ކްރައުޑްސްޓްރައިކް ޑައުންވެ ދުނިޔެ ހުއްޓުމަކަށް

އަޙްމަދު ދާއޫދު 19 ޖުލައި 2024

ބައިނަލްއަޤްވާމީ އައިޓީ ނިޒާމު ހުއްޓި އެތައް ޤައުމެއްގެ ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެއަރލައިންތަކާއި، ސަރުކާރުގެ ޚިދުމަތްތަކާއި، ބޭންކުތަކާއި، ސުޕަރމާކެޓްތަކާއި، ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި އަދި މީޑިއާ އައުޓްލެޓްތަކަށެވެ.

މި މައްސަލަ ދިމާވެފައިވަނީ މައިކްރޯސޮފްޓުން އެ ކުންފުނީގެ 365 އެޕްލިކޭޝަންތަކާއި ޚިދުމަތްތަކަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނި ތާ ގަޑިއިރުތަކެއް ފަހުންނެވެ.

ހޮންގްކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގެ ކަރަންސީ އެކްސްޗޭންޖް ސްޓޯރެއްގައި މައްސަލައެއް ހުރި މަންޒަރު ފެންނަ ސްކްރީން [ޓައިރޯން ސިއު/ރޮއިޓާސް]

މި މައްސަލައިގެ މަސްދަރަކީ ސައިބަރ ސެކިއުރިޓީ ޕްލެޓްފޯރމެއް ކަމަށްވާ ކްރައުޑްސްޓްރައިކްއެވެ. އަދި މި މައްސަލައިގެ ސަބަބުން މައިކްރޯސޮފްޓް ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމް ބޭނުންކުރާ ކޮމްޕިއުޓަރުތައް ކްރޭޝްވާކަމަށް ފާހަގަކުރެވިފައިވެއެވެ.

އެމެރިކާގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ ޑެލްޓާ، ޔުނައިޓެޑް އަދި އެމެރިކަން އެއަރލައިންސްގެ ދަތުރުތައް މުވާސަލާތީ މައްސަލަތަކެއްގެ ސަބަބުން ހުއްޓިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އޮސްޓްރޭލިޔާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، މެލޭޝިޔާ، ފިލިޕީންސް، ނެދަލެންޑްސް އަދި ސްޕެއިންގެ ވައިގެ ބަނދަރުތަކުގައިވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އޮސްޓްރޭލިޔާގެ ވޫލްވޯތްސް އަދި ކޯލްސް ފަދަ ބޮޑެތި ސުޕަރމާކެޓްތަކުގެ ސެލްފް-ސަރވިސް ޗެކްއައުޓްތަކަށްވެސް މި މައްސަލައިގެ އަސަރުކޮށްފައިވެއެވެ. އަދި އޮސްޓްރޭލިޔާގެ އޭބީސީ އާއި ނެޓްވޯކް ޓެން އަދި އިނގިރޭސިވިލާތުގެ ސްކައި ނިއުސް ފަދަ މީޑިއާ އައުޓްލެޓްތަކަށްވެސް މި މައްސަލައިގެ އަސަރުކޮށްފައިވެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ ގްރޯސަރީ ފިހާރައެއްގެ ނޫ ކުލައިގެ ސްކްރީނެއް ކޭޝް ރަޖިސްޓްރީއަކުން ފެންނަ [ސްޓެލާ ކިއު/ރޮއިޓާސް]

އޮސްޓްރޭލިޔާގެ ބެންޑިގޯ ބޭންކް ފަދަ ބައެއް ބޭންކުތަކުގެ އޮންލައިން ބޭންކިންގ އަދި މުޢާމަލާތްތަކަށްވެސް މި މައްސަލައިގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އޮސްޓްރޭލިޔާގެ ނެޝަނަލް ސައިބަރ ސެކިއުރިޓީ ކޯޑިނޭޓަރުގެ ބަހުން، މިއީ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ހާދިސާއެއްކަމަށް ދޭހަވާ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލަ ދިމާވެފައިވަނީ އަސަރުކުރި ކުންފުނިތަކުން ބޭނުންކުރާ ތާޑް-ޕާޓީ ސޮފްޓްވެއަރ ޕްލެޓްފޯމެއްގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އައިޓީ ނިޒާމުގެ މި މައްސަލައިން ދައްކުވައިދެނީ ދުނިޔޭގެ އެކި ދާއިރާތަކުގައި ބޭނުންކުރާ އައިޓީ ނިޒާމުތައް އެއްބަޔާ އަނެއްބައި ގުޅިލާމެހިފައިވާ މިންވަރާއި، އެ ނިޒާމުތަކުގެ ނާޒުކުކަމެވެ. މި ހާދިސާއިން ވަނީ ގިނަ ޤައުމުތަކެއްގެ އެތައް ވިޔަފާރިއަކަށް އެއްފަހަރާ އަސަރުކޮށް، ބޮޑެތި ދަތިތަކާ ކުރިމަތިކޮށްފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.