Download Logo
Copy Logo

ޑިޖިޓަލް އިޤްތިޞާދު: ފިކުރީ މުދާ ޙިމާޔަތްކުރުމަށް އޮފީހެއް!

އަޙްމަދު ދާއޫދު 01 ޖެނުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޓެކްނޮލޮޖީއާއި އީޖާދީ ދާއިރާއަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިންމު ފިޔަވަޅެއްގެ ގޮތުން "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް" (މިޕޯ) މިއަދު އުފައްދަވައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި އިދާރާއަކީ، ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ "އިންޓަލެކްޗުއަލް ޕްރޮޕަޓީ" ނުވަތަ ފިކުރީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ މައި ހަބެވެ.

ދިވެހިރާއްޖޭގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވުނު މި އޮފީހުގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެން މިދިޔައީ، 21 އޮގަސްޓް 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ޤާނޫނަށް މިއަދު، 1 ޖަނަވަރީ 2026 ގައި ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

މިއީ ދިވެހި ޑިވެލޮޕަރުންނާއި އީޖާދުވެރިން އެމީހުންގެ ސޮފްޓްވެއަރތަކާއި، އެޕްލިކޭޝަންތައް އަދި ޓެކްނޮލޮޖީގެ އައު އުފެއްދުންތައް މާކެޓަށް ނެރުމުގައި މިހާތަނަށް ދިމާވަމުން އައި ޤާނޫނީ ހުރަސްތަކާއި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމެކެވެ.

މި އައު އިދާރާގެ ސަބަބުން ރާއްޖޭގެ ސްޓާޓްއަޕް އިކޯސިސްޓަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ޚާއްޞަކޮށް ކޯޑިންގ އާއި ޑިޖިޓަލް އުފެއްދުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލާއި އުފެއްދުންތައް ރައްކާތެރިކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވުމުން، ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ނަކަލުކުރުމުން (ޕައިރަސީން) ސަލާމަތްކޮށްދީ، ޓެކްނޮލޮޖީގެ ވިޔަފާރިތައް ފުޅާކުރުމަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ދުނިޔޭގައި ފިކުރީ މުދަލަކީ އެންމެ އަގުބޮޑު ޑިޖިޓަލް އެސެޓް ކަމުގައިވާއިރު، "މިޕޯ" އުފެދުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޓެކް ދާއިރާގެ މަޤާމު ހަރުދަނާވެގެންދާނެ ކަމެކެވެ. މި ބަދަލާއެކު، ބޭރުގެ ބޮޑެތި ޓެކް ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޖެހިލުންވާ މައިގަނޑު އެއް ސަބަބުކަމުގައިވާ، އުފެއްދުންތަކުގެ ކޮޕީރައިޓްސް އަދި ޕޭޓެންޓް ރައްކާތެރިކަން ކަށަވަރުނުވުމުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ލިބި، ރާއްޖެއަށް އައު ޓެކްނޮލޮޖީތައް ޓްރާންސްފަރ ކުރުން ނުވަތަ ތަޢާރަފުވުން އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މުހިންމު އިދާރާގެ މަސައްކަތްތައް ރަސްމީކޮށް ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 02/2026 ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހާ މުޢާމަލާތްކުރައްވާއިރު ބޭނުންކުރައްވާނެ ނަންބަރަކީ 1136 އެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދު ނޮލެޖް-ބޭސްޑް ނުވަތަ ޢިލްމާއި ހުނަރަށް ބިނާވެފައިވާ ސްމާޓް އިޤްތިޞާދަކަށް ބަދަލުކުރުމަށް ޓެކްނޮލޮޖީގެ ދާއިރާއިން އެޅުނު ތާރީޚީ ފިޔަވަޅެކެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.