ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ އެޕްލިކޭޝަން އާކުރުމަށްފަހު އެންޑްރޮއިޑް ފޯނުތަކަށް އަނެއްކާވެސް ތައާރަފްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ އެޕްލިކޭޝަން "MV Constitution" ގެ ނަމުގައި ދިވެހި އަދި އިނގިރޭސި ބަހުން ވެސް ކިޔޭގޮތަށް ތައާރަފްކޮށްފައިވާއިރު، މި އެޕްލިކޭޝަންއަކީ ދިވެހި ޤާނޫނު އަސާސީ ފަސޭހައިން ޑިޖިޓަލްކޮށް ފޯނުން ބަލާލުމަށް މަގުފަހިކޮށްދޭނެ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން ތަރައްޤީކުރި ރާއްޖޭގެ މަޝްހޫރު ދިވެހި ޑިވެލޮޕަރ ނާއިލް، އޭނާގެ އެކްސް އެކައުންޓްގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އެޕްލިކޭޝަންގެ ކުރީގެ ވާޝަން ގޫގުލް ޕޮލިސީތަކާ ޚިލާފުކަމަށް ބުނެ ގޫގުލް ޕްލޭ ސްޓޯރ އިން ވަނީ ނަގާފައެވެ. އެހެންކަމުން، މިހާރު މިވަނީ އެޕްލިކޭޝަން "MV Constitution" މިނަމުގައި، ގޫގުލްގެ އާ ޕޮލިސީތަކަށް ފެތޭ ގޮތަށް އަލުން ނެރެފައެވެ.
ނާއިލް ބުނެފައިވަނީ، ގޫގުލްގެ އާ ޕޮލިސީތަކާ ގުޅިގެން ކުރީގެ އެޕްލިކޭޝަން ނެގުމުން، އާ އެޕްލިކޭޝަނެއްގެ ގޮތުގައި މިއެޕްލިކޭޝަން އަލުން ނެރެން ޖެހުނީ ކަމަށެވެ.
ދިވެހި ޤާނޫނު އަސާސީއަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ޤާނޫނެވެ. ޤައުމުގެ ހުރިހާ ޤާނޫނުތަކާއި އުސޫލުތައް ބިނާވެފައިވަނީ ޤާނޫނު އަސާސީގެ މައްޗަށެވެ. މިފަދަ މުހިންމު ލިޔުމެއް ޑިޖިޓަލްކޮށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ، ޢާންމު ރައްޔިތުންނަށާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.
ޤާނޫނު އަސާސީ ބެލުމަށްޓަކައި ޕްރިންޓްކުރެވިފައިވާ ފޮތްތަކާއި، ސަރުކާރުގެ ވެބްސައިޓްތަކަށް މީގެ ކުރިން ބަރޯސާވާން ޖެހެއެވެ. ނަމަވެސް މިހާރު މި އާ އެޕްލިކޭޝަންގެ ސަބަބުން އެންޑްރޮއިޑް ފޯނެއް އޮތް ކޮންމެ މީހަކަށް ވެސް، ދިވެހި ޤާނޫނު އަސާސީއަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ވާސިލުވެވޭނެއެވެ. އެޕްޑައުންލޯޑް ކުރުމަށްފަހު އެ އެޕަށް ވަނުމަށް އިންޓަނެޓް ކަނެކްޝަނެއް ވެސް ހުންނާކަށް މަޖުބޫރެއް ނުވާނެއެވެ. ޤާނޫނޫ އަސާސީގެ ހުރިހާ ބާބުތަކެއްވެސް ފުރިހަމައަށް ބެލޭނެއެވެ.
ނާއިލް ކަހަލަ ޒުވާން ޑިވެލޮޕަރުންގެ މިފަދަ މަސައްކަތްތަކަކީ، ދިވެހިރާއްޖޭގައި ޓެކްނޮލޮޖީގެ ކުރިއެރުންތައް އިތުރުވެ، ޑިޖިޓަލް ޚިދުމަތްތަކަށް ޢާންމުންގެ ދިރިއުޅުން ބަދަލުވަމުންދާ ކަމުގެ ހެތްކެކެވެ. މިފަދަ އެޕްލިކޭޝަންތައް ތަރައްޤީކުރުމުން، ސަރުކާރާއި ޢާންމު ރައްޔިތުންނާ ދެމެދު މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް ފަސޭހަތައް ލިބިގެންދާނެއެވެ.
މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.
އިންސްޓޯލްކޮށް ބޭނުންކުރާނެ ގޮތް:
މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެންޑްރޮއިޑް ފޯނުތަކުން ބެލުމަށްޓަކައި ތަރައްޤީކޮށްފައިވާ އެޕްލިކޭޝަނެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ދިވެހި އަދި އިނގިރޭސި ބަހުން ހިމެނިފައިވާއިރު، ހަވަނަ އިސްލާހުވެސް މި އެޕްލިކޭޝަންގައި ވަނީ ހިމެނާފައެވެ.
1. އެޕް އިންސްޓޯލްކުރާނެގޮތް
"MV Constitution" އެޕްލިކޭޝަން އިންސްޓޯލްކުރުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް ފުރިހަމަ ކުރައްވާ:
1. ތިބާގެ އެންޑްރޮއިޑް ފޯނުން Google Play Store ހުޅުވާލާށެވެ.
2. ސަރޗް ބާއަށް ގޮސް "MV Constitution" ޖަހާ ސަރޗް ކުރާށެވެ.
3. ނުވަތަ، މި ލިންކަށް ވަދެ ސީދާ އެޕްލިކޭޝަންގެ ޕޭޖަށް ދާށެވެ.
4. އެޕްލިކޭޝަންގެ ޕޭޖަށް ދިޔުމަށްފަހު، "Install" ބަޓަން ފިތާލާށެވެ. އެޕްލިކޭޝަން ޑައުންލޯޑްވެ އިންސްޓޯލްވާނެއެވެ.
5. އިންސްޓޯލްކޮށް ނިމުމުން، އެޕްލިކޭޝަން ހުޅުވާލުމަށްޓަކައި "Open" ބަޓަން ފިތާލާށެވެ، ނުވަތަ ފޯނުގެ އެޕް ލިސްޓުން އެޕް ހުޅުވާލާށެވެ.
2. އެޕް ބޭނުންކުރާނެ ގޮތް
"MV Constitution" އެޕްލިކޭޝަން ބޭނުންކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މައިގަނޑު ގޮތެއްގައި މި އެޕްލިކޭޝަން ބޭނުންކުރެވެނީ ޤާނޫނު އަސާސީގެ މާއްދާތައް ކިޔައި، ސަރޗްކޮށް، އަދި ނޯޓްކުރުމަށެވެ.
ޤާނޫނު އަސާސީ ކިޔުން:
އެޕް ހުޅުވުމުން ޤާނޫނު އަސާސީގެ ބާބުތަކާއި މާއްދާތައް ފެންނާނެއެވެ. ބޭނުންވާ ބާބެއް ނުވަތަ މާއްދާއެއް މަތީގައި ފިތާލުމުން އެ މާއްދާގެ ތަފްޞީލު ފެންނާނެއެވެ. މާއްދާތައް ދިވެހި އަދި އިނގިރޭސި ބަހުން ބެލޭނެ އިންތިޒާމު ހުރެއެވެ.
ސަރޗް ކުރުން:
އެޕްލިކޭޝަންގައި ހިމެނޭ ސަރޗް ފީޗާ ބޭނުންކޮށްގެން ޤާނޫނު އަސާސީގެ ތެރެއިން ވަކި ބަހެއް ނުވަތަ ޖުމްލައެއް ހޯދިދާނެއެވެ. މިއީ ވަކި މާއްދާއެއް ނުވަތަ މައުޟޫއެއް ހޯދަން ވަރަށް ފަސޭހަ ގޮތެކެވެ.
ނޯޓް ކުރުން:
އެޕްލިކޭޝަންގައި ޤާނޫނު އަސާސީގެ މާއްދާތަކަށް ނޯޓް ލިޔުމުގެ ފުރުސަތުވެސް ލިބިގެންވެއެވެ. މިއީ ދިރާސާކުރާ ފަރާތްތަކަށް ނުވަތަ ޤާނޫނު އަސާސީއާ ގުޅޭގޮތުން ޚާއްސަ މައުލޫމާތުތައް ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފައިދާހުރި ފީޗާއެކެވެ.
3. އިތުރު މަޢުލޫމާތު
މި އެޕްލިކޭޝަނަކީ ރަސްމީ އެޕްލިކޭޝަނެއް ނޫނެވެ. އަދި ދިވެހި ސަރުކާރާ ގުޅުމެއް ވެސް ނެތެވެ.
މި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ނަގާފައިވަނީ majlis.gov.mv އަދި justiceinitiative.legal ވެބްސައިޓްތަކުންނެވެ.
މި އެޕްލިކޭޝަންގައި ތިބާގެ އެއްވެސް ޑޭޓާއެއް އެއްކުރާކަމަށް ނުވަތަ ތިންވަނަ ފަރާތަކާ ހިއްސާކުރާކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.