މެނަސްއޭއައި/އެކްސް
މެނަސް އޭއައި އިން އެ ކުންފުނީގެ އޭއައި އޭޖެންޓްގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ "މެނަސް 1.6" ތައާރަފުކޮށްފިއެވެ. މި އަޕްޑޭޓުގައި އޭޖެންޓްގެ ކޯ އާކިޓެކްޗަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އޭގެ މަސައްކަތްތައް ނިންމުމުގެ ގާބިލިއްޔަތު ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފައެވެ.
މެނަސްގެ ބްލޮގްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާގޮތުން މި ރިލީޒްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ "މެނަސް 1.6 މެކްސް" ގެ ނަމުގައި ތައާރަފުކުރި އެންމެ ބާރުގަދަ އޭޖެންޓެވެ. މިއީ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރިއަރާފައިވާ އާކިޓެކްޗަރއެއްގެ މައްޗަށް ބިނާކޮށްފައިވާ އޭޖެންޓެއް ކަމަށާއި، އިންސާނެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް މަސައްކަތްތައް ރާވައި ނިންމާލުމުގެ ގާބިލިއްޔަތު މި އޭޖެންޓްގައި ވަރަށް ބޮޑުކަމަށް މެނަސް އިން ބުނެއެވެ.
ޑަބަލް-ބްލައިންޑް ޓެސްޓްތަކުން ދައްކާ ގޮތުގައި މެކްސް އޭޖެންޓާއެކު ޔޫޒަރުންގެ ހިތްހަމަޖެހުން ވަނީ 19.2 އިންސައްތައަށް އިތުރުވެފައެވެ. އަދި މި އޭޖެންޓް ބޭނުންކޮށްގެން ސްޕްރެޑްޝީޓްގެ މަސައްކަތްތަކާއި، ފައިނޭންޝަލް މޮޑެލިންގ އަދި ޑޭޓާ އެނަލިސިސް ފަދަ ކަންކަމުގެ އިތުރުން ވެބް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ކުރިއަށްވުރެ ފުރިހަމައަށް އަދި ފަސޭހަކަމާއެކު ކުރެވޭނެއެވެ.
މި އަޕްޑޭޓާއެކު އައި އަނެއް ބޮޑު ބަދަލަކީ މޯބައިލް އެޕްލިކޭޝަން ހެދުމުގެ ފުރުސަތު ލިބުމެވެ. މީގެ ކުރިން ހަމައެކަނި ވެބްސައިޓް ހެދުނު ނަމަވެސް، މެނަސް 1.6 ގައި އެޕްލިކޭޝަންގެ މައުލޫމާތު ދިނުމުން މެނަސް އިން އެ އެޕްލިކޭޝަނެއް ހަދައި ނިންމައިދޭނެއެވެ.
މީގެ އިތުރުން "ޑިޒައިން ވިއު" ގެ ނަމުގައި ފޮޓޯ އުފެއްދުމާއި އެޑިޓްކުރުމަށް ޚާއްސަ އިންޓަރެކްޓިވް ޕްލެޓްފޯމެއް ވެސް ވަނީ ހިމަނާފައެވެ. މި ވިއު ބޭނުންކޮށްގެން ފޮޓޯގެ ވަކި ބައިތަކަށް ބަދަލު ގެނައުމާއި، ފޮޓޯގައިވާ ލިޔުންތައް ބަދަލުކުރުމުގެ އިތުރުން އެކި ފޮޓޯތައް އެއްކޮށްގެން ކޮމްޕްލެކްސް ޑިޒައިންތައް އުފެއްދުމުގެ ގާބިލިއްޔަތު ލިބިގެންދެއެވެ.
މެނަސް 1.6 އާއި އޭގެ އާ ފީޗާތައް މިހާރު ހުރިހާ ޔޫޒަރުންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސާފައިވާއިރު، މެކްސް އޭޖެންޓް ބޭނުންކުރުމަށް ހޭދަވާ ކްރެޑިޓްގެ އަގު ވަގުތީ ގޮތުން 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.