ދުނިޔޭގެ ޓެކްނޮލޮޖީ އެންމެބޮޑު އެއް ކުންފުނި ގޫގުލް އިން، "ދިވަރު" ގެ ނަމުގައި އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ އާ ސަބްމެރިން ކޭބަލެއް މިއަދު އިއުލާންކޮށްފިއެވެ. މި ކޭބަލްގެ ޒަރިއްޔާއިން ދިވެހިރާއްޖެއާއި، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅާލެވިގެންދާނެއެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޑިޖިޓަލް ގުޅުންތައް ފުޅާކޮށް، އިތުބާރު އިތުރުކޮށް، ޚިދުމަތްތަކުގެ ޔަގީންކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ގޫގުލްއިން ބުނިގޮތުގައި، ޖެމިނައި 2.5 ފްލޭޝް އިމޭޖް އަދި ވާރޓެކްސް އޭއައި ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޚިދުމަތްތަކަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، ހަލުވި އަދި އިތުބާރުހުރި އިންޓަނެޓްގެ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުވެފައިވާ ކަމެކެވެ. އޭއައި ބޭނުންކުރާ މިންވަރު ހީވެސްނުކުރާހާ އަވަހަށް އިތުރުވަމުންދާތީ، މި ދިގު މުއްދަތުގެ ޑިމާންޑްތައް ފުއްދައިދިނުމަށްޓަކައި ގޫގުލްއިން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
މި ކޭބަލަށް ދީފައިވާ "ދިވަރު" އަކީ، ދިވެހި ސަގާފީ ދޯނިފަހަރުގެ (ފަންރިޔަލުގެ ބޭރުން ހުންނަ ވަލެއް) އެވެ. މި ނަމުން ކުރީގެ ކަނޑުދަތުރުވެރިންގެ ހުނަރާއި، ހިތްވަރާއި، ތަޖުރިބާ ރަމްޒުކޮށްދެއެވެ.
މި ކޭބަލްގެ އިތުރުން ގޫގުލްއިން ވަނީ ދިވެހިރާއްޖެއާއި ކްރިސްމަސް އައިލެންޑްގައި ސަރަހައްދީ ފެންވަރުގެ ދެ "ކަނެކްޓިވިޓީ ހަބް" ގާއިމްކުރުމަށްވެސް ނިންމާފައެވެ. މި ދެ ތަނަކީ އެފްރިކާ، މެދުއިރުމަތި، ދެކުނު އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ޑިޖިޓަލް ގުޅުންތައް ވަރުގަދަކުރުމަށް ޖޯގްރަފީގޮތުން ވަރަށް މުހިންމު ދެ ތަނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޫގުލްގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް އޮތް އިތުބާރެއް ކަމަށާއި، ޑިޖިޓަލް އަދި އޭއައިގެ ޒަމާނުގައި ދުނިޔޭގެ ކަނެކްޓިވިޓީގެ މައި މަރުކަޒެއްގެ މަގާމް ރާއްޖެއިން ހޯދަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ، ޚާލިދު އަލް ހަމާދީ ވިދާޅުވީ، މިއީ ގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ފަތުރުވެރިކަން ފަދަ ވިޔަފާރިތަކަށް އާ ފުރުސަތުތައް ހުޅުވާލަދޭނެ ތާރީޚީ މަޝްރޫއެއް ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުންޏާ ގުޅިގެން ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީގައި މިފަދަ ހަބެއް ގާއިމްކުރުމަކީ، ދުނިޔޭގެ ސަބްމެރިން އިންފްރާސްޓްރަކްޗަރގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.
މި ކަނެކްޓިވިޓީ ހަބްތަކުގެ މައިގަނޑު މަގްސަދަކީ ސަރަހައްދުގެ އިންޓަނެޓްގެ ޚިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމެވެ. އެގޮތުން، އެއް ކޭބަލަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޑޭޓާ ދައުރުވާ މަގު އޮޓޮމެޓިކުން ބަދަލުކޮށްލުމުގެ ކުޅަދާނަކަން މި ހަބްތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެންމެ ގިނައިން ބޭނުންކުރާ ޑޭޓާ މި ހަބްތަކުގައި ރައްކާކޮށްގެން ޚިދުމަތްތައް އަވަސްކުރުމާއި، ލޯކަލް ކުންފުނިތަކަށް އެ ކުންފުނިތަކުގެ އައިޓީ ސާމާނު ބެހެއްޓުމަށް ޖާގަ ދިނުންވެސް ހިމެނެއެވެ.
ގޫގުލްއިން ފާހަގަކުރާ ގޮތުގައި، މި ހަބްތަކަކީ އާންމު ޑޭޓާ ސެންޓަރަކާ އަޅާބަލާއިރު ވަރަށް މަދުން ހަކަތަ ބޭނުންކުރާ ތަންތަނެކެވެ. އަދި މިކަމަށް ބޭނުންވާ ހަކަތަ، އިޔާދަކުރަނިވި ހަކަތައިގެ ސޯސް ތަކުން ހޯދުމަށް ލޯކަލް އިންވެސްޓްމެންޓް ތަކަށް ބާރުއެޅުމުގެ ފުރުސަތުތައް ބަލަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި އާ މަޝްރޫއުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިންޓަނެޓްގެ އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަވެ، ލޯކަލް އިގްތިސާދުތަކަށް ބާރުއެޅި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށާއި ވިޔަފާރިތަކަށް އޭއައިގެ ފައިދާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.