ނެދަރލޭންޑްސްގެ ރޮޓަރޑަމްގައި ހުންނަ އެރަސްމަސް އެމްސީގައި، ދާއިމީ މައިގްރޭން ބައްޔަށް ފަރުވާ ދިނުމަށް އައު އީޖާދެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ފަރުވާ ދީފިއެވެ. މިއީ ކްލިނިކަލް ދިރާސާއެއްގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެކެވެ.
ޑަޗް ކުންފުންޏެއް ކަމަށްވާ ސަލްވިއާ ބަޔޯއިލެކްޓްރޯނިކްސްއިން ތައްޔާރުކޮށްފައިވާ މި ފަރުވާގައި، ވަރަށް ތުނި ދެ އާލާތެއް ހަމުގެ ދަށަށް ލައްވައެވެ. އޭގެތެރެއިން އެއްކައްޗެއް ލައްވަނީ ނިތްކުރީގެ ސަރަޙައްދަށެވެ. އަނެއް އެތި ލައްވަނީ ބޮލުގެ ފަހަތަށެވެ.
މި އާލާތްތަކުން މައިގްރޭން އަންނަ ނާރުތަކަށް ކުދި ކަރަންޓު އިންޕަލްސްތަކެއް ފޮނުވައެވެ. ފަރުވާ ހޯދާ މީހުންނަށް އަތުން ގެންގުޅެލެވޭވަރުގެ ކުޑަ ޑިވައިސްއެއް މެދުވެރިކޮށް، ބަޓަނަކަށް ފިއްތާލައިގެން މި ފަރުވާ އެކްޓިވޭޓް ކުރެވެއެވެ. އަދި މިއިން މައިގްރޭން އަންނަ މިންވަރާއި ގަދަމިން ކުޑަކުރެވޭނެ ކަމަށް މިދިރާސާހެދި ޑޮކްޓަރުން ބުނެއެވެ.
ނިއުރޯމޮޑިއުލޭޝަން ކިޔާ މި ޓެކްނޮލޮޖީ ވަނީ ޕާކިންސަންސް ބައްޔާއި މިރަގީ ބަލި ފަދަ ނިއުރޮލޮޖިކަލް ބަލިތަކަށް ފަރުވާ ދިނުމަށް އެތައް އަހަރެއް ވަންދެން ކާމިޔާބުކަމާއެކު ބޭނުންކޮށްފައެވެ. މީގެ އިތުރުން ކްލަސްޓަރ ހެޑޭކް ނުވަތަ ގޮތް ނޭންގޭ ދާއިމީ ބޮލުގައި ރިއްސުމަށް ފަރުވާ ދިނުމުގައިވެސް ރަނގަޅު ނަތީޖާ ލިބިފައިވެއެވެ.
އެރަސްމަސް އެމްސީގެ އެނެސްތީސިއޮލޮޖީ ޗެއަރ، ޕްރޮފެސަރ ޑރ. ފްރޭންކް ހުއިގެން ވިދާޅުވި ގޮތުގައި، އިންސާނުންގެ ނާރުތަކުގެ ނިޒާމުގައި ހަށިގަނޑު ހިނގާ ގޮތާއި، އިހުސާސްތަކާއި، އެހެނިހެން މަސައްކަތްތައް ކޮންޓްރޯލް ކުރަނީ ކަރަންޓު އިޝާރާތްތަކުންނެވެ. މައިގްރޭން ބަލީގައި މި އިޝާރާތްތަކަށް ބަދަލު އަންނަ ކަމަށާއި، ނިއުރޯމޮޑިއުލޭޝަންގެ ޒަރީއާއިން މި ބަދަލުތައް ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލްވިއާ ބަޔޯއިލެކްޓްރޯނިކްސްއިން 2017 އިން ފެށިގެން އައިންދޮވަންގެ ހައި ޓެކް ކެމްޕަހުގައި މި ފަރުވާ ތަރައްގީ ކުރަމުން ވަނީ އައިސްފައެވެ. ޕައިލެޓް ދިރާސާތަކުން ރަނގަޅު ނަތީޖާ ލިބިފައިވީ ނަމަވެސް، ދިގު މުއްދަތުގައި މީގެ ނަތީޖާއާއި ރައްކާތެރިކަން ޔަގީން ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ. މިހާރު ކުރިއަށްދާ "ރިކްލެއިމް" ދިރާސާގައި ނެދަރލޭންޑްސްގެ އެރަސްމަސް އެމްސީއާއި ސެންޓް އެންޓޯނިއަސް ޒީކެންހައުސްގެ އިތުރުން، ބެލްޖިއަމާއި އޮސްޓްރޭލިއާގެ ބައިވެރިވުން ހިމެނެއެވެ.
ސެންޓް އެންޓޯނިއަސް ޒީކެންހައުސްގެ އެނެސްތީސިއޮލޮޖިސްޓް އަދި ވޭން ސްޕެޝަލިސްޓް ޑރ. ހެރޮލްޑް ނިޖްހުއިސް ވިދާޅުވި ގޮތުގައި، ބޭސް ބޭނުން ކުރުމުން ރަނގަޅު ނުވާ މައިގްރޭން ބައްޔަށް ނިއުރޯމޮޑިއުލޭޝަންގެ ސަބަބުން ހައްލެއް ލިބިދާނެއެވެ. ޕައިލެޓް ދިރާސާއިން ލިބުނު ނަތީޖާތައް ވަރަށް ރަނގަޅު ކަމަށާއި، ރިކްލެއިމް ދިރާސާއިން ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނެ ފަރުވާއެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައިގްރޭން ފަރުވާގެ ސްޕެޝަލިސްޓް، ނިއުރޮލޮޖިސްޓް ޑރ. ހާންސް ކާޕޭ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އާބާދީގެ އެކެއް ނުވަތަ ދެ އިންސައްތަ މީހުންނަށް ދާއިމީ މައިގްރޭން ބަލި ޖެހެއެވެ. މި ބަލި ގިނައިން ޖެހެނީ ޒުވާން އަންހެނުންނަށެވެ. މިހާރު ހުރި ފަރުވާތަކުން ރަނގަޅު ނުވާ މީހުންނަށް މި ބަލީގެ ސަބަބުން ވަޒީފާއާއި އިޖުތިމާއީ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށާއި، ބައެއް ފަހަރު ޢާއިލާ ފެށުމަށްވެސް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާސާގައި ބައިވެރިވާ ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފަރ ކުރުމުގައި ޑރ. ކާޕޭއާއި ޑރ. އެމައިލް ކައުޓުރިއާ ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ.
ސަލްވިއާ ބަޔޯއިލެކްޓްރޯނިކްސްގެ މެޑިކަލް ޑިރެކްޓަރ ޑރ. ވިމް ޕޮލެޓް ވިދާޅުވި ގޮތުގައި، ކުންފުނީގެ މަގުސަދަކީ ދާއިމީ މައިގްރޭން ބަލި ޖެހޭ މީހުންނަށް، އެމީހުންގެ ދިރިއުޅުން ކޮންޓްރޯލް ކުރެވޭނެ ފަރުވާއެއް ފޯރުކޮށްދިނުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.