އިންޑޮނޭޝިއާގައި އައިފޯން 16 މަނާކުރީ ކީއްވެ؟

އަޙްމަދު ދާއޫދު 23 ޖެނުއަރީ 2025

އިންޑޮނޭޝިއާ އާއި އެޕަލް ކުންފުންޏާ ދެމެދު މިހާރު ވަނީ ވިޔަފާރީގެ ހަނގުރާމައެއް ފެށިފައެވެ. މި ހަނގުރާމައިގެ މައިގަނޑު ސަބަބަކީ އެޕަލްގެ އައު އުފެއްދުމެއް ކަމުގައިވާ އައިފޯން 16 އިންޑޮނޭޝިއާގެ ބާޒާރަށް ނެރުމަށް އެ ޤައުމުގެ ސަރުކާރުން ހުއްދަ ނުދިނުމެވެ.

އިންޑޮނޭޝިއާ ސަރުކާރުން މި ނިންމުން ނިންމި ސަބަބު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ އެޕަލް އިން އިންޑޮނޭޝިއާގައި އިތުރަށް އިންވެސްޓް ކުރުވުމަށް ބާރު އެޅުމެވެ. އެޕަލްގެ އުފެއްދުންތައް އިންޑޮނޭޝިއާގެ ބާޒާރަށް ނެރުމުގެ ހުއްދަ ދޭނީ އެ ޤައުމުގައި އުފެއްދުންތެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ ނަމައެވެ.

2023 ވަނަ އަހަރު އިންޑޮނޭޝިއާގެ ވިޔަފާރިވެރިން ވިއްކާފައިވަނީ 2.3 މިލިއަން އައިފޯނެވެ. ނަމަވެސް އެޕަލްގެ އެއްވެސް އުފެއްދުމެއް އިންޑޮނޭޝިއާގައި އުފައްދާ ތަނެއް ނެތެވެ. އެހެންކަމުން، އިންޑޮނޭޝިއާގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ހައިޓެކް އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ބޭނުންވެއެވެ. މިކަން ހާސިލުކުރުމަށްޓަކައި އެޕަލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމީއެވެ.

މި ސިޔާސަތު ކޮންމެވެސް ވަރަކަށް ކާމިޔާބުވެފައިވެއެވެ. އެޕަލްއިން ފުރަތަމަ ހުށަހެޅީ 100 މިލިއަން ޑޮލަރު އިންވެސްޓް ކުރާށެވެ. ނަމަވެސް ފަހުން މި އަދަދު 1 ބިލިއަން ޑޮލަރަށް އިތުރުކޮށް، ބަޓަމްގައި އުފެއްދުންތެރިކަމުގެ މަރުކަޒެއް ޤާއިމުކުރުމަށް އެއްބަސްވިއެވެ. އެހެންނަމަވެސް، 2024 ގެ ޖަނަވަރީ މަހުގެ ކުރީކޮޅުގައިވެސް އައިފޯން 16 އިންޑޮނޭޝިއާގެ ބާޒާރަށް ނެރުން ވަނީ މަނާކުރެވިފައެވެ.

މިހާރު ފެންނަ ގޮތުގައި، އެޕަލްއިން ކޮންސެޝަންތަކެއް ލިބުމާ ގުޅިގެން، ސަރުކާރުގެ ބައެއް ފަރާތްތަކުން އިތުރު ޝަރުތުތަކެއް ކުރިމަތިކުރަމުންދެއެވެ. މީގެ ތެރޭގައި ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާގައި އިންވެސްޓްކުރުން ހިމެނެއެވެ. ނަމަވެސް، ގިނަ ފަރާތްތަކުން ދެކޭގޮތުގައި މިފަދަ ކުއްލި ބަދަލުތަކާއި ސިޔާސަތުތަކުގެ ސާފުކަން ނެތުމަކީ އެޕަލް ފަދަ ބޮޑެތި ކުންފުނިތައް އިންޑޮނޭޝިއާގައި އިންވެސްޓް ކުރުމަށް ފަސްޖެހޭ ސަބަބެވެ.

އިންޑޮނޭޝިއާ އާއި އެޕަލްއާ ދެމެދު އުފެދިފައިވާ މި ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނެސް، ދެފަރާތަށްވެސް ފައިދާވާނެ ގޮތަކަށް މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެކެވެ. މިފަދަ ވިޔަފާރީގެ ހަނގުރާމަތަކުން ގެއްލުންވަނީ ހަމައެކަނި ދެފަރާތަށް އެކަންޏެއް ނޫނެވެ. އިންޑޮނޭޝިއާގެ ސަރުކާރާއި އެޕަލް ދެމެދު އޮތް މި ޚިލާފުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވަނީ އާންމު ރައްޔިތުންނަށެވެ.

އެޕަލްގެ އައު އުފެއްދުންތައް ބޭނުންކުރުމުގެ ފުރުސަތު ގެއްލި، އަދި އެޕަލް އިންޑޮނޭޝިއާގައި އިންވެސްޓް ކުރާނަމަ ލިބިދާނެ ވަޒީފާގެ ފުރުސަތުތައްވެސް ގެއްލިގެންދެއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން މި މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ ދެކޮޅުޖެހޭ، ދެމެހެއްޓެނިވި ސިޔާސަތެއް ނޫނެވެ. ބޭރުގެ އިންވެސްޓަރުންނަށް މިފަދަ ބިރުވެރިކަމެއް އޮތް މާޙައުލެއްގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިކަމެއް ނުހުންނާނެއެވެ. އަދި މިފަދަ ސިޔާސަތުތަކުގެ ސަބަބުން އިންޑޮނޭޝިއާގެ އިޤްތިޞާދަށް ދިގު މުއްދަތެއްގައި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އެހެންކަމުން، އިންޑޮނޭޝިއާގެ ސަރުކާރުން ވިސްނަންވީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ. އަދި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކާއެކު ވާހަކަދައްކައިގެން، ދެފަރާތަށްވެސް ފައިދާވާނެ ގޮތަކަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށެވެ. މިގޮތުން، އިންޑޮނޭޝިއާގައި އިންވެސްޓް ކުރާ ފަރާތްތަކަށް ޓެކްސް ލުއިތަކާއި އެހެނިހެން އިނާޔަތްތައް ދިނުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.