ބަންގްލަދޭޝްގައި ހަފްތާއަކަށްވުރެ ގިނަ ދުވަހު އިންޓަނެޓް ޚިދުމަތް މެދުކަނޑާލުމަށްފަހު، އެ ޤައުމުގެ ސަރުކާރުން ވަނީ އަލުން އިންޓަނެޓް ޚިދުމަތް ދޭން ފަށާފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްތަކާއި މުވާސަލާތީ ޕްލެޓްފޯމްތައް ވަނީ ބްލޮކްކޮށްފައެވެ.
ހުކުރު ދުވަހު، ބަންގްލަދޭޝް ސަރުކާރުން ވަނީ ޔޫޓިއުބް، ވައިބަރ، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ސައިޓުތަކެއް މަނާކުރުމަށްފަހު އަލުން ނެޓްގެ ޚިދުމަތް ކޮންމެވެސް ވަރަކަށޤ ދޭންފަށާފައެވެ. މި ފިޔަވަޅު އެޅުމާ ގުޅިގެން، މުޅި ޤައުމުގައި މި މަޤްބޫލު ސޯޝަލް ނެޓްވޯކްތަކަށް ވަދެވޭ ގޮތް ވަނީ ހަނިވެފައެވެ.
ގްލޯބަލް އައިސް ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، މި ހަނިކުރުން ތަންފީޒުކުރެވުނީ އޯގަސްޓު 2 ގައެވެ. މީގެ ސަބަބުން ބަންގްލަދޭޝްގެ ރައްޔިތުންނަށް ގިނަ ސޯޝަލް ނެޓްވޯކިންގ ސައިޓްތަކަށް ވަދެވޭ ގޮތް ވަނީ ބަންދުވެފައެވެ.
ދަ ޑެއިލީ ސްޓަރއިން ރިޕޯޓުކުރި ގޮތުގައި ބަނގްލާދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ބަންގްލަދޭޝްގެ ގިނަ މޯބައިލް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ފޭސްބުކް އަދި މެސެންޖަރ ބޭނުންކުރުމުގައި ވެސް ދަތިތަކާ ކުރިމަތިވަމުންދެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ބަންގްލަދޭޝްގެ ރައްޔިތުންގެ މުވާސަލާތީ މިނިވަންކަމަށް ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެއެވެ.
ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައިން ފެށިގެން ކުރިއަށް ދިޔަ މުޒާހަރާތަކަކީ ސަރުކާރުގެ ވަޒީފާތަކަށް ކޯޓާ ކަނޑައެޅުމުގެ ނިޒާމަކާ ގުޅިގެން ފެށިގެން އުޅޭ ހަމަނުޖެހުންތަކެކެވެ.
އެންމެ ފުރަތަމަ ފެށި މުޒާހަރާތަކުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި އެވެ. ރަސްމީ ތަފާސް ހިސާބުތައް ހާމަކޮށްފައި ނުވި ނަމަވެސް ހަމަނުޖެހުންތަކުގައި ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ހާލަތު ގޯސްވުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ޝޫޓް އޮން ސައިޓް އަމުރުތަކާއެކު ހަރުކަށި ކާފިއުއެއް ތަންފީޒުކޮށް ވެރިރަށް ޑާކާ ގެ އިތުރުން ބޮޑެތި ސިޓީތައް ޕެޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވެފައެވެ. ހަމަނުޖެހުންތައް ނައްތާލުމުގެ ގޮތުން ސަރުކާރުން ވަނީ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އިއުލާނުކޮށްފަ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ މި ހާލަތު ވަރަށް ހަލަބޮލި އަދި އަންދާޒާ ނުކުރެވޭ ފަދަ ހާލަތެއްގެ ގޮތުގައި ސިފަކޮށް، ދަތުރުފަތުރުގެ ޕްލޭންތަކަށް ސަމާލުވެ އަލުން ވިސްނުމަށް އެގައުމުގެ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
ދިގު މުއްދަތަކަށް އިންޓަނެޓް މެދުކަނޑާލުމުގެ ސަބަބުން އާންމު ދިރިއުޅުމާއި ވިޔަފާރީގެ މަސައްކަތްތަކާއި މުވާސަލާތީ ކަންކަމަށް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިންޓަނެޓްގެ ހިދުމަތް ވަގުތުން އަލުން ދޭން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މި މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިންޓަނެޓް ބްލެކްއައުޓް ކުރުން ދެމެހެއްޓުމަކީ އަދިވެސް ދެބަސްވާ މައްސަލައެކެވެ. އަދި ޢާންމު އަމާންކަން ދެމެހެއްޓުމާއި، ރައްޔިތުންނަށް ދިމާވާ ދަތި ޙާލަތްތަކުގައި، މަޢުލޫމާތު ދިނުމާއި މުޢާމަލާތުކުރުމުގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން އިންޓަނެޓް ދޫކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.