ސިކުންތަކު 100 ގިގަބިޓްސް ޑޭޓާ ފޯރުކޮށްދޭ ޓެކްނޮލޮޖީއެއް

އަޙްމަދު ދާއޫދު 05 ޖެނުއަރީ 2025

ޗައިނާގެ ޗޭންގް ގުއާންގް ސެޓެލައިޓް ޓެކްނޮލޮޖީ އިން ސެޓެލައިޓް ކޮމިއުނިކޭޝަން ދާއިރާގައި އާ ކާމިޔާބީއެއް ހޯދައިފިއެވެ. މި ކުންފުނިން ވަނީ އެއް ސިކުންތުގައި 100 ގިގަބިޓްސް މަޢުލޫމާތު ފޯރުކޮށްދޭ މުޅިން އައު ޓެކްނޮލޮޖީއެއް އުފައްދާފައެވެ.

މިއީ އެކުންފުނިން ކުރިން ހޯދާފައިވާ ރެކޯޑަށްވުރެ 10 ގުނަ ހަލުވި މިންވަރެކެވެ. އަދި މިއީ އިލޮން މަސްކްގެ ސްޓާލިންކްއަށްވުރެ ވެސް ހަލުވި އަދި ފުރިހަމަ އުފެއްދުމެކެވެ.

މި ކާމިޔާބީ ހޯދާފައިވަނީ މޮބައިލް ޓްރަކަކުން ބިމުގައި ބެހެއްޓި ސްޓޭޝަނަކާއި ޖިލިން-1 ކޮންސްޓެލޭޝަންގެ ސެޓެލައިޓަކާ ދެމެދުގައެވެ. ޖިލިން-1 އަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ރިމޯޓް ސެންސިންގް ސެޓެލައިޓް ނެޓްވޯކެވެ. މި ނެޓްވޯކްގައި 117 ސެޓެލައިޓް ހިމެނެއެވެ. މި ސެޓެލައިޓްތަކަކީ އެއް މީޓަރަށްވުރެ ކުޑަކޮށް ބިން ފެންނަ ވަރުގެ ކެމެރާތައް ހަރުކޮށްފައިވާ ސެޓެލައިޓްތަކެކެވެ.

ޗޭންގް ގުއާންގްގެ ލޭޒަރ ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވެރިޔާ ވާންގް ހަންގްހަންގް ވިދާޅުވި ގޮތުގައި ސްޓާލިންކް އިން ސެޓެލައިޓްތަކާ ދެމެދުގައި ލޭޒަރ ކޮމިއުނިކޭޝަން ގާއިމްކޮށްފައި ވީނަމަވެސް އަދި ސެޓެލައިޓުން ބިމަށް ލޭޒަރ ކޮމިއުނިކޭޝަން ގާއިމް ނުކުރެއެވެ. މި އާ ޓެކްނޮލޮޖީ އިން ކުރިއަށް އޮތްތަނުގައި 6ޖީ އިންޓަނެޓާއި ރިމޯޓް ސެންސިންގް ދާއިރާއަށް ފަހިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޗޭންގް ގުއާންގް އިން ތައްޔާރުކޮށްފައިވާ ލޭޒަރ ކޮމިއުނިކޭޝަން ޓާރމިނަލްގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެއީ މޮބައިލް ޓާރމިނަލް އަކަށް ވުމެވެ. މޫސުން ގޯސްވުމުން އެހެން ތަނަކަށް ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓާރމިނަލްގެ ސަބަބުން ޗައިނާގެ ސެޓެލައިޓް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެއާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ޗައިނާގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މި ޓެކްނޮލޮޖީގެ އެންމެ މުހިންމު ބޭނުމަކީ ސެޓެލައިޓް އަދި ބިމުގެ މެދުގައި އިންޓަނެޓް ކޮމިއުނިކޭޝަން އިތުރަށް ހަލުވިކުރުމެވެ. މިއީ މިހާތަނަށް ދުނިޔޭގައި ހޯދިފައިވާ އެންމެ ހަލުވި ލޭޒަރ ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ. މި ޓެކްނޮލޮޖީއާއެކު، ސެޓެލައިޓް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އިތުރު ހަލުވިކަމާއި ފަސޭހަކަން ލިބިގެންދާނެއެވެ. ރިމޯޓް ސެންސިންގް ސެޓެލައިޓްތަކުން ނަގާ ފޮޓޯ އަދި ވީޑިއޯތައް ބިމަށް ފޮނުވުން އިތުރަށް ހަލުވިވެގެންދާނެއެވެ.

ޗައިނާގެ މި އައު ކާމިޔާބީއަކީ އެ ޤައުމުގެ ސްޕޭސް ޕްރޮގްރާމްގެ އިތުރު ކުރިއެރުމެކެވެ. މީގެ ކުރިން ވެސް ޗައިނާ ވަނީ 6 ވަނަ ޖެނެރޭޝަންގެ ސްޓެލްތް ޖެޓް ތައްޔާރުކުރުމުގައި ކާމިޔާބު ހޯދާފައެވެ. އަދި މިފަހަރު ލޭޒަރ ކޮމިއުނިކޭޝަންގެ މައިދާނުގައި ވެސް އިތުރު ކުރިއެރުމެއް މިވަނީ ހޯދައިފައެވެ.

މިކަމުން ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ކުރިއެރުމާއި، އެ ޤައުމުން މި ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ފެންނަން އެބަހުއްޓެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.