކެވެ. މި ތަރިތަކުގައި ހުންނަނީ ވަރަށް ބޮޑު ޖާޒުބީ ބާރެކެވެ. އަދި މި ތަރިތަކުގެ ސައިޒު ކުޑަ ނަމަވެސް، މާއްދާގެ މިންވަރު ވަރަށް ގިނައެވެ.

މިއީ ހުދު އިހުތަރިއާއި އެހެން ތަރިއެއް ގުޅިގެން އުފެދޭ ނިޒާމެއްގައި ހިނގާ ކަމެކެވެ. މި ނިޒާމުގައި ހުދު އިހުތަރި، އަނެއް ތަރިން މާއްދާ އަތުލައިގަނެއެވެ. މި މާއްދާ އެއްކުރެވި، ވަކި މިންވަރަކަށް ދިޔުމުން ރިއެކްޝަން ހިނގައެވެ. މި ރިއެކްޝަންގެ ސަބަބުން ހުދު އިހުތަރީގެ އަލި ވަގުތީ ގޮތުން ވަރަށް ބޮޑަށް އިތުރުވެއެވެ. މިއީ ސުޕަރނޮވާ ރިއެކްޝަން އާއި ޚިލާފަށް، ތަރި ފަނާވެ ދިއުމަކަށް ނުވާތީ، މި ގޮވުންތައް ތަކުރާރުވަމުން ދެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.