ދިވެހިރާއްޖޭގެ ދައުލަތުގެ ޚިދުމަތްތަކާއި އިގްތިސާދު ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި މުހިއްމު އިންގިލާބުގެ މައިގަނޑު ބައިތަކުގެ ތެރޭގައި، ދައުލަތުގެ ޑޭޓާ ބަލަހައްޓާނެ ނޭޝަނަލް ސޮވަރިން ކްލައުޑް ޕްލެޓްފޯމެއް ގާއިމުކުރުމާއި، ދައުލަތުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރެވޭނެ އިންޓަރއޮޕަރަބަލް އޯޕަން ޑޭޓާ ޕްލެޓްފޯމެއް ތައާރަފުކުރުން ހިމެނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމަވާފައިވާ މައްސަލައެކެވެ. މި މަޝްރޫޢުގެ އަމާޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ޙިއްޞާ އިތުރުކުރުމެވެ.
ސަރުކާރުގެ ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަށްޓަކައި އެކަށައަޅާ އާ އޮނިގަނޑުގެ ދަށުން، އައިޑެންޓިޓީ ވެރިފިކޭޝަން ސިސްޓަމެއްގެ ގޮތުގައި އީ-ފާސް ތައާރަފުކުރެވޭނެއެވެ. މި ސިސްޓަމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވޭ ނިޒާމެކެވެ. މީގެ ތެރެއިން ޑިޖިޓަލް ސޮއި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އައު ޓެކްނޯލޮޖީގެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވިގެންދާނެއެވެ. މިގޮތުން ތަޢުލީމީ މުޤައްރަރުގައި ޓެކްނޯލޮޖީއާ ގުޅޭ ބައިތައް އިތުރުކުރެވި، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީނުކުރެވޭނެއެވެ. އަދި މި ދާއިރާގެ ދިރާސާތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
އިނޮވޭޝަން ހަބެއް ޤާއިމުކޮށް، ޓެކްނޯލޮޖީގެ ދިރާސާތަކާއި ތަރައްޤީގެ މަސައްކަތްތަކަށް މަގުފަހިކުރެވޭނެއެވެ. ދައުލަތުގެ އައި.ޓީ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމުގެ 'ލޯކަލް ފަސްޓް' ސިޔާސަތު މީގެ ތެރެއިން ތަންފީޒުކުރެވޭނެއެވެ. މިއީ ދިވެހިރާއްޖޭގެ އައި.ޓީ ސިނާއަތު ކުރިއެރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
މި އައު އޮނިގަނޑުގެ ސަބަބުން، ދައުލަތުގެ ހުރިހާ އިދާރާތަކަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވި، ރައްޔިތުންނާ ގާތުން، އަވަސް މިނެއްގައި، އަދި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރެވި، ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާކުރެވިގެންދާނެއެވެ.
2 ފެބްރުއަރީގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މި މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް ވަނީ އެކުލަވާލެވިފައެވެ. އަދި ކަމާގުޅޭ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.