މެޓާއިން އިންސްޓަގްރާމް، ފޭސްބުކް، އަދި ވަޓްސްއެޕްއަށް އާ ޕްރީމިއަމް ސަބްސްކްރިޕްޝަންތައް ޓެސްޓް ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. މިކަމުގެ ސަބަބުން މައި އެޕްގެ ހިދުމަތްތައް ހިލޭ ބަހައްޓާފައި ޕްރީމިއަމް ސަބްސްކްރައިބަރުންނަށް އިތުރު ފީޗަރުތަކާއި އޭއައި ޓޫލްސްތަކެއް ޔޫޒަރުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ. ކުރިއަށް އޮތް މަސްތަކުގައި މި ސަބްސްކްރިޕްޝަންތައް ރޯލްއައުޓް ކުރަން ފަށާނެކަމަށް މެޓާއިން ބުނެފައިވެއެވެ.
ޓެކްކްރަންޗްއިން ހާމަކޮށްފައިވާގޮތުގައި މެޓާއިން ވަނީ ބަންޑްލްތައް ޓެސްޓުކުރަން ރާވާފައިއެވެ.ނަމަވެސް، މި ބަންޑަލްތަކާއި ސަބްސްކްރިޕްޝަންތައް ކޮންމެ އެޕެއް ވެސް ވަކިން އެކްސްކްލޫސިވް ފީޗަރ ހުންނަ ސަބްސްކްރިޕްޝަންތަކެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމާއި، އެއް ޔުނިވާސަލް ޕްލޭނެއް ނީންނާނެކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި ސަބްސްކްރިޕްޝަންއަކީ މިހާރުވެސް ބޭނުންކުރަމުންދާ މެޓާ ވެރިފައިޑްއާއި ތަފާތު އެއްޗެއްކަން ފާހަގަކުރެވެއެވެ. މެޓާ ވެރިފައިޑްއަކީ 2023 ފެށިގެން ވިޔަފާރިތަކާއި ފަންނުވެރިންނަށް ހާއްސަކޮށް އެފަރާތްތަކުންގެ އައިޑެންޓިޓީ ރައްކާތެރިކޮށް ކްރެޑިބިލިޓީ ގާއިމުކުރަން މެޓާއިން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތަކީ މަހަކު 14.99 $ ފެށިގެން ގުޅިފައިވާ މެޓާގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓްތަކުގައި ޑިސްކައުންޓްކޮށްފައިވާ އަގަކަށް ސަބްސްކްރްއަބް ކުރެވޭ ހިދުމަތެކެވެ. ނަމަވެސް މިފަހަރު އަލުން ތައާރަފުކުރަން ރާވާފައިވާ ސަބްސްކްރިޕްޝަން އަމާޒުކޮށްފައިވަނީ އެހެން ފީޗަރުތަކަކަށްކަން ފާހަގަކުރެވެއެވެ.
މިގޮތުން މެޓާއިން ސަބްސްކްރިޕްޝަންގެ ދަށުން އެފަރާތްތަކުންގެ އޭއައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބުނެފައިވެއެވެ. މިގޮތުން މެޓާ އޭއައި ބޭނުންކޮށްގެން ވީޑިޔޯ ޖެނަރޭޓްކުރާ އެޕްއެއް ކަމަށްވާ ވައިބްސް ވީޑިޔޯ ޖެނަރޭޝަން އެޕްގެ ހިދުމަތް ފާހަގަކޮށްލެވެއެވެ. މިގޮތުން މިހާރު ހިލޭ ބޭނުންކުރެވޭ މިއެޕް މުސްތަޤުބަލުގައި ފްރީމިއަމް މޮޑަލެއްގައި ފޯރުކޮށްދިނުމަށް ރާވާފައިވެއެވެ.
މީގެއިތުރުން މެޓާއިން ދާދިފަހުން ގަނެފައިވާ މަނޫސް އޭއައި އޭޖަންޓް ވެސް މި ސަބްސްކްރިޕްޝަން ސްޓްރެޓަޖީގައި ހިމަނާފައިވެއެވެ. މިގޮތުން މެޓާއިން މަނޫސް ސަބްސްކްރިޕްޝަންތައް ވިޔަފާރިތަކަށް ވިއްކަން ކުރިއަށްގެންދަން ރާވާފައިވާއިރު، މީގެއިތުރުން މަނޫސް މެޓާ އޭއައިގެ ތެރޭގައި އިންޓަގްރޭޓްކޮށްފައި އިންސްޓަގްރާމާއި ފޭސްބުކް ފަދަ ޕްރޮޑަކްޓްތަކުގައިވެސް މި އޭޖަންޓް ހިމެނުމުގެ މަސައްކަތް އެބަކުރިއަށް ގެންދެއެވެ.
މިޔަކީ ކުރިން ހިލޭ ބޭނުންކުރެވޭ މީސްމީޑިޔާއަށް ސަބްސްކްރިޕްޝަން ތައާރަފުކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން މެޓާގެ އިތުރުން ސްނެޕްޗެޓް، ލިންކްޑްއިން އަދި އެކްސް ފަދަ މީސްމީޑިޔާތަކުންވެސް ވަނީ ސަބްސްކްރިޕްޝަންގެ ދަށުން ހިދުމަތްތައް ތައާރަފުކޮށްފައެވެ. މިގޮތުން، މީގެ ކުރިން މެޓާއިން ވަނީ އިސްތިހާރާއި ނުލައި ފޭސްބުކާއި އިންސްޓަގްރާމް އިނގިރޭސިވިލާތާއި އެމެރިކައިގައި ބޭނުންކުރެވޭ ސަބްސްކްރިޕްޝަނެއް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ތައާރަފުކޮށްފައެވެ. މިޔަކީ އީޔޫގެ ޤައުމުތަކަށްވެސް މިވަގުތު ފޯރުކޮށްދޭ ހިދުމަތެއްކަން ފާހަގަކުރެވެއެވެ.
މެޓާ މި ސަބްސްކްރިޕްޝަން ފޯރުކޮށްދޭން ރާވާފައިވާ ނިޒާމް އެއްކޮށް ނިންމާފައި ނުވާއިރު، މި ޓެސްޓުތަކުގެ ތެރެއިން ޔޫޒަރުންގެ ހިޔާލުތައް ނަގައި އަޑުއަހަން ރާވާފައިވާކަން އެކުންފުނި ފާހަގަކޮށްލާފައިވެއެވެ
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.