އިންޓަނެޓް ނެތި މެސެޖް ކުރެވޭ އެޕް- ބިޓްޗެޓް

އަޙްމަދު ދާއޫދު 28 އޮކްޓޯބަރު 2025

އިންޓަނެޓްގެ އެއްވެސް އެހީއަކާ ނުލައި މެސެޖުކުރުމުގެ ފުރުސަތު ލިބޭ އާ މެސެޖިންގ އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

ޓްވިޓަރ (މިހާރު އެކްސް) ގެ ކޯ-ފައުންޑަރ ޖެކް ޑޯސީ ތަރައްގީކުރި މި އެޕްލިކޭޝަނަށް ދީފައިވަނީ ނަމަކީ'ބިޓްޗެޓް'އެވެ. މި އެޕްލިކޭޝަންގެ އެންމެ ޚާއްސަ ސިފައަކީ، މެސެޖު ފޮނުވުމަށްޓަކައި ބޭނުންކުރާނީ ބްލޫޓޫތާއި ޕީއަރ-ޓު-ޕީއަރ މެޝް-ނެޓްވޯކް ޓެކްނޮލޮޖީއެވެ.

ޓެކްނޮލޮޖީގެ މިފަދަ ޚަބަރުތައް ގެނެސްދޭ ވެބްސައިޓް "ނިއު އެޓްލަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެޕްލިކޭޝަންއަށް އިންޓަނެޓާ ނުލައި މަސައްކަތް ކުރެވޭނެއެވެ. މެސެޖު ފޮނުވޭނީ ބްލޫޓޫތް ބޭނުންކޮށްގެންނެވެ. އެގޮތުން، 300 މީޓަރު (328 ޔާޑް) ދުރުގައި ތިބޭ މީހުންނަށް ވަގުތުން މެސެޖު ފޮނުވުމުގެ ގާބިލިއްޔަތު މި އެޕްލިކޭޝަންގައި ހުރެއެވެ. އަދި، އެއަށްވުރެ ދުރުގައި ތިބޭ މީހުންނަށް މެސެޖު ފޮނުވުމަށްޓަކައި، ގުޅިފައިވާ އެހެން ޑިވައިސްތައް މެދުވެރިކޮށް މެސެޖުތައް ރިލޭ ކުރެވޭނެއެވެ.

ބިޓްޗެޓްގެ މެސެޖުތައް ރައްކާކުރާނެ މަރުކަޒީ ސަރވަރެއް ނުހުންނާނެއެވެ. އެހެންކަމުން، މިއީ މެސެޖުތައް "ޑިސެންޓްރަލައިޒް" ވެފައިވާ އެޕްލިކޭޝަނެކެވެ. މީގެ އިތުރުން، ޕްރައިވެޓް މެސެޖުތަކަށް 'އެންޑް-ޓު-އެންޑް އެންކްރިޕްޝަން' ލިބިގެންދާނެއެވެ.

މި އެޕް ބޭނުންކުރުމަށްޓަކައި ފޯނު ނަންބަރެއް ނުވަތަ އީމެއިލް އެޑްރެހެއް ދޭކަށް ނުޖެހޭނެއެވެ. މެސެޖުތައް ރައްކާކުރާނީ ހަމައެކަނި ބޭނުންކުރާ ޑިވައިސްގެ މެމޮރީގައި ކަމަށް ވެސް ޑޯސީ ވިދާޅުވެފައިވެއެވެ.

މި އެޕްލިކޭޝަންގައި އައިއާރުސީ (އިންޓަނެޓް ރިލޭ ޗެޓް) ގައި ހުންނަ ފަދަ ޗެޓް ރޫމްތަކާއި، ޕްރައިވެޓް މެސެޖުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މިފަދަ އެޕްލިކޭޝަންތައް ބޭނުންތެރިވާނީ، އިންޓަނެޓް ނުވަތަ މޯބައިލް ނެޓްވޯކްގެ ޚިދުމަތް ދަށްވާ ހާލަތްތަކުގައެވެ. މިސާލަކަށް، މިއުޒިކް ފެސްޓިވަލްތަކާއި، އާންމު އެއްވުންތަކުގައި ނުވަތަ ގުދުރަތީ ކާރިސާތަކުގައި އިންޓަނެޓް ކެނޑިގެންދާ ހާލަތްތަކުގައެވެ. މީގެ ކުރިން ވެސް މިފަދަ އެޕްލިކޭޝަންތައް (މިސާލަކަށް: ފަޔަރޗެޓް އަދި ބްރިޖްފައި) ތަޢާރަފުކުރެވިފައިވެއެވެ.

ޑޯސީ މިހާރު މި އެޕްލިކޭޝަން ތަޢާރަފުކޮށްފައިވަނީ އޭނާގެ އަމިއްލަ ތަޖުރިބާއެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާ ވަނީ މުސްތަގުބަލުގައި ވައި-ފައި ޑައިރެކްޓް މެދުވެރިކޮށް އެޕްގެ ސްޕީޑާއި ރޭންޖު އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ޖެކް ޑޯސީއަކީ ޓްވިޓަރ (މިހާރު އެކްސް) ގެ ކުރީގެ ކޯ-ފައުންޑަރެއްގެ އިތުރުން، ފައިނޭންޝަލް ސަރވިސަސް ކުންފުނި ބްލޮކް އިންކް (ކުރިން ސްކުއަރ) ގެ ޗެއަރމަނެވެ. އޭނާއަކީ އަބަދުވެސް އޮންލައިން ޕްލެޓްފޯމްތަކުގައި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ވަކާލާތުކުރައްވާ އަދި ސެންސަރުކުރުމާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ.

ޑޯސީ ވަނީ މީގެ ކުރިން ވެސް ޑިސެންޓްރަލައިޒްޑް ސޯޝަލް ނެޓްވޯކިންގ ޕްލެޓްފޯމްތަކަށް ސަޕޯޓް ދެއްވާފައެވެ. މިގޮތުން، 2019 ވަނަ އަހަރު އެކްސްގެ ރަދީފެއް ކަމަށްވާ ބްލޫސްކައި އުފެއްދުމުގައި ބައިވެރިވެ، އަދި ނޮސްޓްރ ކިޔާ ޑިސެންޓްރަލައިޒްޑް ސޯޝަލް ނެޓްވޯކިންގ ސްޓޭންޑަރޑަކަށް ވެސް ފަހުން ތާއީދުކޮށްފައިވެއެވެ. ބިޓްޗެޓް އަކީ އޭނާގެ މިފަދަ މަސައްކަތްތަކުގެ ތެރެއިން، ޕްރައިވެސީއަށް އިސްކަންދީ، އޮފްލައިންކޮށް މެސެޖުކުރެވޭނެ ހައްލެއް ހޯދުމަށް ކުރައްވާ އާ ތަޖުރިބާއެކެވެ.



އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.