އަންނަ ފެބުރުވަރީ މަހު ބޭއްވުމަށް ތައްޔާރުވަމުންދާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އަށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ މޮޅެތި ޓެކްނޮލޮޖީ ލީޑިަރުން، ސިނާއަތުގެ މުފައްކިރުންނާއި، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާނީން ބައިވެރިވާނެކަމަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ބޮޑު ސަމިޓަކީ އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ކުރާނެ އަސަރުތަކާއި، މި އައު އިންގިލާބުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތަކާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ބައްދަލުވުމެވެ.
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް" އަކީ އިންޑިއާ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ 'އިންޑިއާ އޭއައި' މިޝަންގެ އެންމެ މުހިންމު އެއް ބައެވެ. މި ސަމިޓުގެ މައިގަނޑު މަގުސަދަކީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލު ހޯދުމެވެ. މިގޮތުން ސިއްހީ ދާއިރާ، ދަނޑުވެރިކަން، ތައުލީމީ ދާއިރާ އަދި ގައުމުތައް ހިންގުމުގެ ނިޒާމަށް އޭއައިގެ ސަބަބުން ގެނެވިދާނެ ހެޔޮ ބަދަލުތަކަށް މި ސަމިޓުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދެވޭނެއެވެ.
މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ ގޫގުލް، މައިކްރޯސޮފްޓް، އެންވީޑިއާ އަދި މެޓާ ފަދަ ކުންފުނިތަކުގެ އިސް ސައިންސްވެރިންނާއި އެގްޒެކެޓިވްން ހިމެނެއެވެ. މީގެ އިތުރުން، އެކި ގައުމުތަކުގެ ސިޔާސަތު ކަނޑައަޅާ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ މަންދޫބުންނާއި، އޭއައިގެ ދާއިރާއިން އައު އީޖާދުތައް ކުރާ ސްޓާޓަޕްތަކުގެ ބާނީންވެސް މި ބައްދަލުވުމުގައި ބައިވެރިވާނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭއައިއަށް ޝައުގުވެރިވާ 10،000 އަށްވުރެ ގިނަ މަންދޫބުން އެއްތަންވާނެ ބޮޑު ހަރަކާތެކެވެ.
މި ސަމިޓު ކުރިއަށްދާނެ ގޮތަށް ބަލާއިރު، މިއީ ހަމައެކަނި ތަގުރީރުތަކަކަށް ހުއްޓިފައި އޮންނާނެ ކަމެއް ނޫނެވެ. ސަމިޓުގެ ތެރޭގައި އޭއައިގެ އައު އުފެއްދުންތައް ދައްކާލުމަށް ބާއްވާ ބޮޑު އެގްޒިބިޝަނަކާއި، ޒުވާން އީޖާދުވެރިންނަށް ހާއްސަ ހެކަތަންތަކާއި، އަދި އިންވެސްޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭ "ޕިޗް ސެޝަން" ތައް ކުރިއަށްދާނެއެވެ. ހާއްސަކޮށް "އޭއައި ފޯ ގުޑް" ނުވަތަ އިންސާނިއްޔަތަށް ފައިދާހުރި ގޮތުގައި އޭއައި ބޭނުންކުރުމާ ބެހޭ ގޮތުން ފުން މަޝްވަރާތަކެއް ކުރެވޭނެއެވެ.
މި ސަމިޓަކީ އިންޑިއާއިން އޭއައިގެ ދާއިރާއިން ގެންގުޅޭ "އޭއައި ފޯ އޯލް" (އެންމެންނަށް އޭއައި) ސިޔާސަތު ދުނިޔެއަށް ދައްކާލުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި އޭއައި ބޭނުންކުރުމުގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑުތަކާއި (AI Ethics)، ޑޭޓާގެ ރައްކާތެރިކަމާއި، އަދި އޭއައިގެ ސަބަބުން ވަޒީފާގެ ބާޒާރަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުން ހިމެނެއެވެ.
މި ސަމިޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ އިންޑިއާ އޭއައިގެ ރަސްމީ ޕޯޓަލް (https://impact.indiaai.gov.in/) މެދުވެރިކޮށް ހުޅުވާލެވިފައެވެ.
އިންޑިއާއިން އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ މި ސަމިޓަކީ އޭއައިގެ ތާރީޚުގައި ލިޔެވިގެންދާނެ ފަދަ ނަތީޖާ ނެރޭ ބައްދަލުވުމަކަށް ހެދުމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.