ޓިކްޓޮކްގެ މައި ކުންފުނި ކަމުގައިވާ ބައިޓްޑާންސް އިން އާ ވެބް ސްކްރޭޕަރ އެއް ތަޢާރަފުކޮށްފިއެވެ.
ބައިޓްސްޕައިޑަރގެ ނަމުގައި 2024 ގެ އޭޕްރިލް މަހު ތަޢާރަފުކުރެވުނު މި ޓޫލަކީ މިހާތަނަށް ދުނިޔޭގައި ބޭނުންކުރެވޭ އެންމެ ހަލުވި ވެބް ސްކްރޭޕަރުތަކުގެ ތެރެއިން އެއް ސްކްރޭޕަރެވެ.
ބޮޓް މެނޭޖްމަންޓް ކުންފުންޏެއް ކަމުގައިވާ ކަސާޑާ އާއި ބޮޓް މޮނިޓަރިންގ ކުންފުންޏެއް ކަމުގައިވާ ޑާކް ވިޒިޓަރސް އިން ހޯދާފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި ByteDance ގެ Bytespider އިން ވެބް ޑޭޓާ ސްކްރޭޕްކުރަނީ OpenAI ގެ ChatGPT ޕްލެޓްފޯމަށް ބޭނުންކުރާ GPTbot އަށްވުރެ 25 ގުނަ ބާރު މިނެއްގައެވެ. އަދި Anthropic ގެ Claude ޕްލެޓްފޯމަށް ބޭނުންކުރާ ClaudeBot އަށްވުރެ 3،000 ގުނަ ބާރު މިނެއްގައި މިޓޫލް މަސައްކަތް ކުރާކަމަށް އެކުފުންނިން ބުނެފައިވެއެވެ.
ބައިޓް ސްޕައިޑަރ ތަޢާރަފުކުރެވުނީއްސުރެ، އޭގެ ހަރަކާތްތެރިކަން އިތުރުވަމުން އައިސްފައިވެއެވެ. ޚާއްޞަކޮށް ފާއިތުވި 6 ހަފްތާގެ ތެރޭގައި ސްކްރޭޕިންގ އިތުރުވެފައިވާ މިންވަރު ފާހަގަކުރެވެއެވެ. މީގެ ސަބަބުން ByteDance އިން ގޫގުލް، މެޓާ، އަދި OpenAI ފަދަ ޓެކް ޖަޔަންޓުންނާ ވާދަކުރުމަށް ތައްޔާރުވަމުންދާކަން ދޭހަވެއެވެ.
ނަމަވެސް، ByteDance ގެ މި ސްކްރޭޕަރ އިން އެހެން AI ކުންފުނިތަކުގެ ސްކްރޭޕަރުތަކެކޭ އެއްފަދައިން robots.txt ފައިލްތަކަށް އިޙްތިރާމް ނުކުރާކަން ފާހަގަކުރެވެއެވެ. މި ފައިލްތަކުގެ ބޭނުމަކީ ވަކި ވެބްސައިޓްތަކުން ޑޭޓާ ނުނެގުމަށް ސްކްރޭޕަރުތަކަށް އެންގުމެވެ. މިއީ ޤާނޫނީ ގޮތުން ތަންފީޒުކުރެވޭ ކަމެއް ނޫން ނަމަވެސް، ވެބް ސްކްރޭޕިންގ އަކީ ކޮޕީރައިޓް ޙައްޤުތަކާ ޚިލާފުވާ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ޚާއްޞަކޮށް AI މޮޑެލްތައް ތަމްރީނުކުރުމަށް މި ޑޭޓާ ބޭނުންކުރާއިރު، އޭގެ އަސްލު ވެރިފަރާތްތަކަށް އެއްވެސް ބަދަލެއް ނުލިބޭތީ މިކަމާމެދު ކަންބޮޑުވުން ފާޅުކުރެވެއެވެ.
ބައިޓް ޑާންސް އިން މިހާ ބާރަށް ވެބް ސްކްރޭޕިންގގައި ބައިވެރިވަނީ އެ ކުންފުނިން އައު ލާޖް ލޭންގުއޭޖް މޮޑެލް (LLM) އެއް ތައްޔާރުކުރަމުންދާތީ ކަމަށް ލަފާކުރެވެއެވެ. 2023 ގެ ކުރީކޮޅު ByteDance އިން Duabo ނަމަކަށް ކިޔާ ޗެޓް-ބޭސްޑް LLM އެއް ތަޢާރަފުކުރި ނަމަވެސް، އޭގެ ފަހުން އެއްކުރެވުނު ޑޭޓާ މި މޮޑެލްގައި ހިމެނިފައެއް ނުވާނެއެވެ.
ބައިޓްޑާންސް އިން މި އައު LLM ބޭނުންކޮށްފާނެ އެއް ގޮތަކީ ޓިކްޓޮކްގެ ސާރޗް ފަންކްޝަން ރަނގަޅުކުރުމަށެވެ. މިހާރުވެސް ޓިކްޓޮކްގެ ސާރޗް ފީޗަރ އަޕްޑޭޓްކޮށް، އިޝްތިހާރުދޭ ފަރާތްތަކަށް ޓްރެންޑިންގ ބަސްތައް ޓާގެޓްކުރެވޭ ގޮތް ހަދާފައިވެއެވެ. މި އައު AI މޮޑެލް ބޭނުންކޮށްގެން ޓިކްޓޮކްގެ ސާރޗް އިތުރަށް ރަނގަޅުކުރެވި، އިޝްތިހާރުދޭ ފަރާތްތަކަށް މިހާރު ގޫގުލް މެދުވެރިކޮށް ލިބޭ ޚިދުމަތްތަކާ ވާދަކުރެވިދާނެއެވެ.
މި ހުރިހާ ކަމަކާއެކު، ByteDance އަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ByteDance އިން ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް އަންގާ ޤާނޫނެއްގައި ސޮއިކުރައްވާފައެވެ. މިއީ ޤައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން އެޅުނު ފިޔަވަޅެކެވެ. ނަމަވެސް މި ހުރިހާ ކަމަކާ އެކުވެސް ByteDance އިން AI ދާއިރާގައި ކުރިއެރުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.