ރާއްޖޭގެ މުއްސަނދި ޤުދުރަތީ މާޙައުލާއި، ދިރޭތަކެއްޗާއި އަދި މަސްވެރިކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ފުރަތަމަ ވެބްސައިޓް "މޯލްޑިވްސް މައި އައިލެންޑްސް" މިއަދު ރަސްމީކޮށް ލޯންޗްކުރެވިއްޖެއެވެ. މި ވެބްސައިޓަކީ ދިވެހި ލިޔުންތެރިއެއް އަދި ތަރުޖަމާނެއްކަމުގައިވާ ޔާސިރު ޞާލިޙްގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ތައްޔާރުކުރެވިފައިވާ ވެބްސައިޓެކެވެ.
"www.maldivesmyislands.com" ގައި ރާއްޖޭގެ ދިރޭތަކެތި، ކަނޑުގެ މާޙައުލު، އަދި މަސްވެރިކަމާ ގުޅޭ ޚާއްޞަ މަޢުލޫމާތުތައް، ދިވެހިންގެ ތާރީޚާއި ސަޤާފަތާ ގުޅުވައިގެން އައު އަދި ޝައުޤުވެރިކަން ހުރި ގޮތަކަށް ހުށަހަޅާފައިވެއެވެ. ކަކުނިތަކާއި، ފެހުރިމަހާއި އަދި ރާއްޖޭގެ ތާރީޚާއި ސަޤާފަތާބެހޭ ވާހަކަތައް ޚާއްޞަ ގޮތަކަށް ހުށަހަޅާފައިވާ މި ވެބްސައިޓުގައި ސައިންޓިފިކް ދިރާސާތަކާއި ފަންނުވެރިންގެ ލިޔުންތައް ހިމަނާފައިވެއެވެ.
ވެބްސައިޓުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި، ތިމާވެށި އަދި ދިރޭތަކެތީގެ ވާހަކަތައް ޝައުޤުވެރިކަން ހުރި ގޮތަކަށް ހުށަހަޅައި، ދިވެހިރާއްޖޭގެ ޚާއްޞަ ޖަޒީރާވަންތަކަން ދުނިޔެއަށް ދައްކައިދިނުން ކަމުގައި ވެބްސައިޓުގައި ޔާސިރު ބުނެފައިވެއެވެ.
"މޯލްޑިވްސް މައި އައިލެންޑްސް" ވެބްސައިޓުގައި ހިމެނޭ ހުރިހާ މަޢުލޫމާތަކީ ޔާސިރު ޞާލިޙްގެ އަމިއްލަ ލިޔުންތަކެއް ކަމަށާއި، މި ވެބްސައިޓުގެ ހުރިހާ ޙައްޤެއް ރައްކާތެރިކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ޔާސިރު ޞާލިޙަކީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ލިޔުންތެރިއެކެވެ. ޔާސިރުގެ ޝައުޤުވެރިކަމަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ވެށި ދިރާސާކޮށް، އެކަމާބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. އަލަށް ލޯންޗްކުރި މި ވެބްސައިޓަކީ އެތައް އަހަރެއްގެ ދިރާސާއާއި ރިސާރޗްގެ ނަތީޖާއެއްކަމަށްވެސް ބުނެފައިވެއެވެ..
ވެބްސައިޓުގައި ހިމަނާފައިވާ ފޮޓޯތަކާއި ކުރެހުންތަކަކީ ޚާއްޞަ ފަންނުވެރިންގެ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ތަކެއްޗެވެ. އެހެނިހެން ވެބްސައިޓްތަކާ ތަފާތުކޮށް، މި ވެބްސައިޓުގައި ހިމަނާފައިވާ ލިޔުންތަކަކީ ދިވެހިންގެ އާދަކާދައާއި ސަޤާފަތާ ގުޅުވައިގެން ލިޔެފައިވާ ތަކެތިކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚު، ކަނޑުގެ ދިރޭތަކެތީގެ ބާވަތްތައް، އަދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިންގެ ދިރިއުޅުމާ މިތަކެތި ގުޅިފައިވާ ގޮތުގެ ވާހަކަތައް މި ވެބްސައިޓުން ކިޔާލެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ މާޙައުލީ ނިޒާމު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވެބްސައިޓުގައި މަޢުލޫމާތު ހިމަނާފައިވެއެވެ.
"މޯލްޑިވްސް މައި އައިލެންޑްސް" ވެބްސައިޓަކީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާބެހޭ މުހިންމު މަޢުލޫމާތު ލިބިގަތުމަށް އެހީވެދޭނެ ވަޞީލަތެއްކަމަށް ޔާސިރު ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ވެބްސައިޓަކީ ކުރިމަގުގައި ރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އެހީތެރިވެދޭނެ ވަޞީލަތެއްކަމަށް އުއްމީދުކުރެވޭކަމުގައި ޔާސިރު ފާހަގަކުރެއްވިއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.