އުރީދޫ އާއި ޑްރެގަން ޒޯން ބޭއްވި ޖީޓީ 7 ސީޒަން 1 ނިމިއްޖެ

އަޙްމަދު ދާއޫދު 28 އޭޕްރީލު 2025

އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން، ރާއްޖޭގެ ގޭމިންގ ދާއިރާގައި އައު ތާރީޚެއް ލިޔަމުންދާ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތަކީ ރާއްޖޭގައި އިލެކްޓްރޯނިކް ކުޅިވަރު (އީ-ސްޕޯޓްސް)އަށް ހޭލުންތެރިކަން އިތުރުކޮށް، ޒުވާނުންގެ ޓެލެންޓް ފާހަގަކުރުމަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ބޮޑު ޓޯނަމަންޓެވެ. ޕްލޭސްޓޭޝަން 5 ޕްލެޓްފޯމްގައި ކުޅޭ މަޝްހޫރު ސިމް ރޭސިންގ ގޭމް ކަމަށްވާ "ގްރޭންޑް ޓިއުރިސްމޯ 7" މެދުވެރިކޮށް ބޭއްވުނު މި މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 15 ކުޅުންތެރިންނެވެ.

5,000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ގެންދެވުނު މި މުބާރާތުގައި އެންމެ މޮޅު ތިން ކުޅުންތެރިން ވަނީ އެނގިގެން ގޮސްފައެވެ. އެއީ ޗެމްޕިއަންކަން ހޯދި މުޙައްމަދު މާއިޝް (2,500 ރުފިޔާ)، ދެވަނަ ހޯދި މުޙައްމަދު ޔޫހު (1,500 ރުފިޔާ) އަދި ތިންވަނަ ހޯދި އަޔާން އަޙުމަދު (1,000 ރުފިޔާ) އެވެ. މި ތިން ކުޅުންތެރިން ވަނީ ކުރިއަށް އޮތް ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފައިނަލަށް ކޮލިފައިވެފައެވެ.

މި މުބާރާތުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ޗެމްޕިއަންކަން ހޯދި މުޙައްމަދު މާއިޝްގެ ހުނަރުވެރި ރޭސިންގ ސްޓައިލް ހިމެނެއެވެ. މައިޝް ވަނީ ގިނަ ރޭސްތަކުގައި ފަސްޓް ލެޕް ރެކޯޑުތައް ޤާއިމުކޮށް، ބައެއް ދަތި ޓްރެކްތަކުގައި ވެސް އޭނާގެ ވާދަވެރިންނަށްވުރެ އިސްވެ ދުވެފައެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ، އަލްފާޟިލް ހުސެއިން ނިޔާޒު ވިދާޅުވީ، "އުރީދޫ ނޭޝަން އަކީ ރާއްޖޭގެ ޒުވާނުންގެ ހުނަރާއި ޓެލެންޓަށް މަގުފަހިކޮށްދިނުމުގައި އަބަދުވެސް އިސްނަގާ ފަރާތެއް. މި ފަދަ އީ-ސްޕޯޓްސް މުބާރާތްތައް ބޭއްވުމަކީ ޒުވާން ޖީލުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކުގައި ހުނަރު ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބައެއް."

ޑްރެގަން ޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝާރިފް ވިދާޅުވީ، "ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ފުރަތަމަ ސީޒަން ކާމިޔާބުވުމާއެކު، ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއެރުވުމުގެ ދާއިރާގައި ހޯދުނު ކާމިޔާބީއަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"ދިވެހި ކުޅުންތެރިންގެ ފެންވަރު ދަނީ ޤައުމީ ފެންވަރުގެ އިތުރުން، އިންޓަނޭޝަނަލް ލެވެލްގައިވެސް ވާދަކުރެވޭވަރަށް އަންނަމުން." ޝާރިފް ވިދާޅުވިއެވެ.

މި މުބާރާތުގެ ސީޒަން 2 އާ ބެހޭ މަޢުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިޢުލާނު ކުރާނެ ކަމަށް ބައިވެރިންނަށް އަންގާފައިވެއެވެ. ސީޒަން 1 އާއި ސީޒަން 2 އިން ވަނަ ހޯދާ ކޮލިފައިވާ ކުޅުންތެރިން، ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފައިނަލްގައި 15,000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށް ވާދަކުރާނެއެވެ.

ގްރޭންޑް ޓިއުރިސްމޯ ސިރީޒްއަކީ މުޅި ދުނިޔޭގައި މަޤްބޫލުކަން ލިބިފައިވާ، 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތާރީޚެއް އޮތް ސިމް-ރޭސިންގ ވީޑިއޯ ގޭމް ސީރީޒްއެކެވެ. ގްރޭންޑް ޓިއުރިސްމޯ 7 ނެރުނީ 2022 ވަނަ އަހަރު ކަމަށްވާއިރު، ދިވެހިރާއްޖޭގައިވެސް މިއީ ގިނަ ގޭމަރުން ހޮވާލާ އެއް ޓައިޓަލެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އީ-ސްޕޯޓްސް ދާއިރާ ކުރިއަރުވައި، ދިވެހި ކުޅުންތެރިންނަށް އިންޓަނޭޝަނަލް ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް އިޢުލާނުކޮށްފައިވެއެވެ. މީގެއިތުރުން، އުރީދޫ ނޭޝަންގެ ޔޫތު އެމްބެސެޑަރުން މެދުވެރިކޮށް ސްކޫލްތަކާއި ކޮލެޖްތަކުގައި ޖީޓީ7 ވިތު އުރީދޫ މުބާރާތާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށްވެސް ވަނީ ރާވާފައެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.