ރާސްބެރީ ޕައި ފައުންޑޭޝަނުން އެ ކުންފުނީގެ އައު ކޮމްޕިއުޓަރު، ރާސްބެރީ ޕައި 500 ތަޢާރަފުކޮށްފިއެވެ. މިސިސްޓަމްގައި އެކުލެވިގެންވަނީ ރާސްބެރީ ޕައި 5 ކީބޯޑެކެވެ.
މި އައު ކޮމްޕިއުޓަރުގައި ހަތަރު ކޯ ޕްރޮސެސަރެއް ހިމެނެއެވެ. މިއީ ކޯޓެކްސް-އޭ76 ކޯތަކެކެވެ. މި ޕްރޮސެސަރަކީ ޕައި 400 އާ އަޅާބަލާއިރު ދެ ގުނަ ބާރު ޕްރޮސެސަރެކެވެ. މީގެ އިތުރުން މި ކޮމްޕިއުޓަރުގައި 8 ޖީބީ ރެމް ހިމެނެއެވެ. އަދި މެމޮރީގެ ގޮތުގައި މައިކްރޯ އެސްޑީ ކާޑެއް ބޭނުންކުރަން ޖެހެއެވެ.ހެއެވެ. މި ކޮމްޕިއުޓަރާއެކު 32 ޖީބީގެ މެމޮރީ ކާޑެއް ލިބޭނެއެވެ.
ރާސްބެރީ ޕައި 500 ކޮމްޕިއުޓަރުގައި ދެ ޔޫއެސްބީ 3.0 ޕޯޓާއި، އެއް ޔޫއެސްބީ 2.0 ޕޯޓާއި، އެއް ގިގަބިޓް ލޭން ޕޯޓާއި، ދެ މައިކްރޯ އެޗްޑީއެމްއައި ޕޯޓު ހިމެނެއެވެ. މި ދެ އެޗްޑީއެމްއައި ޕޯޓު މެދުވެރިކޮށް ދެ 4ކޭ ޑިސްޕްލޭ ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ބްލޫޓޫތާއި ވައިފައި ވެސް މި ކޮމްޕިއުޓަރުގައި ހިމެނެއެވެ.
މި ކީބޯޑު 90 ޑޮލަރަށް ގަނެވޭނެއެވެ. އަދި މި ކޮމްޕިއުޓަރުގެ ޑެސްކްޓޮޕް ކިޓް 120 ޑޮލަރަށް ލިބޭނެއެވެ. މި ކިޓުގައި ކީބޯޑުގެ އިތުރުން ރާސްބެރީ މައުސްއަކާއި، 27 ވޯޓުގެ ޕަވަރ އެޑަޕްޓަރަކާއި، މައިކްރޯ އެޗްޑީއެމްއައި ޓު އެޗްޑީއެމްއައި ކަންވާޝަން ކޭބަލެއް ހިމެނެއެވެ.
ރާސްބެރީ ޕައި ފައުންޑޭޝަނުން ވަނީ އެ ކުންފުނީގެ ފުރަތަމަ ސްކްރީނު ވެސް ތަޢާރަފުކޮށްފައެވެ. މިއީ 15.6 އިންޗީގެ ސްކްރީނެކެވެ. މި ސްކްރީނުގައި އައިޕީއެސް ޕެނަލަކާއި 1080ޕީ ރެޒޮލިއުޝަނާއި ބިލްޓް-އިން ސްޕީކަރުތަކެއް ހިމެނެއެވެ.
މި ސްކްރީނު ރާސްބެރީ ޕައި ކޮމްޕިއުޓަރަކާ ގުޅާލެވޭނީ ހަމައެކަނި ޔޫއެސްބީ ސީ ޕޯޓެއް މެދުވެރިކޮށެވެ. އިތުރު އެޑަޕްޓަރެއް ބޭނުމެއް ނުވާނެއެވެ. މި ސްކްރީނުގެ އަގަކީ 100 ޑޮލަރެވެ.
ރާސްބެރީ ޕައި ފައުންޑޭޝަނަކީ 2009 ވަނަ އަހަރު އުފެދުނު، ކުޑަ އަގެއްގައި ކޮމްޕިއުޓަރު ޓެކްނޮލޮޖީ އާންމުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޗެރިޓީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ފުރަތަމަ ރާސްބެރީ ޕައި ކޮމްޕިއުޓަރު ނެރުނީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ކުންފުނިން ވަނީ ތަފާތު ވަރުގަދަ ކޮމްޕިއުޓަރުތަކެއް ނެރެފައެވެ.
ރާސްބެރީ ޕައި ކޮމްޕިއުޓަރުތަކަކީ ކުޑަ އަގެއްގައި ލިބޭ، ކުދި ސައިޒުގެ ކޮމްޕިއުޓަރުތަކަކަށް ވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ ބޭނުންތަކަށާއި، ޓެކްނޮލޮޖީ ދަސްކުރުމަށް ބޭނުންކުރާ މަޤްބޫލު އުފެއްދުމަކަށް ވެފައިވެއެވެ. ޕައި 500 އަކީ މި ކުންފުނިން ނެރޭ އެންމެ ފަހުގެ އުފެއްދުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.