ދުނިޔޭގައި ފުރަތަމަ ފަހަރަށް އޭއައި-ޖެނެރޭޓެޑް 'މިނިސްޓަރ'އެއް އަލްބޭނިއާގައި އައްޔަންކޮށްފިއެވެ. މި 'މިނިސްޓަރ' އަކީ އިންސާނެއް ނޫނެވެ. މިއީ ޕިކްސެލްސް އާއި ކޯޑުން އުފައްދާފައިވާ ވާޗުއަލް ކެބިނެޓް މެންބަރެކެވެ. ޑިއެލާ (އަލްބާނިއާ ބަހުން 'އިރު') ގެ ނަމުން ނަންދެވިފައިވާ މި އޭއައި މިނިސްޓަރގެ މަސްއޫލިއްޔަތަކީ ގައުމުގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ ވިދާޅުވީ ޑިއެލާގެ އެހީގައި ސަރުކާރުގެ ބިޑްތައް ހިންގާނީ ކޮރަޕްޝަނެއް ނެތިކަމަށެވެ. "ޑިއެލާއަކީ އަހަރެމެންގެ ކެބިނެޓްގެ ފުރަތަމަ މެންބަރު، އެކަމަކު އޭނާއަކީ ފިޒިކަލީ މިތާ ހުރި މެންބަރެއް ނޫން. އޭނާއަކީ އޭއައި އިން އުފައްދާފައިވާ ވާޗުއަލް މެންބަރެއް،" ރާމާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިއެއްލާގެ އެހީގައި އަލްބޭނިއާއަކީ "ޕަބްލިކް ޓެންޑަރުތައް 100% ކޮރަޕްޝަނުން މިނިވަން ގައުމަކަށް" ވެގެންދާނެ ކަމަށެވެ.
ރާމާ، އޭނާގެ ހަތަރުވަނަ ދައުރު އިލެކްޝަން ކާމިޔާބުކުރެއްވުމަށްފަހު، ވިދާޅުވީ ޑިއެލާ ޕަބްލިކް ޓެންޑަރުތަކާ ގުޅޭ ހުރިހާ ނިންމުންތަކެއް ހަވާލުކުރެވޭނެ ކަމަށާއި، ކޮންމެ ޕަބްލިކް ފަންޑެއްގެ ޓެންޑަރު އުސޫލު "ފުރިހަމައަށް ފުދޭވަރަށް ޓްރާންސްޕެރެންޓް" ވާނެ ކަމަށެވެ.
އަލްބޭނިއާގެ ކޮރަޕްޝަންގެ މައްސަލަ
ޕަބްލިކް ޓެންޑަރު ދިނުމަކީ އަލްބޭނިއާގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމެކެވެ. 2.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ބޯލްކަން ގައުމަކީ، މާހިރުން ބުނާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަސްތުވާތަކެއްޗާއި ހަތިޔާރު ޓްރެފިކް ކުރުމުން ލިބޭ ފައިސާ ލޯންޑަރ ކުރުމުގެ މަރުކަޒެކެވެ. އަދި ކޮރަޕްޝަން ވަނީ ސަރުކާރުގެ އެކި ދާއިރާތަކަށް ފެތުރިފައެވެ.
ކޮރަޕްޝަން ހުއްޓުވުމަކީ، ޚާއްސަކޮށް ޕަބްލިކް އެޑްމިނިސްޓްރޭޝަންގައި، އަލްބޭނިއާ ޔޫރަޕިއަން ޔޫނިއަނާ ގުޅުމަށް ބޭނުންވާ މުހިންމު ކަމެކެވެ. ރާމާގެ އުންމީދަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އަލްބޭނިއާ މި ބްލޮކްގެ ބައިވެރިއަކަށް ހެދުމެވެ.
ސަރުކާރުން ޑިއެލާގެ މަސައްކަތް ބަލަހައްޓަން އިންސާނުން ބައިވެރިވާކަން ނުވަތަ އޭއައި ބޮޓަށް މަކަރެއް ނުވަތަ ބަދަލެއް ގެނެވޭނެ ކަމުގެ ނުރައްކަލާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޑިއެލާ އަކީ ކޮބާ؟
ޑިއެލާ ފުރަތަމަ ފަހަރަށް ތައާރަފް ކުރެވުނީ މިދިޔަ ޖެނުއަރީ މަހު އީ-އަލްބޭނިއާ ޕްލެޓްފޯމްގައި އޭއައި-ޕަވަރޑް ވާޗުއަލް އެސިސްޓެންޓެއްގެ ގޮތުގައެވެ. އޭނާ އަކީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ސަރުކާރުގެ ލިޔެކިޔުންތައް ހޯދުމަށް އެހީތެރިވާ ފަރާތެކެވެ. އަލްބޭނިއާގެ ސަގާފީ ހެދުން އަޅާފައިވާ ޑިއެލާ، ވޮއިސް ކޮމާންޑްސް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ، އިލެކްޓްރޯނިކް ސްޓޭމްޕާއެކު ލިޔެކިޔުންތައް ދޫކުރެއެވެ. މިއީ ބިއުރޯކްރެޓިކް ލަސްވުންތައް ކުޑަކުރާ ކަމެކެވެ.
ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް ޑިއެލާ ވަނީ 36,600 ޑިޖިޓަލް ލިޔެކިޔުން ދޫކުރުމަށް އެހީތެރިވެ، ޕްލެޓްފޯމް މެދުވެރިކޮށް ގާތްގަނޑަކަށް 1,000 ޚިދުމަތް ދީފައިވާކަމަށް އަލްޖަޒީރާ އިން ރިޕޯރޓުކޮށްފައިވެއެވެ. ޑިއެލާ އުފައްދާފައިވަނީ ލްބޭނިއާގެ ނޭޝަނަލް އޭޖެންސީ ފޯރ އިންފޮރމޭޝަން ސޮސައިޓީގެ(އެކޭއެސްއެޗްއައި) ގެ އާޓިފިޝަލް އިންޓެލިޖެންސް ލެބޮރެޓަރީން އިންނެވެ. މި އެޖެންސީ އަކީ އަލްބޭނިއާގައި ޑިޖިޓަލްކުރުމާއި، އައި.ސީ.ޓީގައި ދާއިރާގެ އީޖާދުތައްކުރުމާއި ، އީ-ގަވަންމަންޓްގެ ކަންކަމުގައި މައިގަނޑު ދައުރެއް އަދާކުރާ ސަރުކާރުގެ މުއައްސަސާއެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.