ސެޕްޓެމްބަރު 7 ގައި"ބްލަޑް މޫން" ހިތްގައިމު ހަނދުކޭތައެއް!

އަޙްމަދު ދާއޫދު 06 ސެޕްޓެމްބަރު 2025

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ (މާދަމާރޭ) ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެންނަ، ފުރިހަމަ ހަނދުކޭތައެއް، 'ބްލަޑް މޫން' ގެ ނަމުން މަޝްހޫރުވެފައިވާ ރަތްކުލައިގެ ހަނދަކަށް ބަދަލުވެގެންދާނެއެވެ. މި ހަނދުކޭތައަކީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ތަފާތުކޮށް ފެންނާނެ މަންޒަރެކެވެ.

މި ހަނދުކޭތަ އެންމެ ރަނގަޅަށް ފެންނާނީ އޭޝިއާ އަދި ހުޅަނގު އޮސްޓްރޭލިއާގެ ސަރަހައްދުތަކަށެވެ. މި ސަރަހައްދުތަކުގެ މީހުންނަށް ހަނދުކޭތަގެ ފުރިހަމަ މަންޒަރު ފެންނާނެއެވެ. ހަނދުކޭތަގެ ފުރިހަމަ މަރުހަލާ ނުވަތަ 'ޓޯޓަލިޓީ' ދެމިގެންދާނީ 82 މިނިޓަށެވެ. ގްރީންވިޗް މީން ޓައިމް (GMT) އިން 17:30 އިން 18:52 އަށެވެ. ރާއްޖެ ގަޑިން މާދަމާ ރޭ 8:28 އާއި މެންދަމު 1:55އާ ދެމެދެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ އެ ރޭ 11:11ގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަނަމާދު ކުރުމަށް ފަށާނީ 11:12ގައެވެ.

އޮސްޓްރޭލިއާގެ އިރުމަތީ ބައި، ނިއުޒީލެންޑް، އެފްރިކާ އަދި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށްވެސް ހަނދުކޭތަގެ ގިނަ މަރުހަލާތައް ފެންނާނެއެވެ. ނަމަވެސް އެމެރިކާގެ ސަރަހައްދުތަކަށް މި ހަނދުކޭތަ ފެންނާނެކަމަށް ނުބެލެވެއެވެ. ޔޫރަޕްގެ ގިނަ ސަރަހައްދުތަކަށް ހަނދުކޭތަ ފެންނާނީ ހަނދު އެރުމާއެކުގައެވެ.

'ބްލަޑް މޫން' ނުވަތަ ރަތް ހަނދަކީ، ހަނދުކޭތައެއްގެ ތެރޭގައި ހަނދު ރަތް ނުވަތަ އޮރެންޖް ކުލައަކަށް ބަދަލުވާ ހާލަތެވެ. މިކަން ދިމާވަނީ ހަނދުކޭތަ ހިފާއިރު ދުނިޔެއާއި ހަނދާ ދެމެދު އިރު ހުންނައިރު، ދުނިޔޭގެ ވައިގެ ތެރެއިން ހަނދަށް އިރުގެ އަލި އެޅުމުންނެވެ. ދުނިޔޭގެ ވައިގައި ހުންނަ ކުދިކުދި އޮށްތަކުން ނޫކުލަ ފަދަ ކުދި ރާޅުތައް (short wavelengths) ގިނަވެ، ރަތް ކުލައިގެ ބޮޑެތި ރާޅުތަކެއް އުފެދި(long wavelengths) ހަނދަށް ފޮނުވައެވެ. މިކަމުގެ ސަބަބުން ހަނދު ރަތްކުލައަކަށް ބަދަލުވެގެންދެއެވެ.

ހަނދުކޭތައަކީ އިރުކޭތައާއި ޚިލާފަށް ހަމަ ލޮލުން ބެލުން ރައްކާތެރި އަދި އެއްވެސް ނުރައްކަލެއް ނެތް ކަމެކެވެ. ހަނދު މަޑުމަޑުން ރިހިކުލައިން ގަދަ ރަތްކުލައަށް ބަދަލުވެގެންދާ މަންޒަރު މިފަދަ ހަނދުކޭތަތަކުގައި ފެނިގެންދެއެވެ. 2025 ވަނަ އަހަރުގެ މި ހަނދުކޭތައަކީ 'ޑީޕް' އެކްލިޕްސްއަކަށް ވާތީ، ހަނދު އާދައިގެ މަތިން ފަނޑުވެ، ރަތް އޮރެންޖް ނުވަތަ ބްރައުން-ރެޑް ކުލައަކަށް ބަދަލުވެގެންދާނެއެވެ.

ހަނދުކޭތަ ހިފާ ދުވަހު ހަނދު އާދައިގެ ހަނދަށްވުރެ ފަނޑުކަމުން، ރަނގަޅަށް ފެނުމަށްޓަކައި ސާފު، ހުރަހެއް ނެތް ތަނެއް ބޭނުންވާނެއެވެ. މިފަދަ ހަނދުކޭތަތަކަކީ ތިމާވެއްޓާއި ފަލަކީ އިލްމަށް ޝައުގުވެރިވާ މީހުންނަށް ވަރަށް ކަމުދާނެ މަންޒަރުތަކެކެވެ.

ކުރިއަށްއޮތް 2026 ވަނަ އަހަރުގެ މާޗް މަހުގެ 2-3 ގައި ވެސް ހަނދުކޭތައެއް ހިފާނެކަމަށް ފަލަކީ ޢިލްމްވެރިން ލަފާކޮށްފައިވާއިރު، މިހަނދުކޭތަ އޭޝިއާ، އޮސްޓްރޭލިއާ އަދި އުތުރު އެމެރިކާއަށް ފެންނާނެއެވެ.

މި ފަދަ އާދަޔާ ޚިލާފު މަންޒަރުތަކަކީ ޢުމުރުން އެއްފަހަރު ނޫނީ ނުފެނިދާނެ މަންޒަރުތަކަށްވާއިރު، މި ހަނދުކޭތަގެ ހިތްގައިމު މަންޒަރު ބަލާލުމަށް ތައްޔާރުވެ، މި އަޖައިބު ކުރުވަނިވި ފަލަކީ ހާދިސާގެ ރީތިކަން ތަޖުރިބާކޮށްލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ދައުވަތުއަރުވަމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.