ދުނިޔެ މިހާރު މިވަނީ އާ އިންޤިލާބީ ބަދަލެއްގެ ތެރެއަށް ވަދެފައެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މަސައްކަތުގެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކާއި އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުންވެސް އައު ހުނަރުތަކަކަށް ވަޒީފާގެ ބާޒާރުގައި ޑިމާންޑް އުފެދެމުން އެބަދެއެވެ.
މިރިޕޯޓަކީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ "ފިއުޗަރ އޮފް ޖޮބްސް ރިޕޯޓް 2024" ގައި ބަޔާންކޮށްފައިވާ ދިރާސާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚުލާސާއެކެވެ.
2030 ވަނަ އަހަރާ ހަމައަށް މަސައްކަތުގެ މައިދާނަށް އަންނާނެ ބަދަލުތަކާއި ބެހޭ މި ދިރާސާގައި، ޓެކްނޮލޮޖީގެ ރޮނގުން އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަކީ ޑިޖިޓަލް އެކްސެސް އިތުރުވުން ކަމަށް ވިޔަފާރިތަކުގެ 60 އިންސައްތަ ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އާއި އިންފޮމޭޝަން ޕްރޮސެސިންގ (86%)، ރޮބޮޓިކްސް އަދި އޮޓޮމޭޝަން (58%)، އަދި ހަކަތަ އުފެއްދުމާއި ރައްކާކުރުމާއި ބެހުން (41%) ވެސް މުހިންމު ބަދަލުތަކެއް ގެނުވާނެ ކަމަށް ފާހަގަކުރެވެއެވެ.
މި ބަދަލުތަކުގެ ސަބަބުން ވަޒީފާތަކަށް ޓެކްނޮލޮޖީއާ ގުޅުންހުރި ހުނަރުތައް، ޚާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑޭޓާ، ނެޓްވަރކް އަދި ސައިބަރ ސެކިއުރިޓީ، އަދި ޓެކްނޮލޮޖީގެ އުފެއްދުންތެރިކަމަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެއެވެ.
ދިރިއުޅުމުގެ އަގު ބޮޑުވުމަކީ އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވާނެ ކަމެއްގެ ގޮތުގައި 50 އިންސައްތަ ވިޔަފާރިތަކުން ފާހަގަކޮށްފައިވެއެވެ. އިޤްތިޞާދީ ދުވެލި މަޑުޖެހުމަކީވެސް 42 އިންސައްތަ ވިޔަފާރިތަކަށް ބަދަލު ގެނުވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ބަދަލުތަކުގެ ސަބަބުން މުވައްޒަފުންގެ ކިބައިގައި އުފެއްދުންތެރި ވިސްނުމާއި، ބަދަލުތަކާ އެކު ދެމިތިބުމުގެ ޤާބިލުކަން އިތުރަށް މުހިންމުވެގެންދާނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ހޭނުމަކީވެސް 47 އިންސައްތަ އަދި 41 އިންސައްތަ ވިޔަފާރިތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މި ބަދަލުތަކުގެ ސަބަބުން އިއާދަކުރަނިވި ހަކަތައިގެ އިންޖިނިއަރުންނާއި، ތިމާވެށީގެ އިންޖިނިއަރުންނާއި، އިލެކްޓްރިކް އަދި އޮޓޮނޮމަސް ވެހިކަލް ސްޕެޝަލިސްޓުންގެ ބޭނުން އިތުރުވެގެންދާނެއެވެ.
ވަޒީފާގެ މައިދާނަށް ބަލާއިރު، 2025 އިން 2030 އާ ދެމެދު މިހާރު ހުރި ވަޒީފާތަކުގެ 22 އިންސައްތައަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން 14 އިންސައްތަ (170 މިލިއަން) އަކީ އައު ވަޒީފާތަކެވެ. ނަމަވެސް މިހާރު ހުރި ވަޒީފާތަކުގެ ތެރެއިން 8 އިންސައްތަ (92 މިލިއަން) ވަޒީފާ ގެއްލިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ޖުމުލަކޮށް 7 އިންސައްތަ (78 މިލިއަން) ވަޒީފާ އިތުރުވާނެ ކަމަށް ބެލެވެއެވެ. އެންމެ ބޮޑަށް އިތުރުވާނެ ވަޒީފާތަކުގެ ތެރޭގައި ދަނޑުވެރިން، ޑެލިވަރީ ޑްރައިވަރުން، ޢިމާރާތްކުރުމުގެ މަސައްކަތްތެރިން، ވިއްކުންތެރިން، އަދި ކާބޯތަކެތި އުފެއްދުމުގެ މަސައްކަތްތެރިން ހިމެނެއެވެ. މީގެ އިތުރުން ނަރުހުންނާއި، އިޖުތިމާޢީ މަސައްކަތްތެރިންނާއި، ކައުންސެލަރުންނާއި، އަމިއްލަ ބަލަދުވެރިންނާއި، މަތީ ތަޢުލީމާއި ސާނަވީ ތަޢުލީމުގެ މުދައްރިސުން ފަދަ ވަޒީފާތަކަށްވެސް ޑިމާންޑް އިތުރުވެގެންދާނެއެވެ.
މިހާރު ހުރި ހުނަރުތަކުގެ ތެރެއިން 39 އިންސައްތަ ހުނަރު 2025-2030 ގެ ތެރޭގައި ބަދަލުވެގެންދާނެ ނުވަތަ ބޭނުން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ވަޒީފާދޭ ފަރާތްތަކުން އެންމެ ބޮޑަށް ބޭނުންވާ މައިގަނޑު ހުނަރަކީ ތަޙުލީލީ ވިސްނުމެވެ. މީގެ އިތުރުން ދެމިތިބުމުގެ ޤާބިލުކަމާއި، ބަދަލުތަކާ އެކީ ކުރިއަށް ދިއުމުގެ ޤާބިލުކަމާއި، ލީޑަރޝިޕް އަދި އިޖުތިމާޢީ ނުފޫޒު ހިމެނެއެވެ.
ވަޒީފާތަކުގެ ހުނަރު ތަރައްޤީކުރުމުގެ މުހިންމުކަން އިތުރުވެފައިވާ ކަމަށް މި ދިރާސާއިން ދައްކައެވެ. 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ މަސައްކަތްތެރިންގެ 59 އިންސައްތަ މީހުންނަށް ތަމްރީނު ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން 29 އިންސައްތަ މީހުންނަށް މިހާރު އަދާކުރާ ވަޒީފާތަކުގައި ތިބެގެން ހުނަރު އިތުރުކުރެވިދާނެ ކަމަށާއި، 19 އިންސައްތަ މީހުންގެ ހުނަރު އިތުރުކޮށް އެހެން ވަޒީފާތަކަށް ބަދަލުކުރެވިދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް 11 އިންސައްތަ މީހުންނަށް ބޭނުންވާ ހުނަރު ލިބުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން 85 އިންސައްތަ ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް އިސްކަން ދޭނެ ކަމަށް ބުނެފައިވެއެވެ. އަދި 70 އިންސައްތަ ތަންތަނުން އައު ހުނަރު ހުރި މީހުން ވަޒީފާއަށް ނެގުމަށް ރާވާފައިވާއިރު، 40 އިންސައްތަ ތަންތަނުން ބޭނުންވާ ހުނަރު ނެތް މުވައްޒަފުން މަދުކުރުމަށް ރާވާފައިވެއެވެ. އަދި ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވަނީ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅިގެން އެމީހުންގެ ވިޔަފާރި އަލުން ބައްޓަންކުރުމަށް ރޭވިފައެވެ. މީގެ އިތުރުން ވަޒީފާދޭ ދެބައިކުޅައެއްބައި ފަރާތްތަކުން 2030 ވަނަ އަހަރާ ހަމައަށް މުސާރައަށް ކުރާ ޚަރަދު އިތުރުކުރުމަށް ރާވާފައިވާއިރު، 7 އިންސައްތަ ތަންތަނުން މުސާރައަށް ކުރާ ޚަރަދު މަދުކުރުމަށް ރޭވިފައިވެއެވެ.
މުސާރައިގެ ސްޓްރެޓެޖީތައް ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރާ އެއްހަމައެއްގައި މުސާރަ ބެހެއްޓުމަށާއި، ހުނަރުވެރި މުވައްޒަފުން ހޯދުމާއި ހިފެހެއްޓުމަށެވެ.
ޑައިވަރސިޓީ، އިކުއިޓީ އަދި އިންކްލޫޝަން އިނީޝިއޭޓިވްތަކުގެ މުހިންމުކަންވެސް އިތުރުވެފައިވާ ކަމަށް މި ދިރާސާއިން ދައްކައެވެ. މިގޮތުން ތަފާތު ހުނަރު ހުރި މީހުން ވަޒީފާއަށް ނެގުމުގެ މުހިންމުކަން ފާހަގަކުރާ ވަޒީފާދޭ ފަރާތްތައް ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު ހަތަރު ގުނަ އިތުރުވެފައިވެއެވެ. އަދި މިހާރު 83 އިންސައްތަ ވަޒީފާދޭ ފަރާތްތަކުގައި ޑައިވަރސިޓީ، އިކުއިޓީ އަދި އިންކްލޫޝަން އިނީޝިއޭޓިވްތައް ހިންގަމުންދާއިރު، 2023 ވަނަ އަހަރު މި ނިސްބަތް ހުރީ 67 އިންސައްތައިގައެވެ. ޚާއްސަކޮށް ޔޫރަޕުގެ ވިޔަފާރިތަކުގައި މިފަދަ އިނީޝިއޭޓިވްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު (96%)، 50،000 އަށްވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގައިވެސް (95%) މި ނިސްބަތް ވަރަށް މަތިވެއެވެ.
މުވައްޒަފުންގެ ސިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަކީ ހުނަރުވެރި މުވައްޒަފުން ހޯދުމަށް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި 64 އިންސައްތަ ތަންތަނުން ފާހަގަކޮށްފައިވެއެވެ. މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތަކާއި، ވަޒީފާގެ ކުރިއެރުން ދިނުމަކީވެސް މުވައްޒަފުން ހޯދުމަށް ބޭނުންކުރެވިދާނެ މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތަކަށް ފައިސާ ދިނުމާއި، އެ ޕްރޮގްރާމްތައް ހިންގުމަކީ ހުނަރުވެރި މުވައްޒަފުން އިތުރުކުރުމަށް ސަރުކާރުން އެޅިދާނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ގޮތުގައި ފާހަގަކުރެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.