އެމެރިކާ އިން 35 އަހަރަށްފަހު ޕްލޫޓޯނިއަމް ޕިޓް އުފެއްދުމާއެކު ނިއުކްލިއަރ ވޯހެޑް އުފެއްދުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
އެމެރިކާގެ އެނަރޖީ ޑިޕާޓްމަންޓުގެ ނޭޝަނަލް ނިއުކްލިއަރ ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (އެންއެންއެސްއޭ) އިން ވަނީ ޑަބްލިއު87-1 މޮޑިފިކޭޝަން ޕްރޮގްރާމްގެ ދަށުން ޕްލޫޓޯނިއަމް ޕިޓެއް އުފެއްދުމުގައި ކާމިޔާބުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
ޑަބްލިއު87-1 ވޯހެޑުން ކުރީގެ ޑަބްލިއު78 ވޯހެޑު ބަދަލުކުރާނެއެވެ. އަދި މިއާއެކު އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ގެ ބައި ނިއުކްލިއަރ ޓްރައިޑްގެ ރައްކާތެރި، ސަލާމަތް އަދި ހަރުދަނާ ގޮތުގައި ދެމެހެއްޓޭނެއެވެ.
ޕްލޫޓޯނިއަމް ޕިޓް
އެންއެންއެސްއޭ އިން މިހާރު މަސައްކަތް ކުރަމުންދަނީ އަހަރަކު މަދުވެގެން 80 ޕިޓް އުފެއްދުމުގެ ޤާބިލުކަން އަލުން ގާއިމުކުރުމަށެވެ. ފިނިހަނގުރާމައިގެ ދުވަސްވަރު އެމެރިކާއަށް އަހަރަކު ސަތޭކަ ޕިޓް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވެއެވެ.
1989 ގައި ޕިޓް އުފެއްދުން ހުއްޓާލެވުނެވެ. އަދި މިހާރު އެންއެންއެސްއޭ އިން މަސައްކަތް ކުރަމުންދަނީ ފިނިހަނގުރާމައަށްފަހު ދަށްވެފައިވާ އުފެއްދުންތެރިކަމުގެ ޤާބިލުކަން ނިއުކްލިއަރ ސެކިއުރިޓީ އެންޓަރޕްރައިޒްގެ ތެރެއިން އަލުން އާރާސްތުކުރުމަށެވެ.
ޑަބްލިއު87-1 ޕިޓުގެ ފުރަތަމަ އުފެއްދުން (އެފްޕީޔޫ) އަށް ވާސިލުވުމަކީ އެމެރިކާގެ ނިއުކްލިއަރ ހަތިޔާރުގެ ސްޓޮކްޕައިލް މޮޑަނައިޒް ކުރުމަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.
ޑަބްލިއު87-1 ވޯހެޑަކީ ޑިފެންސް ޑިޕާޓްމަންޓުގެ ސެންޓިނަލް އައިސީބީއެމް އަށް އެހީތެރިވުމަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. އަދި މިއީ އެއްގަމުގައި ގާއިމުކުރެވިފައިވާ އެގައުމުގެ ނިއުކްލިއަރ ރައްކާތެރިކަމުގެ މުހިންމު ބައެއް ކަމުގައި ވާނެއެވެ.
ނިއުކްލިއަރ ވޯހެޑް
ޑަބްލިއު87-1 ނިއުކްލިއަރ ވޯހެޑަށް ފުރަތަމަ ފަހަރަށް ފުރިހަމައަށް ސެޓިފައިކުރެވިފައިވާ ޕްލޫޓޯނިއަމް ކޯ ރަސްމީކޮށް ވަނީ އެމެރިކާގެ ނިއުކްލިއަރ ސްޓޮކްޕައިލްއަށް އެންމެ މަތީ ފެންވަރެއްގައި ("ވޯ ރިޒާވް" ގެ ގޮތުގައި) ބޭނުންކުރުމަށް ހުއްދަ ދެވިފައެވެ.
އެންޓަރޕްރައިޒްގެ އެކި އޮފީސްތަކުގެ މާހިރުން، މިސާލަކަށް ލޯރެންސް ލިވަރމޯ ނޭޝަނަލް ލެބޯޓަރީ، ލޮސް އެލަމޮސް ނޭޝަނަލް ލެބޯޓަރީ (އެލްއޭއެންއެލް)، ކެންސަސް ސިޓީ ނޭޝަނަލް ސެކިއުރިޓީ ކެމްޕަސް (ކޭސީއެންއެސްސީ)، އަދި ނެވާޑާ ނޭޝަނަލް ސެކިއުރިޓީ ސައިޓުން 8 އަހަރު ވަންދެން އެންއެންއެސްއޭ އާއެކު ގާތުން މަސައްކަތްކޮށްފައިވެއެވެ.
އެފްޕީޔޫ ޕިޓް އުފެއްދުމަށް ބޭނުންވާ ކޮލިފިކޭޝަން، ސެޓިފިކޭޝަން، އަދި ޕްރޮޑަކްޓް ޤަބޫލުކުރުމުގެ އުސޫލުތައް އެކުލަވާލުމާއި ރަނގަޅު ކުރުމަށް އެފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.
ޕްލޫޓޯނިއަމް ޕިޓް އުފެއްދުމުގެ މަސައްކަތް ނިންމާފައިވަނީ އެލްއޭއެންއެލް ގައެވެ. ޕިޓް ފަރުމާކުރުމުގެ ޒިންމާ އުފުލާފައިވަނީ ލިވަރމޯ ލެބޯޓަރީ އިންނެވެ. އަދި ނިއުކްލިއަރ ނޫން ބައިތައް އުފެއްދުމުގެ ޒިންމާ އުފުލާފައިވަނީ ކޭސީއެންއެސްސީ އިންނެވެ.
"އަޅުގަނޑުމެންގެ މިޝަންގެ ބައިވެރިން މި ކޮމްޕްލެކްސް މަސައްކަތް ކުރުމަކީ ޑިފެންސް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އަސްކަރީ ބޭނުންތަކަށް ބޭނުންވާ އަދަދަށް ޕްލޫޓޯނިއަމް ޕިޓް އުފެއްދުމުގެ ޤާބިލުކަން އެންއެންއެސްއޭ އަށް އަނބުރާ ލިބި، މޮޑަނައިޒް ކުރުމުގެ މަގުމަތީގައި އެޅުނު މުހިންމު ފިޔަވަޅެކެވެ" ޑިފެންސް ޕްރޮގްރާމްތަކުގެ ޑެޕިއުޓީ އެޑްމިނިސްޓްރޭޓަރ، ޑރ. މާވިން އެޑަމްސް ވިދާޅުވިއެވެ.
އެންއެންއެސްއޭ އިން މިހާރު މަސައްކަތް ކުރަމުންދަނީ ހުރިހާ އުފެއްދުންތެރިކަމުގެ ވަސީލަތްތަކެއް އަލުން އާރާސްތުކޮށް، މޮޑަނައިޒްކޮށް، ނިއުކްލިއަރ ހަތިޔާރުތަކުގެ ރައްކާތެރިކަމުގެ ބަދަލުވަމުންދާ ލަނޑުދަނޑިތަކާ އެއްގޮތަށް ހަރުދަނާކަމާއެކު މަސައްކަތްކުރެވޭނެ އެންޓަރޕްރައިޒްއެއް އުފެއްދުމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.