ވަންޕްލަސްއިން ކުރިންނެރުނު ފޯލްޑަބަލްގެ ބެޓަރީވެސް އެކަހަލަ އެހެންފޯނުތަކާ އަޅާބަލާއިރު ރަނގަޅުވީއިރު، އެކުންފުނިން ދެން ނެރޭ ފޯލްޑަބަލް އެއަށް ވުރެ މޮޅުވާނެކަމަށް ލީކުވެފައުވެއެވެ. މި އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ ވަންޕްލަސް އޯޕަން 2 ގެ ބެޓަރީ އެހެން ފޯނުތަކަށް ވުރެ ބޮޑުވާނެކަމަށް އެކި ފަރާތްތަކުން ލަފާކުރަން ފަށައިފިއެވެ.
ޑިޖިޓަލް ޗެޓް ސްޓޭޝަނުން ހާމަކޮށްފައިވާ ވެއިބޯ އެއް ބުނާގޮތުން އޮޕޯއިން މިވަގުތު މަސައްކަތްކުރަމުންދާ ފޯލްޑަބަލުގައި 6،000mAh ގެ ބެޓަރީއެއް ލުމަށް ހަމަޖެހިފައިވެއެވެ. މިއީ މިވަގުތު ހުރި ފޯލްޑަބަލްތަކާއި، އަދި އެހެން ސްމާޓްފޯނުތަކުގެ ބެޓަރީތަކާ އަޅާބަލާއިރު ބޮޑު ބެޓަރީއެކެވެ.
މީގެކުރިން އޮޕޯ އާއި ވަންޕްލަސްއިން ނެރުނު ޕްރީމިއަމް ފޯނުތައް ވަނީ ތަފާތު ސަރުހައްދުތަކަށް އަމާޒުކޮށްފައިވާ އެއް ފޯނުތަކެއް ކަމަށް ކަމާ ބެހޭ މާހިރުން ހާމަކޮށްފައެވެ. މި ގޮތުން ގިނަފޯނުތަކުގެ އެތެރެފުށް އެއްގޮތްވެފައިވެއެވެ. އަދި ކުރިން ނެރުނު ފޯލްޑަބަލް އަކީ ތަފާތުކޮށް މާކެޓްކޮށްފައިވާ އެއް ފޯނެއް ކަމަށްވެސް ފާލުވެފައިވެއެވެ.
މި ބެޓަރީގެ ޚަބަރު އަސްފައިވަނީ ޗައިނާގައި ވަންޕްލަސްއާއި ސީއޭޓީއެލްއާއި ދެމެދުގައިވާ ޕާޓްނަރޝިޕުން ތައާރަފުކޮށްފައިވާ އައު ބެޓަރީ ޓެކްނޮލޮޖީގެ ޚަބަރާއި ވިދިގެންނެވެ. ގްލޭޝިއަރ ބެޓަރީ ޓެކްނޮލަޖީގެ ނަންދީފައިވާ މި އައު ޓެކްނޮލަޖީ ގިނަ ދުވަހު ދެމިހުރެ، އެފިޝަންޓުވެ އަދިި ކުޑަތަންކޮޅެއްގައި ބޮޑު އަދަދަކަށް ރައްކާ ކުރެވެއެވެ. މީގެއިތުރުން ސިލިކޯންކާބައިޑަކުން ހަދާފައިވާ މި ބެޓަރީއިން ވަރަށް އަވަސް ބާރުމިނުގައިވެސް ބެޓަރީ ޗާޖުކުރެވެއެވެ. އެންމެ ފަހުގެ ރިޕޯޓު ހާމަކަކުރާގޮތުގައި މި ބެޓެރީގެ 100W ޗާޖިންނަކީ އިންޑަސްޓްރީ އެވަރެޖަށް ވުރެ މަތީ އަދަދެކެވެ. މިގޮތުން މި ޓެކްނޮލަޖީ އެންމެ ކުރިން ފެންނަ އޭސް3ޕްރޯ ގެ ބެޓަރީ މިހާރު ހުރި ލީތިއަމް ބެޓެރީތަކަށްވުރެ މޮޅުކަމަށް ބުނެފައިވެއެވެ.
ވަންޕްލަސްއިން މިއައު ފޯނު އެންމެ އަވަހަށް ނެރޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅަށް ވީއިރު، މި ލިބިފައިވާ ޚަބަރުތައް އަދި ކަށަވަރު ކުރެވޭނެ ގޮތެއް ނުވެއެވެ. ވަންޕްލަސްއިންނާއި އޮޕޯގެ ފަރާތުން އައު ފޯނުގެ ޚަބަރެއް ދީފައި ނުވާއިރު މި ލީކުތަކުގެ ތެދު ދޮގު އަދި ފެންނަން އޮންނާނީ މި ފޯނު ފެނުމުންނެވެ. ނަމަވެސް މި ޚަބަރު ސައްހަ ކަމުގައި ވާނަމަ މި ވެގެންދާނީ ފޯލްޑަބަލް ތަކުގެ އިތުރުން އާދައިގެ ސްމާޓްފޯނުތަކަށް ވެސް އަންނަ ބެޓަރީއަށް ބޮޑު ކުރިއެރުމެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.