އިންސާނުން ދުނިޔޭގައިވާހާ ޖަނަވާރުންނާއި ދިރޭތަކެތި ދެނެގަތުމަށް އިލްމުވެރިންނާއި ޖަނަވާރުންނަށް ލޯބިކުރާފަރާތްތައް ވަނީ ޝައުޤުވެރިވެފައެވެ. މިގޮތުން، އެކިއެކި މަޚުލޫގުން މުއާމަލާތުކޮށް ހަދާ ގޮތަކީ އިންސާނުން ދެނެގަތުމަށް މަސައްކަތްކުރަމުން ގޮސްފައިވާ މައުލޫއެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މިކަން ސައިންސްވެރިން ދިރާސާކޮށްފައިވީ އިރު، އެކިއެކި ޖަނަވާރުން މުއާމަލާތުކުރާ ގޮތާ މެދު އަޅުގަނޑުމެންނަށް ވަނީ އެތަކެއް އާކަމެއް ދަސްވެފައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އުކުޅުތަކުގެ އެހީގައި ވަނީ އެކިއެކި ޖަނަވާރުން ދައްކާ ވާހަކަތަކާއި އަދި މުއާމަލާތުކޮށް އުޅޭގޮތް އިންސާނުންނަށް މާނަ ދެނެގަނެވޭނެ ގޮތްތަކަކަށް ވަނީ ތަރުޖަމާކޮށްފައެވެ.
މިގޮތުން ދާދިފަހުން ދަ އާރތް ސްޕީޝީސް ޕްރޮޖެކްޓުން ވަނީ މިކަން ހާސިލްކުރުމަށްޓަކައި ބޭނުންކުރެވިދާނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް ތައާރަފްކޮށްފައެވެ. ނޭޗާއެލްއެމްގެ ނަންދީފައިވާ މި މޮޑެލް މަސައްކަތްކުރަނީ ޖަނަވާރުން މުއާމަލާތްކުރާއިރު ދެކެވޭ ވާހަކައިގެ އިތުރުން، އޭތީގެ ސްޕީޝީސް، އުމުރު އަދި އޭގެ ޖަޒުބާތީ ހާލަތު ވެސް ދެނެގަނެވެއެވެ.
ނޭޗާއެލްއެމް ތަމްރީނުކޮށްފައިވަނީ އިންސާނުންގެ ބަހާއި، ތިމާވެށިން އިވޭ އަޑުތަކާއި، ޖަނަވާރުތަކުގެ މުއާމަލާތުކުރާ އަޑުތައް ބޭނުންކޮށްގެންނެވެ. މި މޮޑެލް ފަރުމާކޮށްފައިވަނީ ޖަނަވާރުގެ އަޑުތަކާއި ހަރަކާތްތަކުގައި ހުންނަ އުސޫލުތައް ދެނެގަތުމަށްޓަކައެވެ.
ޖަނަވާރުތަކުގެ މުއާމަލާތް ދެނެގަތުމައް ބައެއް ގޮންޖެހުން ތަކާއި ދިމާވެއެވެ. އިންސާނީ ބަސްތަކާ ހިލާފަށް ޖަނަވާރުތަކުގެ މުވާޞަލާތަކުގައި ސިންޓެކްސްއާއި ބަހުގެ ހަމަތައް ފަދަ ފީޗަރުތަކެއް ޤާއިމުކޮށްފައިނުވެއެވެ. އަދި ބުނެވޭ އެއްޗެއް ގިނަ ފަހަރު ކޮންޓެކްސްޓަށް ބަރޯސާވެފައިވެއެވެ. މީގެ އިތުރުން ގިނަ ޖަނަވާރުތަކުން ވަރަށް ގިނަ ވައްތަރުތަކުގެ އަޑު އުފެއްދުމަށް ބޭނުންވާ ވޯކަލް އެޕެރެޓަސް ނެތުމުން އެ ޖަނަވާރުތައް ބުނާއެއްޗެއް މާނަކުރަން އުނދަގޫވެއެވެ. ނޭޗާއެލްއެމް އިން މި ގޮންޖެހުންތަކަށް ހައްލެއް މެޝިން ލާނިން އެލްގޮރިޒަމްސް ބޭނުންކޮށްގެން ހޯދާފައިވެއެވެ. މި މޮޑަލުން އެއްކޮށްފައިވާ ޕެޓާންތަކާއި މައުލޫމާތުތަކުގެ އެހީގައި ކުޑަ މައުލޫމާތަކުން ދުވަހަކުވެސް ނުފެނިފައިވާ ޖަނަވާރުންތަކުގެ މުއާމަލާތުކުރުމާމެދު މައުލޫމާތު ހޯދުމަށް މުސްތަޤުބަލުގައި ހާސިލްކުރެވިދާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޖަނަވާރުން މައާމަލާތު ކުރުމާ ގުޅޭގޮތުން މުސްތަގުބަލުގައި އަޅުގަނޑުމެންނަށް އިތުރު މައުލޫމާތު ލިބި، ޖަނަވާރުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިތުރުކުރިއެރުން ތަކެއް ލިބިދާނެކަމަށް ބެލެވެއެވެ.
ނޭޗާއެލްއެމްއަކީ ޖަނަވާރުންނާއި ތިމާވަށްޓާއި ކައިރިކުރުމަށް އުފެދިފައިވާ ހަމައެކަނި އޭއައިއެއް ނޫނެވެ. މީގެ ކުރިން ބޮޑުމަހާއި، ބުޅަލާއި އަދި މީދާ ފަދަ ޖަނަވާރުންގެ މުއާމަލާތްތައް ދެނެގަތުމަށް އޭއައި ބޭނުންކޮށްގެން އެކިއެކި އުކުޅުތައް ހަދާފައިވެއެވެ. އަދި މީހުންމަދު ސަރަހައްދުތަކުގެ ބަޔޯޑައިވަރސިޓީ ޓްރެކްކުރުމަށް މައިކްރޮސޮފްޓްގެ ސްޕާރޯ ފަދަ ޓެކްނޮލޮޖީތައްވެސް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވެއެވެ. މިފަދަ ޓެކްނޮލަޖީތަކުގެ އެހީގައި ދުނިޔެއާއި އޭގައިވާހާ މަޚުލޫގުންތައް ބޮޑައް ދެެނެގަނެވި، މުސްތަގުބަލުގައި ދުނިޔެއާއި ތިމާވަށި ދެނެގަނެ ބޮޑަށް ރައްކާތެރިކޮށް ބެހެއްޓުމަށް އިތުރު އިލްމު ލިބިގެންދާނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.