ބައިނަލްއަޤްވާމީ ޖައްވީ މަރުކަޒުން ޓްވިޗް ލައިވް ސްޓްރީމެއް ފުރަތަމަ ފަހަރަށް ފަށަން ހަމަޖެހިފައިވާ ކަމަށް ނާސާއިން ބުނެފިއެވެ.
ނާސާއިން އިއުލާނު ކުރި ގޮތުގައި، ފެބްރުއަރީ 12 (ބުދަ ދުވަހު)ގައި ބައިނަލްއަޤްވާމީ ޖައްވު މަރުކަޒުން ޓްވިޗް ލައިވް ސްޓްރީމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެޖެންސީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖައްވީ މަރުކަޒުން ކުރިއަށްގެންދާ ޓްވިޗް އިވެންޓެކެވެ.
ނާސާއިން ބުނާގޮތުގައި މި އިވެންޓް ފެށޭނީ އެމެރިކާގެ އިރުމަތީ ގަޑިން 11:45 ގައެވެ. މި ލައިވް ސްޓްރީމްގައި، މިހާރު ބައިނަލްއަޤްވާމީ ޖައްވީ މަރުކަޒުގައި ހުރި ނާސާގެ ވައިގެ ދަތުރުވެރިޔާ ޑޮން ޕެޓިޓް އަދި ކްރޫ-8 މިޝަނުން އެނބުރި އައި މެޓް ޑޮމިނިކް ބައިވެރިވާނެއެވެ.
ނާސާގެ މުވާސަލާތާއި ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ ބްރިޓަނީ ބްރައުން ވިދާޅުވި ގޮތުގައި، މިއީ ޓްވިޗް ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށްގެންދާ ފުރަތަމަ އިވެންޓް ކަމުގައި ވިޔަސް، މިފަދަ އިތުރު އިވެންޓްތައް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ނާސާއިން ކުރިއަށްގެންދާ ބޭރު ޖައްވަށް ކުރާ ދަތުރުތަކާއި، ރޮކެޓް ދަތުރުތަކާއި، އެނބުރި އައުމުގެ ދަތުރުތައްވެސް ޓްވިޗް މެދުވެރިކޮށް ދައްކަމުން ގެންދާނެއެވެ.
މި ލައިވް ސްޓްރީމްގައި ވައިގެ ދަތުރުވެރިންގެ ޖައްވީ މަރުކަޒުގެ ދިރިއުޅުމާއި، އެތަނުގައި ކުރެވޭ ދިރާސާތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި ބަލާ ފަރާތްތަކަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ނާސާގެ ސިޓިޒަން ސައިންސް ޕްރޮޖެކްޓްތަކާއި، އާޓެމިސް ޖީލުގެ ހިތްވަރު އިތުރުކުރުމަށް ރޭވިފައިވާ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތުވެސް ހިއްސާކުރެވޭނެއެވެ.
ފާއިތުވި އަހަރު ނާސާއިން ވަނީ އަމިއްލަ ސްޓްރީމިންގ ޕްލެޓްފޯމެއް ކަމުގައިވާ ނާސާ+ ތައާރަފުކޮށް، އެޖެންސީގެ ވެބްސައިޓްތައް އަލުން ފަރުމާކޮށްފައެވެ.
ނާސާއިން ބުނާގޮތުގައި މި ޓްވިޗް އިވެންޓަކީ އާ އޯޑިއަންސްއަކާ ހަމައަށް ވާސިލުވުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.