ސައުދީ އަރަބިޔާގައި ގޭމަރުންނަށް ޚާއްސަ ސިޓީއެއް ބިނާކުރަމުންދާކަމަށް ސައޫދީ އަރަބިއްޔާގެ މަސްއޫލުވެރިްންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާގައި ތިލަވަމުންދާ ޚަބަރުތަކުގައި ބުނާގޮތުން ސައުދީ އަރަބިއްޔާ އިން ދަނީ ވީޑިއޯ ގޭމިން އަދި އީ-ސްޕޯޓްސް އިންޑަސްޓްރީގައި އިންގިލާބީ ބަދަލެއް ގެނައުމަށް ބިލިއަނުން ޑޮލަރު ހަރަދުކުރަމުންނެވެ. މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ، ގޭމަރުންނަށް ޚާއްސަކޮށްގެން ބިނާކުރާ "ގިއްދިއްޔާ ސިޓީ" އެވެ. މިއީ ހަމައެކަނި ގޭމް ކުޅުމަށް ހާއްސަ ތަނެއްގެ އިތުރުން، މިއީ ގޭމިން އިންޑަސްޓްރީގެ މުސްތަގުބަލު ބައްޓަންކުރާނެ މަރުކަޒެއްގެ ގޮތުގައި ސިފަކުރެވިފައިވެއެވެ.
ގިއްދިއްޔާ ސިޓީގެ ގޭމިން އަދި އީ-ސްޕޯޓްސް ޑިސްޓްރިކްޓަކީ ދުނިޔޭގެ ފުރަތަމަ ފަހަރަށް ހިންގާ މިފަދަ މަޝްރޫއެކެވެ. މިތަނުގައި ހަތަރު އީ-ސްޕޯޓްސް އެރީނާ ހިމެނޭއިރު، އޭގެ ތެރެއިން އެއް އެރީނާގައި 5,155 މީހުންގެ ޖާގައިގެ އިމާރާތެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ތިން އީ-ސްޕޯޓްސް އެރީނާގެ ތެރޭގައި ހިމެނޭނެ ތަނެކެވެ. މީގެ އިތުރުން، 250 އަށް ވުރެ ގިނަ ގޭމިން ކުންފުނިތަކަށް ފުރުސަތު ހުޅުވާލައި، ގޭމިން ވޯލްޑް ކަޕް ފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ހާއްސަ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގެ ތެރެއިން ސެވީ ގޭމްސް ގްރޫޕް އިން 38 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރެވޭނެއެވެ. މި އިންވެސްޓްމަންޓުގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް 39،000 ވަޒީފާގެ ފުރުސަތު އުފެދި، ގައުމީ އިގްތިސާދު (ޖީ.ޑީ.ޕީ) އަށް 13.3 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި 250 ގޭމިން ކުންފުނި ގާއިމުކުރުމުގެ ފުރުސަތު މި މަޝްރޫއުގެ ދަށުން ލިބިގެންދާނެއެވެ.
މި ދާއިރާއިން ސައުދީން ހޯދަމުން އަންނަ ކުރިއެރުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ތާރީހުގައި ފުރަތަމަ ފަހަރަށް ބާއްވާ "އޮލިމްޕިކް އީ-ސްޕޯޓްސް ގޭމްސް" 2027 ވަނަ އަހަރު ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ) އާ ގުޅިގެން ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވުމެވެ. މިއީ ގޭމިން އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަރަބް ނިއުސް އަށް މައުލޫމާތު ދެއްވަމުން، ގުޅުންހުރި ފަރާތަކުން ބުނީ، "މީގެ ވިހި އަހަރު ކުރިން މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ގޮތުގައި ދެކެމުން އައި ގޭމިން، މިއަދު ގަބޫލުކުރެވިފައިވާ ފައިދާހުރި މަސައްކަތަކަށް ވެއްޖެ" ކަމަށެވެ. މި ބޮޑު އިންވެސްޓްމަންޓާއެކު، ސައުދީ އަރަބިއްޔާ އިން ދަނީ ގޭމް ކުޅުންތެރިންނަށް ހަމައެކަނި ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބަދަލުގައި، ގޭމް ޑިޒައިން، ކޯޗިން، އަދި ކޮންޓެންޓް އުފެއްދުން ފަދަ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ވަޒީފާގެ ފުރުސަތުތައް އުފައްދަމުންނެވެ. މިއީ ގޭމިން އިންޑަސްޓްރީއަށް ލޯބިކުރާ އެތައް ބަޔަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.