Download Logo
Copy Logo

ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯންގެ ރެޖިސްޓްރޭޝަން ހުޅުވާލުން

ހިންދު ޢަލީ 18 ޖެނުއަރީ 2026

ސްޕާރކްހަބް އަދި ދިރާގު ގުޅިގެން، ޖެންއޭއައި ހެކް.26 ގެ ނަމުގައި އައު ހެކަތޯންއެއް ކުރިއަށް ގެންދިޔުމަށް މިއަދު ހުޅުވާލައިފިއެވެ. މިއީ 3 ދުވަހުގެ މުއްދަތަށް (48 ގަޑިއިރަށް) ކުރިއަށް ގެންދާނެ ހެކަތޯން އެކެވެ. މިހެކަތޯންގައި ފޯކަސް ކުރާނީ މާކެޓަށް ތައްޔާރު، އޭއައި ޓެކްނޮލޮޖީ ބޭނުންކުރާ ޕްރޮޑަކްޓްތަކެއް އުފެއްދުމަށެވެ.

ހެކަތޯން އިންތިޒާމް ކުރާ ފަރާތްތަކުން ފާހަގަ ކުރާގޮތުގައި، މިހެކަތޯން އާންމު ހެކަތޯންތަކާއި ތަފާތު ވާނެއެވެ. ހެކަތޯން ނިމޭއިރު، ބޭނުންކުރުމަށް ތައްޔާރު ޕްރޮޑަކްޓްތަކެއް އުފެއްދުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދޭނެއެވެ.

އާންމުކޮށް ގިނަ ހެކަތޯންތަކުގައި ނިމޭއިރު ދައްކާލެވެނީ، އުފައްދާނެ ޕްރޮޑަކްޓަކާއި ބެހޭ ޑެމޯއަކާއި ޕްރެޒެންޓޭޝަނެކެވެ. ނުވަތަ ޕްރޮޑަކްޓެއްގެ ޕްރޮޓޮޓައިޕެކެވެ. މިއާއި ހިލާފަށް ޖެންއޭއައި ހެކް.26 ނިންމާ އިރު، ޓީމުތަކުން ދައްކާލަން ޖެހޭނީ ރަނގަޅަށް މަސައްކަތް ކުރާ ޕްރޮޑަކްޓެކެވެ. މާކެޓަށް ތައްޔާރު، ބޭނުންކުރެވޭ، ޕްރޮޑަކްޓްގެ ލައިވް ލިންކެއް ހެކަތޯން ނިމޭއިރު ތައްޔާރުކޮށް ހުށަހަޅަންޖެހޭނެއެވެ.

މިގޮތަށް ހެކަތޯން ޑިޒައިންކުރުމުގެ އަމާޒަކީ، ޕްރޮޑަކްޓެއް، ކޮންސެޕްޓުން ފެށިގެން ލޯންޗުކުރުމާއި ހަމައަށް، އުފެއްދުމުގެ ފުރިހަމަ ޕްރޮސެސް ޓީމުތަކަށް ތަޖުރިބާކުރުމަށް ފުރުސަތު ދިނުމެވެ. އަދި ޕްރޮޑަކްޓެއް އުފެއްދުމުގައި އާންމުކޮށް ހިމެނޭނެ ކުރު އަދި ޑިމާންޑް ބޮޑު ޓައިމްލައިން ތަޖުރިބާ ކުރުމެވެ.

މިގޮތަށް ހެކަތޯން ޑިޒައިންކުރުމުގެ އެއް ބޭނުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ޕްރޮޑަކްޓާއި މެދު ނިންމަން ޖެހޭ ނިންމުންތައް ނިންމާ، އަވަހަށް ފައިނަލް ޕްރޮޑަކްޓަކާއި ހަމައަށް އައުމެވެ. އަދި ހެކަތަން ނިމޭހާ އަވަހަކަށް، ހެކަތޯންގެ ބައިވެރިންނަށް، އިތުރު ބޮޑު މަސައްކަތެއް ނުކޮށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރަން މަގުފަހިކޮށްދިނުމެވެ.

ހެކަތޯންގެ ހާއްސަ އަނެއް ކަމަކީ، މިއީ އޯޕަން ކެޓަގަރީ ހެކަތޯންއަކަށް ވުމެވެ. މީގެ މާނައަކީ ވަކި ސިނާއަތަކަށް، ނުވަތަ ވަކި މައްސަލައެއް ހައްލުކުރުމަށް ނުވަތަ ވަކި ދާއިރާއަކަށް ޕްރޮޑަކްޓެއް އުފެއްދުމުގެ ޝަރުތެއް މިހެކަތޯންއަކު ނުހިމެނެއެވެ. ބޭނުން ކޮންމެ ކެޓަގަރީ އަކުން އައު ޕްރޮޑަކްޓެއް އުފައްދަންވީއެވެ. އެހެން ނަމަވެސް ކުރިން އުފައްދާފައި ނެތް، އައު ޕްރޮޑަކްޓަކަށްވުން މުހިއްމެވެ.


ހެކަތޯންގެ އިތުރު ތަފްސީލް

- ހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ފެބްރުއަރީ 6 އިން 8 އަށެވެ.

- ހެކަތޯން ކުރިއަށް ދާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 24 ވަނަ ފަންގިފިލާގައި ހުންނަ އުޑުވިލާ އިވެންޓް ހޯލްގައެވެ.

- ހެކަތޯންގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

- ހެކަތޯންގައި ބައިވެރިވާން ކަނޑައެޅިފައިވަނީ ޖުމްލަ 10 ޓީމެކެވެ. ޓީމުތައް ހޮވާނީ ރަޖިސްޓަރކޮށް ފައިސާ ދައްކާ ތަރުތީބުންނެވެ.

- ހެކަތޯން ކުރިއަށްދާނީ މުޅިން ފިޒިކަލްކޮންނެވެ.

- ހެކަތޯންގައި އުފައްދާ ޕްރޮޑަކްޓް ވާންވާނީ ޖެނެރެޓިވް އޭއައިގެ މައްޗަށް ބިނާވާ ޕްރޮޑަކްޓަކަށެވެ.

- ހެކަތޯންގައި ބައިވެރިވާ ކޮންމެ ޓީމަކަށް 1542 ރުފިޔާގެ ކްރެޑިޓް ލިބޭނެއެވެ. އެއީ ޕްރޮޑަކްޓް އުފެއްދުމަށް ބޭނުންވެދާނެ އޭއައި ޓޫލަކަށް ނުވަތަ އޭއައި ޕްލެޓްފޯމަކަށް ހަރަދުކުރުމަށެވެ.

- ހެކަތޯންގެ ތެރެއިން ބައިވެރިންނަށް އަމާޒުކޮށް ވަރަށް ގިނަ އޭއައި ޓޫލްތަކާއި ގުޅޭ ވޯކްޝޮޕް ސެޝަންތަކެއް ވެސް ކުރިއަށް ދާނެއެވެ. މިސެޝަންތައް ނަގައިދިނުމުގައި ހަރަކާތްތެރިވާނީ މިދާއިރާގެ ތަޖުރިބާކާރު ފަރާތްތަކެވެ.

ހެކަތޯންގައި ބައިވެރިވެވޭނީ ކޮން ބަޔަކަށް؟

މިހެކަތޯންގައި ޖެނެރެޓިވް އޭއައި ޓޫލްސް އުފެއްދުމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެއެވެ. ޓެކް މީހުންނާއި އަދި ޓެކް ނޫން ފަރާތްތަކާއި، ޑިވެލޮޕަރުންނާއި، ޑިޒައިނަރުން، ކްރިއޭޓިވްކޮށް ވިސްނާ ކޮންމެ ފަރާތަކަށް ވެސް މިއީ ރަނގަޅު ފުރުސަތެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި، ޕްރެޝަރު ބޮޑު ހާލަތްތަކުގައި، ރަނގަޅަށް މަސައްކަތް ކުރާ ހިތްވާ ފަރާތްތަކަށް މިފޯމެޓްގެ ހެކަތޯން ވަރަށް ޝައުގުވެރިވާނެއެވެ.

ހެކަތޯންގައި ބައިވެރިވާން ކަނޑައަޅާފައިވަނީ 3 އާއި 5 އާއި ދެމެދުގެ ބައިވެރިންގެ ޓީމުތަކެވެ.

ބައިވެރިންގެ އުމުރުގެ ލިމިޓޭޝަނެއް ނެތެވެ. އެހެން ނަމަވެސް 18 އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ ބެލެނިވެރިޔާގެ ހުއްދަ ބޭނުންވާނެއެވެ.

ޖެންއޭއައި ހެކް.26 ގައި ރަޖިސްޓަރވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 25 ޖެނުއަރީ 2026 އެވެ.

ޖެނެރެޓިވް އޭއައި ޕްރޮޑަކްޓްތައް އުފައްދަން ޝައުގުވެރިވާ ފަރާތްތަކަށާއި، މިފަދަ އައު ކޮންސެޕްޓަކަށް ކުރިއަށްދާނެ ހެކަތޯންއެއް ތަޖުރިބާ ކޮށްލަން ބޭނުންނަމަ މިއީ ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ހެކަތޯންގައި ރަޖިސްޓަރ ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް https://genaihack.io އަށް ޒިޔާރަތް ކުރައްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.