ވޮއިސް އެސިސްޓެންޓުތަކަކީ ފޯނުތަކާއި އެހެނިހެން ޑިވައިސްތަކުގައި ތައާރަފުވީއްސުރެ އެތައްބަޔަކު ދަނީ އެސިސްޓެންޓުންގެ ބޭނުންކުރަމުންނެވެ. ނަމަވެސް މި ފަދަ މަންސަތަކުން ޔޫޒަރުންގެ ޕްރައިވަސީ ދިފާއުކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
ދާދިފަހުން އެޕަލްއިން ވަނީ އެ ކުންފުނީގެ ސިރީ ވޮއިސް އެސިސްޓެންޓް ޔޫޒަރުންގެ ޕްރައިވެސީއަށް އަރައިގަންނަ ކަމުގެ ދައުވާގައި ކޯޓަށް ގެންގޮސްފައެވެ. މިގޮތުން ސިރީ މެދުވެރިކޮށް ގާނޫނާ ހިލާފަށް ޔޫޒަރުން ރެކޯޑްކުރާކަމުގެ ތުހުމަތުގައި ކްލާސް އެކްޝަން ދައުވާއެއް ހުށަހަޅާފައި ވީއިރު، މި މައްސަލަ ނިންމުމަށް 95$ މިލިއަން ޔޫޒަރުންނަށް ދައްކަން އެޕަލުން އެއްބަސްވެފައިވެއެވެ. ހުއްދަޔާނުލައި ސަވައިލެންސް ކުރުމުގެ ތުހުމަތުތަކުން އުފެދިފައިވާ މި ދައުވާގެ ސަބަބުން އެމެރިކާގެ ޝަރުތު ހަމަވާ އެޕަލް ޔޫޒަރުންނަށް އަސަރުކޮށްފައިވާ ޑިވައިސްތަކާއެއްވަރުވާކަމަށް ބެލެވޭ ސެޓްލްމަންޓެއް ދޭން ނިންމާފައިވެއެވެ.
މި ކްލާސް އެކްޝަން ދައުވާ ފަށާފައިވަނީ 2019 ވަނަ އަހަރު ގާޑިއަންއިން ކުރި ތަހުގީގެއްގައި އެޕަލްގެ ކޮންޓްރެކްޓަރުން ސިރީ ރެކޯޑްކޮށްފައިވާ އަމިއްލަ ވާހަކަތައް އަޑުއަހަމުން ދިޔަކަން އެނގުމުންނެވެ. ތަހުގީގުން ހާމަވި ގޮތުގައި ސިރީ ގަސްތުގައި އެކްޓިވޭޓްވެ، ނާޒުކު ވާހަކަތައް - މެޑިކަލް އެޕޮއިންޓްމަންޓުން ފެށިގެން އަމިއްލަ ކަންކަމާ ހަމައަށް - ރެކޯޑުކޮށްފައިވެއެވެ. ޢެޕަލްއިން މިމައްސަލަ ހައްލުކުރުމުށް ބައެއް ފިޔަވަޅުތަކެއް އެޅިކަމުގައިވީ ނަމަވެސް، ޔޫޒަރުން ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.
މި ސެޓްލްމަންޓްގައި އެޕަލްއިން 17 ސެޕްޓެމްބަރު 2014އާއި 31 ޑިސެމްބަރު 2024 އާ ދެމެދު ސިރީ-އެނެބަލް ޑިވައިސްތައް ގެންގުޅޭ ފަރާތްތަކަށް 95$ މިލިއަން ދައްކަން އެއްބަސްވެފައެވެ. ކްރައިޓީރިއާތައް ފުރިހަމަވާ އަދި އެމެރިކާގައި ދިރިއުޅޭ ޔޫޒަރުންނަށް ޑިވައިސްއަކަށް 20$ ހަމައަށް ލިބޭއިރު، ފަސް ޑިވައިސްއަށް އެންމެގިނަވެގެން 100$ ލިބޭނެއެވެ. ނަމަވެސް އެންމެ ފަހު އަދަދު ބިނާވެގެންދާނީ ކްލޭމްތަކުގެ އަދަދާއި މައްސަލަ ބަލަހައްޓާ ޑިސްޓްރިކްޓް ގާޒީގެ ރުހުމާއި އެއްވަރަށެވެ.
އެޕަލްއިން ވަނީ އިޝްތިހާރުގެ ބޭނުމުގައި ސިރީ ރެކޯޑިން ބޭނުންކުރިކަމަށް ބުނާ ވާހަކަތައް ވަރުގަދައަށް ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނަނީ ސިރީގެ ޑޭޓާ ދުވަހަކުވެސް ވިއްކާފައި ނުވާކަމަށާއި މާކެޓިން ޕްރޮފައިލް ހެދުމަށް ބޭނުންކޮށްފައި ނުވާކަމަށެވެ. އެޕަލްއިން ފާހަގަކުރި ގޮތުގައި ސިރީއިން އެއްކުރި ޑޭޓާ ބޭނުންކޮށްފައިވަނީ ސިރީގެ ފަންކްޝަނަލިޓީ ރަނގަޅު ކުރުމަށްކަމަށާއި ސިސްޓަމް ރަނގަޅު ކުރުމަށް އަދި އިޝްތިހާރުތަކަށް އަމާޒުކޮށްގެން އެއްވެސް މައުލޫމާތެއް ސިރީ މެދުވެރިކޮށް އެއްކޮށްފައި ނުވާކަމަށެވެ.
ކޭޝް ޕޭއައުޓްގެ އިތުރުން ސިރީގެ ޕްރައިވެސީ ޕްރެކްޓިސްތައް ހަރުދަނާ ކުރުމަށް ވެސް ސެޓްލްމަންޓްގައި ހިމަނާފައިވެއެވެ. މީގެކުރިން އެޕަލްއިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ސިރީ ރެކޯޑިންތައް ޑިލީޓް ކުރުމުގެ އިޚްތިޔާރު ޔޫޒަރުންނަށްދީ، ރެކޯޑިންތައް ފަހަށް ބެހެއްޓުން ހުއްޓާފައެވެ.
ކްލޭމް ހުށަހެޅުމުގެ ސުންގަޑި ކަނޑައަޅާފައިވަނީ 15 މެއި2025 ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި ކްލެއިމް ކުރާ ފަރާތްތަކަށް ހާއްސަ ވެބްސައިޓެއް ތައާރަފްކުރާނެ ކަމަށާއި އެ ވެބްސައިޓުގައި ޝަރުތު ހަމަވާކަން ކަށަވަރުކޮށް ބަދަލު ހޯދުމަށް ހުށަހެޅޭނެ ކަމަށެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.