އޭއައި ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު 2030 ގައި ދެގުނަ

އަޝްނާ ރަޝީދު 13 އޭޕްރީލު 2025

ޑޭޓާ ސެންޓަރުތަކަކީ ދުނިޔޭގައި ތިންވަނަޔަށް ކަރަންޓު އެންމެ ބޮޑަށް ބޭނުންކުރާ ތަނެވެ. މި ގޮތުން އަހަރުން އަހަރަށް ޑޭޓާ ސެންޓަރުތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން ދާއިރު، އޭއައި ފަދަ އާންމުވަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަވެއެވެ. މިގޮތުން އައި.އީ.އޭގެ އެންމެ ފަހުގެ ރިޕޯޓުތަކުން އޭއައިގެ ސަބަބުން ޑޭޓާ ސެންޓަރުތަކުގައި ކަރަންޓު ބޭނުންކުރާ އަދަދު އިންތިހާއަށް ބޮޑު ވާނެ ކަމަށް އިންޒާރު ދީފިއެވެ. މިގޮތުން އެމީހުން އަންދާޒާކޮށްފައިވައި ގޮތުގައި 2030 ވަނަ އަހަރުގައި ދުނިޔޭގެ ކަރަންޓު ބޭނުންކުރާވަރުގެ %3 ބޭނުންކުރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކަށް ބެލެވެނީ އޭއައި ބޭނުންކުރުން އާންމުވާ އިރު، އެކަމަށް ބޭނުންކުރާ ޗިޕުތަކުން ބޭނުންކުރާ ހަކަތަ ބޮޑުވުމުންނެވެ.

މިގޮތުން، މި މައްސަލަ ހައްލުކުރުމަށްޓަކައި އޭއައި ޗިޕުތަކުން ކަރަންޓު ބޭނުންކުރާވަރު ކުޑަކުރުމާ ގުޅޭގޮތުން ފާއިތުވީ އަހަރުގައި އެތައް ދިރާސާއެއްކޮށްފައިވެއެވެ. މިގޮތުން އޮރެގަން ސްޓޭޓް ޔުނިވާރަސިޓީއިން މި މައްސަލަ ހައްލުކުރުމަށްޓަކައި ޑޭޓާ ފޮނުވުމުގައި ދިމާވާ އެރާތައް މަދުކޮށް ބޭނުންކުރާ ހަކަތަ ކުޑަކުރެވޭނެ އޭއައި ޗިޕެއް ތައާރަފުކޮށްފައިވެއެވެ. މިޔާ ހިލާފަށް، ޖަޕާނުގެ ޓޮހޯކޮ ޔުނިވާސިޓީއާއި ޖަޕާންގެ އެޓޮމިކް އެނާޖީ އޭޖަންސީ އާއި ނެޝަނަލް އިންސްޓިޓިއުޓް ފޯ މެޓީރިއަލް ސައިންސުން މި މައްސަލަ ހައްލުކުރުމަށް އޭއައިއަށް ބޭނުންކުރެވިދާނެ މުޅިން އައު ހާޑްވެއަރއެއް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދެއެވެ. އެ ފަރާތްތަކުން ތައާރަފުކޮށްފައިވާ ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ ސިކުނޑިއަށް ބިނާކޮށް މެގްނެޓްތަކުގެ ޕްރޮޕަޓީތަކުގެ އެހީގައި ޑޭޓާ ރައްކާކޮށް ބޭނުންކުރަމަށް ހަކަތަ ބޭނުންކުރާ އަދަދު ވަރަށް ބޮޑަކުޑަކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އެކިއެކި ފަރާތްތަކުން އޭއައި ބޭނުންކުރުމަށް ދާ ކަރަންޓާއި ހަކަތަކުޑަކުރުމަށް މަސައްކަތް ކުތަމުން ދާއިރު، ބައެއް ފަރާތްތަކުން އޭއައި މެދުވެރިކޮށް ޑޭޓާ ސެންޓަރުތަކުން ސާފު ހަކަތަ ފޯރުކޮށްދެވޭނެ ގޮތްތަކާއި މެދު ވިސްނަންފަށާފައިވެއެވެ. މިގޮތުން ސީ.ބީ.އާރް.އީ ބުނާގޮތުން އަޅުގަނޑުމެން އޭއައިގެ ސަބަބުން ބޭނުންވާނެ ހަކަތައިތުރުވާ ގިތާމެދު ފިކުރުކުޅުމުގެ ބަދަލުގައި އަޅުގަނޑުމެން މި މައްސަލަޔާމެދު ވިސްނަންވީ އޭއައިގެ ސަބަބުން ހަކަތަ ރައްކާތެރި ކުރެވޭނެގޮތްތަކުގެ ނަޒަރިއްޔާއިންނެވެ. މިގޮތުން ޑޭޓާ ސެންޓަރުތަކުން އޭއައި ފަދަ އުކުޅުތަކުގެ އެހީގައި ތަންތަނުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ މަސައްކަތްތައް އޮޕްޓިމައިޒްކޮށް، ބޭނުންކުރެވޭ ބޭކާރު ހަކަތަ މަދުކޮށް، އިތުރު ހަކަތަ އެނބުރައި ގްރިޑަށް ލައި އެހެން ބޭނުންތައް ކުރެވިދާނެވެ. މީގެ އިތުރުން، ޑޭޓާ ސެންޓަރުތަކުގެ އެހީގައި ގޭގައި މަސައްކަތްކުރުން ފަދަ ކަންކަމަށް މަގުފަހިވުމުން މަސައްކަތްކުރުމުގައި ދަތުރުކުރުން ފަދަ ކަންކަނުން ހަކަތަ ބޭނުންކުރާ މިންވަރު މަދުވެގެންދާނެކަމަ އެފަރާތްތަކުން ބުނެފައިވެއެވެ.

ކޮންމެޔަކަސް ޒަމާނަށް އަންނަ ބަދަލުތަކާއި އެކު އޭއައި އާއި ޑޭޓާ ސެންޓަރުތަކުގެ ދައުރު ބޮޑުވެގެންދާނެކަމަށް އެއްވެސް ޝައްކެއް ނެތެވެ. ފާއިތުވެ ދިޔަ 2024 ވަނަ އަހަތުގައި އެކަނި ވެސް 415 TWh އާއި 460 TWh ދުނިޔޭގެ ޑޭޓާ ސެންޓަރުތަކުން ބޭނުންކޮށްފައިވެއެވެ. މި އަދަދު އަހަރަކުން އަހަރު އިތުރުވަމުންދާއިރު، އަޅުގަނޑުމެން މިކަމާއި ގުޅިގެން އަޅާނީ ކޮން ފިޔަވަޅުތަކެއްތޯ ވިސްނަންޖެހޭނެވެ. ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީތައް އިތުރަށް ދިރާސާކޮށް އޭގެން ބޭނުންކުރާ ހަކަތަ ކުޑަކުރުން ކަމުގައި ވިޔަސް، އެތަންތަނުގެ ބޭނުން ކަރަންޓު ފެތުރުން ބޮޑަށް އެފިޝަންޓްކުރުމަށް ބޭނުންކުރުނަ ކަމުގައިވިޔަސް، ނުވަތަ އެހެނިހެންވެސް ފިޔަވަޅެއް އެޅިކަމުގައިވިޔަސް، މިޔަކީ މިސްތަޤުބަލުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭނެކަމެކެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.