ދިވެހި ސަރުކާރުން 2030 ވަނަ އަހަރާ ހަމައަށް ޤައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށް ރާވައިފިއެވެ. މިއީ ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ އަމާޒެކެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މުހިންމު ބައިތައް ވަނީ މިދިޔަ ހަފުތާގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި ނިންމިފައެވެ. މީގެ ތެރޭގައި، ސަރުކާރުގެ ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފްކުރުމާއި، ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުން ހިމެނެއެވެ.
އައި.ސީ.ޓީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ބޭނުންކުރަމުންދާ އީ-ފާސް ސިސްޓަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތޭ އެއްޗެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް ތަރައްގީކޮށް، ދައުލަތުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލް އައިޑެންޓިޓީ މެދުވެރިކޮށް ލިބޭނެ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
މި ބޮޑު ޑިޖިޓަލް އިންގިލާބުގެ މަސައްކަތް ފެށުމުގެ ކުރިން، ރައީސް މުއިއްޒު ވަނީ މިއަހަރުގެ ފުރަތަމަ ރަސްމީ ދަތުރު ޑިޖިޓަލް ޓްރާންސްފޯރމޭޝަންގައި އެންމެ ކުރީގައިވާ ގައުމެއްކަމަށްވާ އެސްޓޯނިއާއަށް ކުރައްވާފައެވެ. އަދި މި ކަމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައި އެއް މިންގަނޑަކަށް ތަންފީޒުކުރެވޭނެ ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިޒާމުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ފަސޭހަވެ، ސަރުކާރުގެ ސިޔާސަތުތައް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ފެށުން ހިމެނެއެވެ. މީގެ އިތުރުން، ސިޓީއާއި ފޯމު ހުށަހެޅުމުގައި އިސްރާފުވާ ވަގުތު ސަލާމަތްވެ، ހުށަހަޅާ ލިޔެކިޔުންތަކުގެ ސްޓޭޓަސް ވަގުތުން ބެލޭނެއެވެ. އަދި ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ރެކޯޑުތަކަށް ގެނެވޭ ބަދަލުތައް ވަގުތުން ބަލައި، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުވެގެންދާނެއެވެ.
"ދުނިޔޭގައި ކުރިއަރާފައިވާ، މިފަދަ އިތުބާރު ހުރި ފަސޭހަ ޒަމާނީ ގޮތްތައް، ދިވެހި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން އަޅުގަނޑު ބޭނުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަތަރު އަހަރުގެ މި މަޝްރޫއު ކާމިޔާބުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއި، ވެރިންނާއި މުވައްޒަފުންނާއި، އަދި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މިއީ 21 ވަނަ ގަރުނުގައި ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ޒަމާނީ ބޮޑު ޑިޖިޓަލް އިންގިލާބުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.