އޭއައި ބޭނުންކޮށްގެން ޖީމެއިލް ހެކްކުރަނީ. ސަމާލުވޭ!

އަޙްމަދު ދާއޫދު 02 ފެބްރުއަރީ 2025

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޖީމެއިލް ހެކްކުރަމުންދާތީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޖީމެއިލް ބޭނުންކުރާ 2.5 ބިލިއަން މީހުންނަށް ސަލާމަތީ އިންޒާރެއް ދީފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން ކުރާ ހެކެއްކަން ކަށަވަރުވެފައިވާ ކަމަށް ގޫގުލްއިން ވަނީ ބުނެފައެވެ.

މި ހެކުގައި ހެކަރުން ވަރަށް މަކަރުވެރި ގޮތްތަކެއް ބޭނުންކުރާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ހެކަރުން އެމީހުންގެ އައިޑެންޓިޓީ ފޮރުވުމާއި، އެވަޓާތައް ބޭނުންކޮށްގެން އައު ގޮތްތަކަކަށް ހަމަލާދިނުމާއި، އަދި ގޫގުލްގެ ޓޫފެކްޓަރ އޮތެންޓިކޭޝަން ވެސް ބައިޕާސްކުރުން ހިމެނެއެވެ.

ހެކް ކްލަބްގެ ބާނީ ޒަކް ލައްޓާ ވިދާޅުވި ގޮތުގައި، މި ހެކުގައި ހެކަރުން ގޫގުލްގެ ސަޕޯޓް ޓެކްނީޝަނެއްގެ ގޮތުގައި ހެދިގެން ފޯނުކޮށް، އެކައުންޓް ހެކްވެފައިވާ ކަމަށް ބުނެ، އީމެއިލް މެދުވެރިކޮށް ކޯޑެއް ފޮނުވައި، އެކައުންޓް އަލުން ރީސެޓްކުރަން އުޅެފައިވެއެވެ. އަދި މި ހެކަރުން ބޭނުންކޮށްފައިވަނީ ގޫގުލްގެ ރަސްމީ ޑޮމެއިނެއް ކަމަށްވެސް ލައްޓާ ވިދާޅުވިއެވެ.

ލައްޓާ އިތުރަށް ވިދާޅުވި ގޮތުގައި، މި ހެކަރުން ބޭނުންކުރި ފޯނު ނަންބަރަކީ ވެސް ގޫގުލްގެ ވެބްސައިޓުގައި ލިސްޓްކޮށްފައިވާ ނަންބަރެކެވެ. ނަމަވެސް ފަހުން އޭނާއަށް ވަނީ މިއީ އޭއައި ބޭނުންކޮށްގެން ދެމުންދާ ވަރަށް ފުރިހަމަ ހަމަލާއެއްކަން ދެނެގަނެވިފައެވެ.

ގޫގުލްއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ ވަރަށް ސީރިއަސް މައްސަލައެއްކަމަށާއި، މިކަމާ ގުޅޭގޮތުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދި ޖީމެއިލް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ.

މި މައްސަލައާ ގުޅޭގޮތުން އޮކްޓޯބަރު 11 ގައި ފުރަތަމަ އިންޒާރު ދެވުނު ކަމަށާއި، އެ ވަގުތު އެ ޚަބަރު ވަރަށް ބޮޑަށް ފެތުރުނު ކަމަށް ގޫގުލްއިން ވަނީ ބުނެފައެވެ.

މި ހަމަލާގެ ގޮތްތައް ކުރީގައި ވެސް ބޭނުންކުރި ގޮތްތަކާ ވަރަށް ބޮޑަށް ދިމާވާ ކަމަށާއި، ނަމަވެސް ޖީމެއިލް ބޭނުންކުރާ 2.5 ބިލިއަން މީހުންނަށް ދޭ އިންޒާރު ބަދަލުނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ނުރައްކަލާ މެދު ސަމާލުވެ، އެއްމެ މިނެޓަކަށް ވެސް ފަރުވާކުޑަ ނުކުރުމަށް ގޫގުލްއިން އިރުޝާދު ދީފައިވެއެވެ.

ސޮނިކްވޯލްގެ ވައިސް ޕްރެޒިޑެންޓް ސްޕެންސަރ ސްޓާކީ ވިދާޅުވި ގޮތުގައި، ސައިބަރ ކުށްވެރިން އަބަދުވެސް އައު ގޮތްތަކާއި ޓެކްނިކްތައް ތަރައްޤީކުރަމުންދާ ކަމަށާއި، މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ކުންފުނިތަކުން އަވަހަށް ސަމާލުކަންދީ، އެކަމަށް ތައްޔާރުވާންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ގަވާއިދުން ސެކިއުރިޓީ އެސެސްމަންޓްތައް ހެދުމާއި، ތްރެޓް އިންޓެލިޖެންސް އަދި ވަލްނަރަބިލިޓީ މެނޭޖްމަންޓް ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.