ރާއްޖެ ޓީވީން އޭއައި ޕްރެޒެންޓަރެއް ތަޢާރަފްކޮށްފި

އަޙްމަދު ދާއޫދު 11 އޮކްޓޯބަރު 2024

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް އަމާޒުކޮށްގެން، ރާއްޖެ ޓީވީން ފުރަތަމަ ފަހަރަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޚަބަރު ހުށަހަޅާ ޕްރެޒެންޓަރެއް ތަޢާރަފުކޮށްފިއެވެ.

މި އޭއައި ޕްރެޒެންޓަރ މެދުވެރިކޮށް ކޮންމެ ދުވަހަކު ރާއްޖޭގެ މުހިންމު ޚަބަރުތަކުގެ ޚުލާސާއެއް ބަންގްލާ ބަހުން ގެނެސްދޭނެ ކަމަށް ރާއްޖެ ޓީވީން މަޢުލޫމާތު ދީފައިވެއެވެ.

މި އައު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދަކީ ރާއްޖޭގައި ދިރިއުޅޭ ބަންގާޅީ މުޖުތަމަޢުއަށް ރާއްޖޭގެ ޚަބަރުތައް ފަސޭހައިން ލިބިގަތުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް އެ ޓީވީން ބުނެއެވެ.

މި ޚިދުމަތް ލިބިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރާއްޖެ ޓީވީގެ މައި ފޭސްބުކް ޕޭޖާއި ރާއްޖެ ޓީވީ އެކްސްޓްރާ ފޭސްބުކް ޕޭޖް ފޮލޯކުރުމަށް ރާއްޖެ ޓީވީން އިލްތިމާސްކޮށްފައިވެއެވެ.

މި އައު އިނިޝިއޭޓިވްއަކީ ރާއްޖޭގައި ދިރިއުޅޭ ބޭރު މުޖުތަމަޢުތަކަށް ޚަބަރު ފޯރުކޮށްދިނުމުގައި އައު ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބަންގާޅީ މުޖުތަމަޢުއަށް ރާއްޖޭގެ ކަންކަމާ ބެހޭ މަޢުލޫމާތު ލިބުމަށް ފަސޭހަވެ، އެ މުޖުތަމަޢު ރާއްޖޭގެ މުޖުތަމަޢުއާ އިތުރަށް ގުޅިލާމެހި ދެގައުމުގެ ރައްޔިތުންގެ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، މީޑިއާ ދާއިރާގައި އޭއައި ބޭނުންކުރުން ދަނީ އިތުރުވަމުންނެވެ. އޭއައި ޕްރެޒެންޓަރުންނަކީ ކޮމްޕިއުޓަރ ޕްރޮގްރާމްތަކުން އުފައްދާ ވާރޗުުއަލް ޕާސަނަލިޓީތަކެކެވެ.

މިފަދަ ޕްރެޒެންޓަރުން ޓެކްސްޓް-ޓު-ސްޕީޗް އަދި ޑީޕް ލާނިންގ އަލްގޮރިދަމްތައް ބޭނުންކޮށްގެން އުފައްދައެވެ. މިގޮތުން އުފައްދާ ޕްރެޒެންޓަރުންނަށް އިންސާނުންނާ އެއްފަދައިން ވާހަކަދެއްކުމާއި، މޫނުގެ ޙަރަކާތްތައް ދެއްކުމާއި، އަދި ޚަބަރު ހުށަހެޅުމުގެ ޤާބިލުކަން ލިބިގެންވެއެވެ.

މިފަދަ ޕްރެޒެންޓަރުން ބޭނުންކުރުމުގެ ސަބަބުން ޚަރަދު ކުޑަވެ، ގިނަ ބަސްތަކުން ޚަބަރު ފޯރުކޮށްދިނުމަށް ފަސޭހަވެގެންދެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.