Download Logo
Copy Logo

އޭއައި ސްލޮޕް: އިންޓަނެޓްގައި ފެތުރެމުންދާ ފެންވަރުދަށް ކޮންޓެންޓް

އަޙްމަދު ދާއޫދު 20 ޖެނުއަރީ 2026

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮންޓެންޓް އުފެއްދުމުގެ މަސައްކަތް އަވަސްވެ، ފަސޭހަވެފައިވާ މި ދުވަސްވަރު، އިންޓަނެޓްގައި ފެންވަރުދަށް ކޮންޓެންޓްތަކެއް ފެތުރެމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ކޮންޓެންޓަށް ކިޔާ ނަމަކީ"އޭއައި ސްލޮޕް"އެވެ. މިއީ އަވަހަށް އަދި ގިނަ އަދަދަކަށް އުފައްދާ، އެކަމަކު އެއްވެސް އަގުހުރި މައުލޫމާތެއް ނުވަތަ މަޤްޞަދެއް ނުހިމެނޭ ޑިޖިޓަލް ކޮންޓެންޓެވެ.

އޭއައި ސްލޮޕަކީ ކޮބާ؟

އޭއައި ސްލޮޕަކީ ޖެނެރޭޓިވް އޭއައި ޓޫލްސް ބޭނުންކޮށްގެން ގިނަ އަދަދަކަށް އުފައްދާ، ފެންވަރުދަށް ޑިޖިޓަލް ކޮންޓެންޓެވެ. ފުރަތަމަ ބަލާލުމަށް ރީތިކޮށް ނުވަތަ އިތުބާރު ހުރި ކަމަށް ހީވިޔަސް، އެއަށް ފަހު ބަލާލުމުން އެނގޭނީ އެއީ އެއްވެސް އަސްލު ޚިޔާލެއް، އިތުބާރު ހުރި މަސްދަރެއް ނުވަތަ ސާފު މަޤްޞަދެއް ނެތް އެއްޗެއް ކަމެވެ. މިފަދަ ކޮންޓެންޓް އުފައްދާ މައިގަނޑު މަޤްޞަދަކީ ގިނަ ބަޔަކަށް ފެނިގެން ވިއުސް ހޯދައި، ސަރޗް އިންޖީނުތަކުގެ އެންމެ ކުރީގައި ލިސްޓްވުން ނުވަތަ އިޝްތިހާރުގެ ފައިދާ ހޯދުމެވެ.

މި ލަފުޒު މަޝްހޫރުވާން ފެށީ 2022 އާއި 2023 ވަނަ އަހަރުގެ ތެރޭގައެވެ. އަދި 2025 ވަނަ އަހަރު، މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީގެ އެޑިޓަރުން ވަނީ"ސްލޮޕް" މި ލަފުޒު އެ އަހަރުގެ އެންމެ މުހިންމު ލަފުޒުގެ ގޮތުގައި ހޮވާފައެވެ. އެ ޑިކްޝަނަރީގައި ސްލޮޕްގެ މާނައަކީ "އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އާންމުކޮށް ގިނަ އަދަދަކަށް އުފައްދާ، ފެންވަރުދަށް ޑިޖިޓަލް ކޮންޓެންޓް" ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭއައި ސްލޮޕް ފެތުރިފައިވާ މައިދާންތައް

އޭއައި ސްލޮޕް ވަނީ އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އެކި މައިދާންތަކުގައި އޭއައި ސްލޮޕް ފެތުރިފައިވާ މިންވަރަށް ބަލައިލަމާ ހިނގާށެވެ.

ޔޫޓިއުބާއި ޓިކްޓޮކްގައި

މި ވީޑިއޯ ޕްލެޓްފޯމްތަކުގައި އޭއައި ސްލޮޕް ފެންނަނީ ވާހަކަދައްކާ ޖަނަވާރުންނާއި، މެލޮޑްރާމެޓިކް ވާހަކަތައް ހިމެނޭ ވީޑިއޯތަކުގެ ސިފައިގައެވެ. މި ވީޑިއޯތަކުގައި އާންމުކޮށް ހުންނަނީ އޭއައި އުފައްދާފައިވާ އަޑުތަކާއި މަންޒަރުތަކެވެ. މިފަދަ ކޮންޓެންޓް ގިނައިން އަޕްލޯޑްކުރަނީ އެއްގޮތް އެތައް ކްލިޕްތަކެއް ދުވާލަކު ގެނެސްދޭ ޗެނަލްތަކުންނެވެ. އެއް ދިރާސާއަކުން ދައްކާ ގޮތުގައި ޔޫޓިއުބްގެ އަލަށް އަންނަ ޔޫޒަރުންނަށް ފެންނަ ވީޑިއޯތަކުގެ %20 އަށް ވުރެ ގިނައީ އޭއައި ސްލޮޕެވެ.

ޑިޖިޓަލް އިޝްތިހާރުގައި

އިޝްތިހާރުގެ ދުނިޔޭގައި ވެސް އޭއައި ސްލޮޕް ފެތުރިފައިވެއެވެ. އޭއައި އުފައްދާފައިވާ އިމޭޖްތަކުގައި އާންމުކޮށް ފާހަގަކުރެވޭ ގޮތަކީ އަތްތައް ގޯސްކޮށް ނުވަތަ ނުގުޅޭ ބައިތައް ހުރުމެވެ. މި އިޝްތިހާރުތައް ފުރަތަމަ ބަލާލުމަށް ރީތިކޮށް ހުއްޓަސް، ކައިރިން ބަލާލުމުން އެނގޭނީ އެއީ ފުރިހަމަ ނޫން އެއްޗެއް ކަމެވެ. މިފަދަ ކުދިކުދި ގޯސްތަކަކީ އޭއައި ޓޫލްސްގެ އުނިކަން ހާމަކޮށްދޭ ކަންތައްތަކެވެ.

އޮންލައިން ފޮތް ވިއްކާ ފިހާރަތަކުގައި

އޮންލައިން ފޮތް ވިއްކާ ފިހާރަތަކުގައި ވެސް އޭއައި ސްލޮޕްގެ އަސަރު ފެންނަން އެބަހުއްޓެވެ. އޭއައި ބޭނުންކޮށްގެން ލިޔެފައިވާ، އަގުހެޔޮ އަދި އާދައިގެ ކަވަރު ޑިޒައިންތައް ހުންނަ ފޮތްތައް ގިނަވުމަކީ މިކަމުގެ މިސާލެކެވެ. މިފަދަ ފޮތްތަކުގެ މައިގަނޑު މަޤްޞަދަކީ އަވަހަށް ފައިސާ ހޯދުމެވެ. ވަކި ޚާއްޞަ މައުލޫމާތެއް ދިނުމެއް ނޫނެވެ.

މަސައްކަތުގެ މާހައުލުގައި

އޭއައި ސްލޮޕް ވަނީ މަސައްކަތުގެ މާހައުލަށް ވެސް ވަދެފައެވެ. އޮޓޮމެޓިކުން އުފައްދާ ރިޕޯޓްތަކާއި ޚުލާސާތަކަށް"ވޯކްސްލޮޕް" (Workslop) ވެސް ކިޔައެވެ. މިއީ ފެންނަން ރަނގަޅު ނަމަވެސް އެއްވެސް އަގުހުރި ޚިޔާލެއް ނުހިމެނޭ އެއްޗެކެވެ. މިފަދަ ކޮންޓެންޓްތަކުގެ ސަބަބުން ޖަމްޢިއްޔާތަކުގެ ތެރޭގައި ވެސް ފެންވަރުދަށް މަޢުލޫމާތު ފެތުރި، ނިންމުންތައް ނެގުމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އެބައޮތެވެ.

ނޭދެވޭ އަސަރުތަކާއި ކަންބޮޑުވުންތައް

އޭއައި ސްލޮޕަކީ ހަމައެކަނި ސަގާފީ މައްސަލައަކަށް ވުރެ ބޮޑު އެއްޗެކެވެ. މީޑިއާ ދިރާސާކުރާ ފަރާތްތަކާއި ޕްލެޓްފޯމްތައް ހިންގާ ފަރާތްތަކުން އަންނަނީ މިކަމުގެ ސަބަބުން އޮންލައިން މައުލޫމާތަށް ކުރާ އިތުބާރު ކުޑަވެ، ފެންވަރު ރަނގަޅު މަސައްކަތްތައް ފަހަތަށް ޖެހި، އިތުބާރު ހުރި މަސްދަރުތައް ދެނެގަތުން ދަތިވާނެ ކަމުގެ އިންޒާރު ދެމުންނެވެ.

މިކަމުގެ ސަބަބުން ސަރޗް އިންޖީނުތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ފެންވަރުދަށް އޭއައި ކޮންޓެންޓްތައް ދައްކާ މިންވަރު މަދުކުރުމަށްޓަކައި އެމީހުންގެ ޕޮލިސީތަކަށް ބަދަލު ގެނެސްފައެވެ.

ޖުމުލަކޮށް ދަންނަވާނަމަ އޭއައި ސްލޮޕްގެ މައްސަލަ ދައްކުވައިދެނީ އޭއައި ބޭނުންކުރުމުގައި އިންސާނީ ބެލެހެއްޓުމާއި، ފެންވަރުގެ މިންގަނޑުތަކާއި، ރަނގަޅު ޕްލޭނެއް އޮތުމުގެ މުހިންމުކަމެވެ. މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތްނަމަ، އޭއައި ޓޫލްސް ވެގެންދާނީ ހަމައެކަނި ޑިޖިޓަލް ކުނި އުފައްދާ ވަސީލަތަކަށެވެ. ވުމާއެކު، ޖެނެރޭޓިވް އޭއައިގެ ފައިދާ ނެގުމަށްޓަކައި، އެ ޓޫލްސް ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުގައެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.