ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ގޫގަލްއިން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ޚާއްޞަ ކެމްޕަހެއް ހުޅުވައިފިއެވެ. މި ކެމްޕަހަކީ ސަރަޙައްދީ އޭއައި ހުނަރުވެރިން ތަމްރީނުކޮށް އެހީތެރިވުމަށް އަމާޒުކޮށްގެން ގާއިމުކޮށްފައިވާ ތަނެކެވެ.
ލަންޑަނުގެ ކެމްޑެން ސަރަޙައްދުގެ ސޮމަރސް ޓައުންގައި ހުޅުވާފައިވާ މި ކެމްޕަސް ތަރައްގީކޮށްފައިވަނީ ކެމްޑެން ކައުންސިލާއި ކެމްޑެން ލާނިންގ އާ ގުޅިގެންނެވެ. މި ކެމްޕަހުގައި ސަރަޙައްދުގެ ސިކްސްތް ފޯމް ނުވަތަ މަދަރުސާގެ އެންމެ ފަހު ދެއަހަރު ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ދެ އަހަރުގެ ތަޢުލީމީ ޕައިލެޓް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ގޫގުލްގެ ވައިސް ޕްރެޒިޑެންޓް އަދި ގޫގުލް ޔޫކޭ އާއި އަޔަލޭންޑްގެ މެނޭޖިންގ ޑިރެކްޓަރ ޑެބީ ވެއިންސްޓީން ވިދާޅުވީ، އޭއައި އަކީ އިންސާނީ މަސައްކަތުގެ ހުރިހާ ދާއިރާއެއްގައިވެސް މީހުންނަށް އެހީތެރިވެ، ބާރުވެރިކަން ދިނުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗަކަށްވާތީ، އަހަރެމެން ދިރިއުޅޭ، މަސައްކަތްކުރާ އަދި އުނގެނޭ ގޮތަށް އަސާސީ ބަދަލުތަކެއް ގެނައުމުގެ ބާރު އޭއައި އަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޖީލު ރަނގަޅު ޑިޖިޓަލް ހުނަރުތަކާއެކު ތައްޔާރުކުރުމަށް އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ޕައިލެޓް ޕްރޮގްރާމުގައި ދަރިވަރުންނަށް އޭއައި އާއި މެޝިން ލާނިންގ އާ ގުޅޭ އެންމެ ޒަމާނީ ވަސީލަތްތަކާއި، ގޫގުލް އާއި އޭގެ ޑީޕްމައިންޑް ޑިވިޜަން އަދި އެހެނިހެން ފަރާތްތަކުގެ މެންޓަރިންގ އާއި ޞިނާޢީ ތަޖުރިބާ ލިބިދެވޭނެއެވެ. މީގެ އިތުރުން، ދަރިވަރުން ޞިއްޙަތާއި، އިޖުތިމާޢީ ޢިލްމުތަކާއި، އާޓްސްގެ ދާއިރާތަކުގައި އޭއައި ބޭނުންކޮށްގެން ޙަޤީޤީ ދުނިޔޭގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާނެއެވެ.
ގޫގުލްއިން ހާމަކުރި ގޮތުގައި މި ޕްރޮގްރާމް މިހާރު ވަނީ ފެށިފައެވެ. އުމުރުން 16 އާއި 18 އަހަރާ ދެމެދުގެ 32 ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަށް ދަރިވަރުން ހޮވުމުގައި އިސްކަންދީފައިވަނީ ތަމްސީލުކުރެވިފައި ނުވާ ގްރޫޕްތަކުގެ ދަރިވަރުންނަށެވެ. މީގެ ތެރޭގައި ހިލޭ ސްކޫލް ކެއުން ލިބޭ ދަރިވަރުންވެސް ހިމެނެއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން މި ޕްރޮގްރާމް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މި ފުޅާކުރުމުގެ ތެރެއިން ކެމްޑެންގެ މުޅި ދަރިވަރުންގެ މުޖުތަމަޢަށް ސްކޫލުން ބޭރުގައި އުނގެނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދަރިވަރުންނަށް ޓެކްނޮލޮޖީ، ޑިޖިޓަލް، އަދި އަސާސީ އޭއައި އުނގެނުމުގެ ފުރުސަތުތައް އިތުރުކޮށް، އޭއައި އަށް އަމާޒުކޮށްގެން ހިންގޭ މާސްޓަރކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށްވެސް ވަނީ ރޭވިފައެވެ.
މި އައު އޭއައި ކެމްޕަހަކީ ގޫގުލްއިން އިނގިރޭސިވިލާތުގައި އޭއައި ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ޒުވާނުންނަށް އޭއައިގެ ދާއިރާއިން ތަމްރީނާއި ފުރުސަތުތައް ލިބި، އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ގޫގުލްގެ މި އިސްނެގުމަކީ އޭއައި ދާއިރާގައި އިނގިރޭސިވިލާތުގެ މަޤާމު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުންނާއި އިންޑަސްޓްރީގެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މި ކެމްޕަހުގެ ސަބަބުން ލަންޑަނުގެ އޭއައި އިކޯސިސްޓަމް އިތުރަށް ފުޅާވެ، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިނޮވޭޝަނާއި ވިޔަފާރީގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ވެއިންސްޓީން އިތުރަށް ވިދާޅުވީ، އެކުންފުނިން މިހާރުވެސް އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި އެއް މިލިއަނަށްވުރެ ގިނަ މީހުންނާއި ވިޔަފާރިތަކަށް ޑިޖިޓަލް އަދި އޭއައި ހުނަރުތައް ދަސްކޮށްދީފައިވާނެކަމަށެވެ. މިކަން ކޮށްފައިވަނީ ސަރުކާރުތަކާއި، ވަޒީފާގެ ޔޫނިއަންތަކާއި، އެންޖީއޯތަކާއި އަދި މުޖުތަމަޢުތަކާ ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަހުން ވަނީ އޭއައި ވަރކްސް ޕްރޮގްރާމް ތަޢާރަފުކޮށްފައި ކަމަށާއި، މި ޕްރޮގްރާމުގެ މަޤްޞަދަކީ އިނގިރޭސިވިލާތުގައި އޭއައި ހުނަރުތައް އަވަސް ގޮތެއްގައި އުނގެނުމަށް އެންމެ ފައިދާހުރި ގޮތްތައް ދެނެގަނެ، އުފެއްދުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭއައި އާ ގުޅޭ ފުރަތަމަ ދަރަޖައިގެ ތަޢުލީމެއް ލިބިގަތުމުން، ކުރިއަށް އޮތް ޖީލަށް އޭއައި ބޭނުންކޮށްގެން ބޮޑެތި ބަދަލުތައް ގެނައުމުގައި އިސްނެގުމުގެ ފުރުސަތު ލިބިގެންދާނެ. މިއީ އިނގިރޭސިވިލާތުގެ ދުނިޔޭގެ ވާދަވެރިކަން އިތުރުކުރުމަށް ބާރުލިބޭނެ ކަމެއް. އަދި ހަމައެހެންމެ، މީހުންގެ ދިރިއުޅުން ބަދަލުކޮށް، ފުރާނަ ސަލާމަތްކުރެވިދާނެ ސައިންޓިފިކް ކުރިއެރުންތަކަށްވެސް މަގުފަހިވެގެންދާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
މި އައު ކެމްޕަސް ހުޅުވުމާއެކު، ގޫގުލްއިން ރާސްޕްބެރީ ޕައި ފައުންޑޭޝަނަށް އިތުރު 865,000 ޕައުންޑުގެ ފަންޑެއް ދޭނެކަން އިޢުލާނުކޮށްފައިވެއެވެ. މި ފަންޑުގެ މަޤްޞަދަކީ ރާސްޕްބެރީ ޕައި ފައުންޑޭޝަނާއި ގޫގުލް ޑީޕްމައިންޑް ގުޅިގެން އުފައްދާފައިވާ ހިލޭ ތަޢުލީމީ ޕްރޮގްރާމެއް ކަމަށްވާ "އެކްސްޕީރިއަންސް އޭއައި" ފުޅާކުރުމެވެ.
މި ފަންޑުގެ އެހީގައި ރާސްޕްބެރީ ޕައި ފައުންޑޭޝަނުން ޕޭރެންޓްޒޯން އާ ގުޅިގެން މި ޕްރޮގްރާމް ފުޅާކޮށް، އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި އިތުރު މުދައްރިސުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު 250,000 ދަރިވަރުންނަށް މި ޕްރޮގްރާމުގެ ފައިދާ ފޯރުކޮށްދިނުމެވެ.
މި އައު ކެމްޕަސް ތަރައްޤީކުރުމާ ގުޅޭގޮތުން ކެމްޑެން ކައުންސިލުން ފުރަތަމަ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން، "ނޭދެވޭ ނުވަތަ މައްސަލަ އުޅޭ މީޑިއާ ރިއެކްޝަނެއް" އަތުވެދާނެކަމުގެ ފުރުސަތު އޮތްކަމަށް ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް، މި ޕްލޭންތައް މާރިޗު މަހު ވަނީ ފާސްކޮށްފައެވެ.
މީގެ ހަ އަހަރު ކުރިން ގޫގަލްއިން ބޯރޯގައި އިމާރާތް ކުރަން ފެށި އާ ކިންގްސް ކްރޮސްގެ މައި މަރުކަޒަށް ބަދަލުވުން ފައިނަލް ކުރާނެ އެވެ.
300 މީޓަރު ދިގު، 11 ބުރީގެ މި އިމާރާތުގައި 7،000 މުވައްޒަފުން ތިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.