ރާއްޖޭގެ ފުރަތަމަ ޓިއަރ-4 ޑޭޓާ ސެންޓަރ ތަޢާރަފުކޮށްފި

އަޙްމަދު ދާއޫދު 27 ފެބްރުއަރީ 2025

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އިތުރު ފިޔަވަޅެއް އަޅައި، ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) އިން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވައިފިއެވެ.

ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މިންގަނޑެއް ކަމަށްވާ ޓިއަރ-4 ސެޓިފިކޭޝަންއަކީ އަޕްޓައިމް އިންސްޓިޓިއުޓުން ޑޭޓާ ސެންޓަރުތަކުގެ އިތުބާރު ހިފޭ މިންވަރު ވަޒަންކުރުމަށް ދޭ އެންމެ މަތީ ސެޓިފިކޭޝަނެވެ.

ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިހުސާނެވެ. އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އިހުސާން ވިދާޅުވީ ދިރާގުގެ މި ހަރަކާތަކީ ދިވެހިރާއްޖެ ޑިޖިޓަލް އިކޮނޮމީގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއްހަމައަކަށް ގެނައުމުގައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

"މިއަދު ދިރާގުން މި ވަނީ ރާއްޖޭގެ ފުރުތަމަ ޓިއަރ-4 ސެޓިފައިޑް ޑޭޓަރ ސެންޓަރު ހުޅުވައި ތާރީހީ ކުރިއެރުމެއް ހޯދައިފައި. ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި." މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު ވިދާޅުވިގޮތުގައި، ޓިއަރ-4 ސެޓިފިކޭޝަން ހޯދިފައިވާ ޑޭޓާ ސެންޓަރެއް ހުރުމުން ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި ކްލައުޑް ސަރވިސަސް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

"ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަރ ސެންޓަރު ހުޅުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ވަރަށް ބޮޑު ޝަރަފެއް، ޓިއަރ-4 ގެ ޑޭޓަރ ސެންޓަރެކޭ ބުނުމުން ދޭހަވަނީ، މި ޑޭޓަރ ސެންޓަރަކީ، އިންފްރާސްޓްރަކްޗަރއަށް ބެއްޔަސް، ރިލައިބިލިޓީއަށް ބެއްޔަސް، އަދި ސެކިއުރިޓީއަށް ބެލިކަމުގައި ވިއަސް، މިއީ އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓަރ ސެންޓަރެއްކަން." އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުގެ އައު ޑޭޓާ ސެންޓަރުގެ ސަބަބުން ދިރާގުގެ ކްލައުޑް އައިއޭއޭއެސް ޚިދުމަތުގެ އިތުބާރުހިފޭ މިންވަރާއި ސެކިއުރިޓީ އިތުރަށް ވަރުގަދަވެ، ވިޔަފާރިވެރިންނަށް ޒަމާނީ ޚިދުމަތްތައް އެކަށީގެންވާ އަގުތަކުގައި ލިބިގެންދާނެކަމަށް ބެލެވެއެވެ. މިފަދަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ޓިއަރ-4 ސެޓިފިކޭޝަން ލިބުމުގެ މާނައަކީ މި ޑޭޓާ ސެންޓަރަކީ އެއްވެސް ހުއްޓުމެއް ނައުމަށް 99.995% ގެ ޔަޤީންކަމެއް ލިބޭ މަރުކަޒަކަށްވުމެވެ. މިއީ އަހަރަކު އެންމެ ގިނަވެގެން 26 މިނެޓު ޚިދުމަތް މެދުކެނޑިދާނެ ކަމަށް ބެލެވޭ ފެންވަރެކެވެ. މި ޑޭޓާ ސެންޓަރުގައި މުހިންމު ސިސްޓަމްތަކުގެ ބެކްއަޕް ސިސްޓަމްތައް ހުންނަ ގޮތަށް އިންތިޒާމުކުރެވިފައިވާއިރު، ކަރަންޓު ނުދާގޮތަށް އޮޓޯމެޓިކުން ބެކްއަޕް ޖަނަރޭޓަރުތައް މަސައްކަތްކުރާނެއެވެ.

ދިރާގުގެ ޓިއަރ-4 ސެޓިފިކޭޝަން ހާސިލުކޮށްފައިވާ ޑޭޓާ ސެންޓަރާއެކު، ދިވެހި ވިޔަފާރިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އިތުރު އިތުބާރަކާއެކު ޚިދުމަތް ބޭނުންކުރެވޭނެއެވެ. މީގެއިތުރުން، ރާއްޖެއަށް ބޭރުން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ރާއްޖެއިން ލިބޭކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ.

ދިރާގުގެ ޑޭޓާ ސެންޓަރުގައި ހުންނާނީ އެންމެ ފަހުގެ ސެކިއުރިޓީ ފީޗަރތަކާއި މޮނިޓަރިންގ ސިސްޓަމްތައް ކަމަށްވާއިރު، 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވެއެވެ. މި ޑޭޓާ ސެންޓަރުން ދިރާގުގެ ކަސްޓަމަރުންނަށް ލިބޭނީ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ނޫނެވެ. ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ފެންވަރު މަތިކޮށް، ދިވެހިރާއްޖެ ޑިޖިޓަލް މަންޒިލަކަށް ހެދުމުގެ މަގުވެސް މިކަމުން ތަނަވަސްވެގެންދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.