އިތުރު ޚިދުމަތްތަކާއެކު 'ޕޮލިސް އެމްވީ' އެޕް އަލުން ނެރެފި

އަޙްމަދު ދާއޫދު 09 ޑިސެމްބަރު 2025

ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް އަވަސްކުރުމަށް، އެ ޚިދުމަތުގެ އެޕްލިކޭޝަން "ޕޮލިސް އެމްވީ" އަލުން އަދާހަމަކޮށް، އިތުރު ޚިދުމަތްތަކާއެކު އިފްތިތާޙުކޮށްފިއެވެ.

އައުކުރެވިފައިވާ މި އެޕްލިކޭޝަނަށް އިތުރުކުރެވުނު މުހިންމު ޚިދުމަތްތަކުގެ ތެރޭގައި، ރައްޔިތުންނަށް މައްސަލަ ހުށަހެޅުމާއި ތަހުޤީޤުކުރާ މައްސަލަތަކާ ގުޅޭ ހެކި އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހިމެނެއެވެ.

މީގެއިތުރުން، ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު ވެސް އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މައްސަލަ ތަޙުގީގުކުރާ އޮފިސަރުގެ މަޢުލޫމާތާއި އެފަރާތާއި ސީދާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ވެސް އެޕްލިކޭޝަންގެ ތެރެއިން މިހާރު ފަހިވާނެއެވެ.

ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް ޢައްޔަންވުމަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ ޚިދުމަތް ވެސް މި އެޕްލިކޭޝަނާއެކު ތަޢާރަފުކޮށްފައިވެއެވެ.

އެހެން ކަންތައްތަކުގެ ތެރޭގައި، ގެއްލިގެން ރިޕޯޓްކޮށްފައިވާ ތަކެއްޗާއި ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު އަދި ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މަޢުލޫމާތުތައް ވެސް މި އެޕްލިކޭޝަނުން ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

ޕޮލިސް ސެޓްފިކެޓް އަދި ރެކޯޑް ކްލިއަރެންސްފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅޭ ނިޒާމް އިތުރަށް ހަރުދަނާކޮށް، މި ސެޓްފިކެޓްތައް ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެގޮތްވެސް މި އެޕްލިކޭޝަންގައި ވަނީ ޤާއިމުކޮށްފައެވެ.

ޕޮލިސް އެމްވީ އެޕް އިފްތިތާޙް ކޮށްދެއްވުން -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އީފާސް (eFaas) މެދުވެރިކޮށް ލޮގިން ވެވޭގޮތަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަނުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިވެ، ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދެވޭނެކަމަށެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ މޯލްޑިވްސް 2.0 ގެ ސިޔާސަތުތަކުގެ ދަށުން، ފުލުހުންގެ ޚިދުމަތް ޑިޖިޓަލީ ޓްރާންސްފޯމް ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ފުލުހުން އިތުރަށް ފާހަގަކުރެއްވީ، މި މަސައްކަތުގެ ސަބަބުން ރައްޔިތުންނާއި ފުލުހުންނާ ދެމެދު ގާތް ގުޅުމެއް އުފެދި، ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމުގައި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށެވެ.

ޕޮލިސްއެމްވީ އެޕްލިކޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ރަސްމީ އެޕްލިކޭޝަނެއްކަމުން، މި އެޕްގެ ޚިދުމަތްތައް ހޯދުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް އެޕް ޑައުންލޯޑުކޮށް، ރަޖިސްޓްރީވެ ލޮގިންވާށެވެ.

ޕޮލިސްއެމްވީގެ ޚިދުމަތްތައް ކުރުކޮށް:

ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ ފުލުހުންގެ އެހީތެރިކަމަށް ވަގުތުން ބޭނުންވެއްޖެނަމަ، އެޕްގެ ތެރޭގައިވާ ކުއްލި ޙާލަތުގެ އައިކޮންއަށް ފިތާލައިގެން ސީދާ 119 އަށް ގުޅޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު މިއީ އެންމެ އަވަހަށް ފުލުހުންނަށް ގުޅައިލުމަށް ބޭނުންކުރެވޭނެ ގޮތެވެ.

ތިބާއަށް ފެންނަ ނުވަތަ ދިމާވާ ޙާދިސާތަކާއި ކުށްތައް ރިޕޯޓުކުރުމަށްޓަކައި، އެޕްގައި އެކަމަށް ޚާއްސަކުރެވިފައިވާ ބައި ޚިޔާރުކޮށް، ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ފުލުހުންނަށް ހުށަހެޅޭނެއެވެ.

ތިބާ ހުރި ރަށެއްގައި ނުވަތަ ކައިރި ހިސާބެއްގައި ހުންނަ ފުލުހުންގެ ސްޓޭޝަންތައް ހޯދުމަށްޓަކައި، އެޕް މެދުވެރިކޮށް ސްޓޭޝަންތަކުގެ ލޮކޭޝަނާއި އެތަންތަނުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

ޑްރައިވަރުންގެ ލައިސަންސް ކާޑު އަބަދު އަތުގައި ނުގެންގުޅުނު ކަމުގައި ވިޔަސް، މި އެޕް މެދުވެރިކޮށް ލައިސަންސްގެ ޑިޖިޓަލް މަޢުލޫމާތު ފެންނަން ހުންނާނެތީ، މަގުމަތިން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް މި ފީޗާ ބޭނުންކުރެވޭނެއެވެ.

ތިބާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ އަހަރީ ފީ ދައްކާފައިވާ ސްޓޭޓަސް ބެލުމަށާއި، އުޅަނދާ ގުޅޭ އެހެނިހެން މުހިންމު މަޢުލޫމާތުތައް ވެސް އެޕްގެ އެހީގައި ފަސޭހަކަމާއެކު ޗެކްކޮށްލެވޭނެއެވެ.

އެއްވެސް އުޅަނދެއް ޓޯކޮށްފައިވާނަމަ އެ އުޅަނދެއްގެ ސްޓޭޓަސް ބެލުމަށާއި، ތިބާއާ ގުޅުންހުރި ޕާކިންގ އަދި ޓްރެފިކް މައްސަލަތަކުގެ ތަފްސީލު ހޯދުމަށް އެޕްގައިވާ ރެކޯޑުތައް ބޭނުންކުރެވޭނެއެވެ.

ފުލުހުންނާއި ތިބާއާ ދެމެދު ހިނގާފައިވާ އެކިއެކި މުޢާމަލާތްތަކުގެ ތާރީޚު ނުވަތަ ރެކޯޑުތައް ބަލަހައްޓައި، އެ މަޢުލޫމާތުތައް އަލުން ބަލައިލުމުގެ ފުރުސަތު އެޕްގެ ތެރެއިން ލިބިގެންދާނެއެވެ.

ރަސްމީ ބޭނުންތަކަށް ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް ބޭނުންވެއްޖެނަމަ، އެޕް މެދުވެރިކޮށް އެޕްލައިކޮށް، ސެޓްފިކެޓް ހޯދުމުގެ އިތުރުން ލިބިފައިވާ ސެޓްފިކެޓްތައް ޞައްޙަތޯ ބެލުމަށް ވެރިފައިވެސް ކުރެވޭނެއެވެ.

ފުލުހުންގެ ރިޕޯޓަކަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހެޅުމަށާއި، ތިބާ ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ އަޕްޑޭޓްތައް އެޕް މެދުވެރިކޮށް ބަލައިލެވޭނެއެވެ.

ތިބާ ދިރިއުޅޭ އަވަށް ނުވަތަ ސަރަޙައްދަށް ކަނޑައަޅާފައިވާ ނޭބަރހުޑް ސަޕޯޓް އޮފިސަރާ ގުޅައި، ސަރަޙައްދުގެ ކަންކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެޕްގައިވާ ގުޅޭނެ މަޢުލޫމާތު ބޭނުންކުރާށެވެ.

ފުލުހުންގެ ޚިދުމަތްތަކާ ގުޅޭގޮތުން ޚިޔާލު ނުވަތަ ފީޑްބެކް ދިނުމަށާއި، ވަކި އޮފިސަރެއްގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހޭނަމަ ޝަކުވާ ހުށަހެޅުމަށް ނުވަތަ ރަނގަޅު މަސައްކަތެއް ފާހަގަކޮށް ތަޢުރީފުކުރުމަށް ވެސް އެޕް ބޭނުންކުރެވޭނެއެވެ.

މުޖުތަމަޢުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ނެރޭ އެންމެ ފަހުގެ ޚަބަރުތަކާއި، ސަމާލުވުމަށް އަންގާ އެލާޓްތައް ވަގުތުން ހޯދުމަށް އެޕްގެ ނޯޓިފިކޭޝަންތަކަށް ސަމާލުކަންދޭށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.