ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެއް ވެސް ޑިޖިޓަލް އަދި ޓެކްނޮލޮޖީ ދާއިރާއިން ދަނީ ކުރިއަށެވެ. ޓެކްނޮލޮޖީގެ އެހީގައި އާންމުކޮށް ކުރާ ހުރިހާ ކަންތައްތަކެއް ދަނީ ދުވަހުން ދަވަހަށް ފަސޭހަވަމުންނެވެ. އިންޓަރނެޓާއި އީޖާދީ ޓެކްނޮލޮޖީތަކުގެ އެހީގައި ކޮންމެ ކަމެއް ވެސް އަވަސްވެ، ހަލުވިކަމާއެކު ކުރެވޭނެ ގޮތް ދަނީ ފަހިވަމުންނެވެ. ސްމާޓްފޯނުގެ ޒަމާނުގައި ކޮންމެ ކަމެއް އިނގިލި ކުރިއަށް، އެންމެ ޓެޕަކަށް ވަނީ ތިލަވެފައެވެ. އެހެން ނަމަވެސް އެޕްރީލް މަސް ފެށުނު ހިސާބުން ސަރުކާރުގެ ޓެކްސީ ލައިން ތައާރަފް ކުރެވުމާއެކު ރާއްޖެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ރޮނގުން މިއެޅީ ޔޫ-ޓަރނެކެވެ.
މިއަދު މިހަނދާން އާވަނީ އަހަރުމެން ކުރިން އުޅުނު ހާލަތެވެ. ޓެކްސީއެއް ނުލިބިގެން ޓެކްސީ ސެންޓަރުތަކުގެ ހޮޓްލައިން ނަންބަރުތަކަށް ގުޅައިގެން ޓެކްސީ ހޯދުމަށް ފޯނު ކުރެވުނު ދުވަސްތަކުގެ ހިތި ހަނދާންތަކެވެ.
ދިވެހި ރައްޔިތުންނަށް އާންމު ދަތުރުފަތުރުގެ ދާއިރާއިން ކުރިމަތިވާ އުނދަގޫތަކާއި ޝަކުވާ ކުރާ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމުގައި ފެށުނު ސަރުކާރުގެ ޓެކްސީ ހިދުމަތް، ހެޑްލައިން އެޅިގެން ދިޔައީ މިދާއިރާ ޒަމާނީ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ހިދުމަތް ޑެލިވަރީއާއި ހަމައަށް ދިޔަ އިރު ޒަމާނީކަން ފެނުނީ ހަމައެކަނި ނަމެއްގައެވެ.
އެޕްރީލް 2 ވަނަ ދުވަހު ހަބަރުތަކުން ފެނިގެން ދިޔައީ ސަރުކާރުން ވައުދު ފުއްދައިފިކަމުގެ ފަލަ ސުރުހީތަކެވެ. ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހު ކުރެވުނު ކަމުގެ އެކި އެކި ހެޑްލައިންތަކެވެ. ހަބަރުތަކުން ފެނިގެން ދިޔައީ މާލޭގެ މިހާރުވެސް ތޮއްޖެހި ފުރިފައިވާ މަގުތަކަށް ނެރެވުނު ސަތޭކަ ފަންސާހަށް ވުރެ ގިނަ، ހުދު ކުލައާއި ނޫކުލައިގެ މުޅިން އައު ވެހިކަލް ފްލީޓެއްގެ ފޮޓޯތަކެވެ.
އާންމު ހިދުމަތުގެ މިމައިލްސްޓޯނަކީ ސަރުކާރުގެ ކާމިޔާބީއެއް ކަމަށް ބުނެވުނުތާ މާގިނައިރެއް ނުވަނީސް ދެން ފެނުނީ އެހެން ހަބަރުތަކެކެވެ. ޓެކްސީ ލައިންގެ ފުރަތަމަ ދަތުރު ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ކުރެވުނީ ކޮރަޕްޝަންގެ ތުހުމަތުތަކެކެވެ. ޓެކްސީ ލައިންއާއެކު ތައާރަފް ކުރެވުނު މާލެ ޓެކްސީ އެޕް ޕްރޮޖެކްޓްއާއި ގުޅޭގޮތުން އެތަކެއް އަޑުތަކެއް އިވެންފެށިއެވެ. ޕްރޮޖެކްޓް ހަވާލުކުރަން ބިޑިންގ ޕްރޮސެސް ކުރިއަށް ދިޔައީ ހާމަކަން ކުޑަ "އިންވައިޓް އޮންލީ" ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށާއި، ޕްރޮޖެކްޓް ހަވާލު ކުރެވުނީ ހާޑްވެއަރ އަދި ނެޓްވޯކިންގ ޕޯޓްފޯލިއޯއެއް އޮތް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ތަޖުރިބާ ނެތް ކުންފުންޏަކަށް ކަމަށެވެ.
އަދި މިކަމުގައި ލިބުނު އެންމެ ހައިރާންކުރުވި ތަފްސީލަކީ ޕްރޮޖެކްޓްގެ އަގުކަމަށް ބުނެވުނު އަދަދެވެ. ރާއްޖޭގައި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކުން، ހާއްސަކޮށް ޓްރާންސްޕޯޓް އެޕްތައް އުފައްދާ ސްކޭލް ކުރުމުގައި އެތަށް އަހަރުތަކެއް ހޭދަކޮށްފައިވާ ޑިވެލޮޕަރުން، ފާހަގަކުރިގޮތުގައި ބުނެވިފައިވާ އަދަދަކީ ހަގީގަތެއް ނަމަ، އެއީ ކަމަށް އެކަށީގެންވާ އަދަދަށް ވުރެ އެތަށް ގުނައެއް އިތުރު އަދަދެކެވެ. އެއީ އެ މަސައްކަތުގެ ކޮމްޕްލެކްސިޓީއާއި މާކެޓުގެ ރޭޓުތަކާއި ނުގުޅޭ އެތަށް ތަނެއް ބޮޑު އަދަދެކެވެ.
ދެން ކޮންމެއަކަސް އެޕް އައުމުން، ދެން އަންނާނެ މަރުހަލާއަކީ އެޕް ޓެސްޓުކުރުންތާއެވެ. އެޕް ރިލީޒް ކުރުމާއެކު އިވުނު ހަބަރުތަކުގެ ސަބަބުން، ޝައުގުވެރިކަމާއި، ޝައްކުގެ އައިނުތަކެއް އަޅައިގެން، އެޕް ބޭނުންކޮށް ގޮތް ބާލާލުމަށް ގިނަ ބަޔަކު އަވަސްވެގަތެވެ. މިލިއަނުން ހަރަދުކޮށްގެން ޑެލިވަރ ކުރި އެޕްގެ ހާލަތު ބަލާލަން މިދާއިރާގެ މާހިރުން އަދި އާންމު ޔޫސަރުން ވެސް ޓެސްޓު ކުރިއެވެ. ސަރުކާރުގެ އެހާ ބޮޑު އިންވެސްޓްމެންޓެއްގެ ފެންވަރު ބަލާލުމަށެވެ.
ޓެސްޓްގެ ނަތީޖާ އެމަރުހަލާއިން ވީ ފެއިލްއެވެ. އެންމެ ފުރަތަމަ ކަމަކަށް އެޕްގެ ޑިޒައިން އެވަރުގެ ބޮޑު ހަރަދެއް ކުރި އެޕަކާއި ނުބައްދަލުކަމަށް ބުނެވުނެވެ. އެހެން ނަމަވެސް އެންމެ ކަންބޮޑުވީ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އެޕްގައި ހިމެނޭ ރައްޔިތުންގެ މައުލޫމާތުގެ ސެކިޔުރިޓީއާއި ގުޅޭ ކަންބޮޑުވުންތަކެވެ. ސެކިޔުރިޓީއާއި ދޭތެރޭގައި އެއްވެސް ވަރަކަށް ވިސްނާފައި ނުވާކަމަށް ބުނެވިގެން ދިޔައެވެ. އެޕް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ އަދި ސިއްރު މައުލޫމާތު ފަސޭހައިން ނެގޭ ގޮތަށް ހުރިކަމަށް ބުނެވިގެން ދިޔައެވެ. އަދި އެޕް ލޯންޗު ކުރެވުނުތާ މާގިނައިރެއް ނުވަނީސް އެޕް އޮފްލައިން ކުރެވިގެން ދިޔައެވެ.
މިހާ ހިސާބުން މިލިޔުމުގައި ފުރަތަމަ ގެނައުމަށް ގަސްދުކުރި އެޕް ރިވިއު ހުއްޓުމަށް ގެންނަން ޖެހުނެވެ. އެޕް އޮފްލައިން ކުރުމާއެކު އެޕްގެ ފީޗަރސްތަކާއި އިންޓަރފޭސް ޓެސްޓުކޮށްލަން އިތުރު ފުރުސަތެއް ދެން ނުލިބުނެވެ.
އެހެންކަމުން ރިވިއުގެ ބަދަލުގައި ލިޔުމުގެ ފޯކަސް އަނބުރާލަން މިގަސްދުކުރީ މިޕްރޮސެސްގައި ފެނުނު ރާއްޖޭ ފަދަ ޓެކް އިންޑަސްޓްރީ ކުޑަ ގައުމެއްގައި ހުރި ބައެއް ނިޒާމީ މައްސަލަތަކަށެވެ. ސަރުކާރުގެ ޓެކް ޕްރޮޖެކްޓްތައް އެވޯޑް ކުރާ ގޮތާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ޓެކް އިންޑަސްޓްރީއަށް ކުރާ އަސަރުތަކަށެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވުނު ޑިޖިޓަލް ބަދަލުތަކެއް ގެނެސް ކުރިއަރައިގެން މިހާރު އޮތް ހިސާބަށް އައީ އަމިއްލަ ފަރާތްތަކުގެ މަސައްކަތުންނެވެ. އަހަރުމެން ހޮޓްލައިން ނަންބަރުތަކަށް ގުޅާގުޅުން ބަދަލުކޮށްލާ، ޒަމާނާއި އެއްގޮތަށް ސްމާޓް ފޯނުތަކަށް އެ ހިދުމަތް ތިރިކުރަން ކުރެވުނު މަސައްކަތްތައް ވަރަށް ގިނައެވެ. 10 އަހަރަށް ވުރެ ގިނަ ދުވަހުން ބޮޑު ތަނުން ކުރިއަށް ގޮސްފައިވާ ހިދުމަތެއް މިހާރު އަލުން އަނބުރާ ޔޫ-ޓަރނެއް އަޅާ ފަހަތަށް ދާން ޖެހުނުކަމީ ވަރަށް ދެރަކަމެކެވެ.
މަގުމަތީގައި އަތް ނަގައިގެން ހުސް ޓެކްސީއެއް ފެނޭތޯ އުޅެންޖެހުން ބަދަލުކޮށްލީ، ލޯކަލް ޑިވެލޮޕަރުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ގުޅިގެންނެވެ. ހިދުމަތް އެންމެ ފުރިހަމައެއް ނޫނެވެ. އެހެން ނަމަވެސް މިއީ އެތަށް ގިނަ އަހަރުތަކެއްގެ އެތަށް ތަޖުރިބާއަކަށް ފަހު ތަރައްގީވެ ކުރިއަރަމުން އަންނަ ހިދުމަތެކެވެ. އެކި ގައުމުތަކުގައި ބޭނުންކުރާ އެކި މޮޑެލްތައް ޓެސްޓުކޮށް، ޑިޖިޓަލް ޓެކްނޮލޮޖީއާއި މެދު އޮންނަ ޝަކުވާ އާއި އިތުބާރު ބަދަލު ކުރެވޭތޯ ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ވާހަކަ އެމަސައްކަތް ކުރި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައެވެ. މާލެ ފަދަ ގޮންޖެހުން ބޮޑު ޖިއޮގްރަފީއެއް އޮތް، ތޮއްޖެހިފައިވާ ސިޓީއެއްގައި ދަތުރު ފަތުރުކުރަން އުނދަގޫ ނިޒާމުތަކަށް ފައްތާ، އެޕްތައް ތަރައްގީކޮށް، އެޕް ބޭނުންކުރުމަށް މީހުން އަހުލުވެރި ކުރެވިގެން ދިޔައީ، ކުރެވުނު އެތަށް ބުރަ މަސައްކަތްތަކެއްގެ ސަބަބުން ކަން ޔަގީނެވެ. މިނިޒާމަކީ އާންމުންނަށް ދިމާވާ ދަތިތަކަށް ވިސްނައިގެން މަޑު މަޑުން ރަނގަޅުވަމުން ދިޔަ ނިޒާމެކެވެ. އެހެން ނަމަވެސް މިހާރު މިފެނުނީ އެތަށް ފިޔަވަޅެއް ފަހަތަށް އެޅުނު ތަނެވެ.
ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ނަމުގައި ސަރުކާރުގެ ޓެކްސީ ލައިން ތައާރަފް ކުރަން ނިންމި ނިންމުމަކީ އެންމެ ފުރަތަމަ އެޅި ކަތި ފިޔަވަޅެވެ. ސަރުކާރަކީ އެކަން ރެގިއުލޭޓް ކުރަން ތިބި ފަރާތަށް ވާއިރު ސަރުކާރުގެ ޓެކްސީ ހިދުމަތް ފެށުމަކީ ސަރުކާރުގެ ރެގިއުލޭޓަރީ ދައުރަށް ފަރުވާ ކުޑަކުރުމެކެވެ.
ތެދެކެވެ. ޕްރައިވެޓް ސެކްޓަރއިން ހިންގާ ޓެކްސީ ހިދުމަތްތަކުގައި މައްސަލަތައް ހުރިއެވެ. އަދި ޓެކްސީ ކުރުމުގެ އަގުތަކާއި ގުޅިގެން ރައްޔިތުން އުފުލި ޝަކުވާތަށް ވަރަށް ގިނައެވެ. އެހެން ނަމަވެސް މިމައްސަލަތައް ދިމާވާ ސަބަބުތައް ދެނެ ނުގަނެ، މިހާރު ހުރި އޮނިގަނޑުތައް ހަރުދަނާ ކުރުމުގެ ބަދަލުގައި ނުވަތަ އަމިއްލަ ފަރާތްތައް ކުރިއަރައި ދިއުމަށް ރަނގަޅު ފުރުސަތުތަކެއް ފޯރުކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން އިޚްތިޔާރުކުރީ މި މަސައްކަތުގައި ސީދާ ވާދަވެރިއަކަށް ވުމަށެވެ.
އާންމު ދަތުރުފަތުރުގެ މާކެޓަށް ސަރުކާރުން ވަނުމަށް ދެއްކި ސަބަބަކީ މިހާރު ލިބެން ހުރި ޓެކްސީ ހިދުމަތްތަކަށް އިތުބާރު ނެތްކަމުގެ ވާހަކައެވެ. މިގޮތަށް ކަން ކުރުމުގެ ތެރޭގައި ފޯކަސް ކުރަން ޖެހޭ މުހިއްމު އެހެން ކަންތައްތަކަކާއި އަޅާލުން ކުޑަވިއެވެ. މިހާރު ވެސް ތޮއްޖެހިފައިވާ މާލެއަށް ސަތޭކަ އެތަށް ވެހިކަލެއް އިތުރު ކުރުމުން މާލޭގެ ޓްރެފިކަށް ވީ އިތުރު ބުރައަކެވެ.
ޓެކްސީ ހިދުމަތުގައި ދިމާވާ މައްސަލަތަކާއި މީހުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ހައްލު ހޯދުމަށް، ސަރުކާރުގެ އަމިއްލަ ޓެކްސީ ލައިންއެއް ހެދުމުގެ ބަދަލުގައި ސަރުކާރުން ކުރަން މުހިއްމު އެހެން ކަންތައްތަކެއް އެބަހުރިއެވެ. ޕްރައިވެޓް ސެކްޓަރގެ ތަރަހައިން ބޭރުން ސަރުކާރަށް އެކަނި ކުރެވޭނެ ކަންތައްތަކަށް ފޯކަސް ކުރުން މުހިއްމެވެ. މަގުމަތީގައި ޓްރެފިކް ފްލޯ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. މިސާލަކަށް ޓްރެފިކް ލައިޓްތަކާއި، ރަނގަޅު ޓްރެފިކް ސައިނޭޖްގެ ބެހެއްޓުމުގެ އިތުރުން ބައެއް ބާވަތުގެ ވެހިކަލް މަދުކުރުން ފަދަ ކަންތައްތަކެވެ. އަދި ބަހުގެ ހިދުމަތް ވެސް އިތުރަށް ރަނގަޅު ކުރަން ޖެހެއެވެ.
މާލޭގެ މަގުތަކުގައި ޓެކްސީ މިހާރު ވެސް މަދީކީ ނޫނެވެ. މާލޭގައި ޓެކްސީ ދުއްވަން އުނދަގޫ ވުމުން ޓެކްސީ ޑްރައިވަރުން މާލޭގައި ދަތުރުކުރަން ދެކޮޅު ހަދަނީއެވެ. މަގުތަކުގެ ހާލަތުންނާއި، އެހެނިހެން ވެހިކަލްތައް ގިނަވުމުން އެންމެ ދަތުރަކަށް ހޭދަވާ ވަގުތާއި، ދަތުރުން ލިބޭ އާމްދަނީއާއި ނުބައްދަލު ވާތީއެވެ.
އައު ޓެކްސީ ލައިން ބޭނުންކުރި ބައެއް ފަރާތްތަކުގެ ފީޑްބެކުން އެނގޭ ގޮތުގައި އަދި ވެސް މާލޭގައި ޓެކްސީ ދުއްވަން ދެކޮޅުހަދާ، ޓެކްސީ ޑްރައިވަރުން ފަރާތުން އެގޮތަށް ޖަވާބުލިބެއެވެ. އަދިވެސް މާލެއަށް ދަތުރު ކުރާނެ ޓެކްސީ ހޯދުމަށް އުނދަގުލެވެ. އެހެން ކަމުން އަސްލު މިކަމުން ހައްލު ކުރަން އުޅުނު މައްސަލަ އަދިވެސް ހައްލު ވީތަނެއް ނުފެނެއެވެ.
ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރުމުގައި ސަރުކާރުގެ ދައުރަކަށް ވާންވީ މަގުތަކާއި ބްރިޖްތަކުގެ ފެންވަރު ރަނގަޅުކުރުމާއި ދަތުރު ފަތުރުގެ ގަވާއިދުތައް ހަރުދަނާކޮށް، ގަވާއިދު ރަނގަޅަށް ތަންފީޒުކުރުމެވެ. އަދި މިދާއިރާގެ ތަޖުރިބާ ހުރި ޕްރައިވެޓް ކުންފުނިތަކަށް ފުރުސަތު ދިނުމަށް މިކަމުގައި ހިމެނޭ ފަންނީ އަދި ޓެކްނޮލޮޖިކަލް މަސައްކަތްތައް އެފަރާތްތަކަށް ދޫކޮށްލުމެވެ.
އާންމުކޮށް ޓެކް ދާއިރާގައި ކުދި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަކީ ކުޑަ ކުޑަ އިންވެސްޓްމެންޓަކާއެކު ނުވަތަ މާގިނަ ފައިސާތަކެއް ނެތި، އަމިއްލައަށް އެކަމަށް ހުންނަ ޝައުގުވެރިކަމާއެކު މަސައްކަތް ކުރާ ކުންފުނިތަކެކެވެ. ސަރުކާރަށް ލިބިފައިވާ ގިނަ ރިސޯސަސްތަކާއި ފައިސާގެ ބާރާއެކު ޓެކް މާކެޓަށް ސަރުކާރުން ވަނުމަކީ ކުދި ވިޔަފާރިތަކުގެ ކަރަށް ފައިން އެރުން ފަދަ ކަމެކެވެ.
މިހާރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެވިފައިވާ ބައެއް ހިޔާލުތަކުން ސާފުކޮށް ފެންނަނީ، ބައެއް ޓެކް އެންޓަޕްރޮނުއަރސް، ދަތުރުފަތުރުގެ ހިދުމަތް ޒަމާނީ ކުރުމަށް ކުރެވުނު ބައެއް މަސައްކަތްތަކާއި އެމަސައްކަތުގައި ސަރުކާރުގެ ފަރާތުން އަމަލުކުރި ގޮތާއި، ލިބުނު ޖަވާބާއި، އޭގެ ފަހުން ކަންތައްތައް ހިނގައިގެން ދިޔަ ގޮތުގެ ވާހަކައެވެ.
އަމިއްލަ ފަރާތްތަކުން އެއްވެސް ހިދުމަތެއްގައި އެޕެއް އުފެއްދުމަށްޓަކައި ގިނަ މަރުހަލާތަކަކުން ކަޑައްތު ކުރަން ޖެހެއެވެ. އެޕް އުފައްދާ ޑެލިވަރ ކުރުމުގައި ވިސްނަންޖެހޭ ބައިވަރު ކަންތައްތަކެއް ހިމެނެއެވެ. ގިނަ ބައެއްގެ މެދުގައި ވާދަކުރުމާއި، އެޕް މާކެޓް ކުރުމާއި، ޔޫސަރުން ހޯދުމާއި، އެޕް ޑިވެލޮޕްކުރާނެ ޓެކްނިކަލް މީހުން ހޯދުމާއި، އެޕްގެ ސެކިޔުރިޓީ ކަށަވަރުކުރުމާއި، މިއީ އޭގެ ތެރެއިން ބައެއް ކަންތައްތަކެވެ. ދެން މިފަދައިން ދަތި ހާލުގައި އެޕެއް އުފައްދާ ފަރާތްތަކަށް މިހާރު މިޖެހެނީ އާންމުންގެ ޓެކްސް ފައިސާގެ ފައިދާ ނަގައިގެން، ގިނަގުނަ ވަސީލަތްތަކާއި އެޑްވާންޓޭޖްތަކާއި އެކު މަސައްކަތްކުރާ ސަރުކާރުގެ އިދާރާތަކާއި ވާދަކުރާށެވެ.
މިއީ އަސްލު ހަގީގަތުގައި އަމިއްލަ ކުދި ވިޔަފާރިތައް މިކަހަލަ މަސައްކަތް ހުއްޓާލަންޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ. ވަރުގަދަ ކުޅުންތެރިންނާއި ވާދަ ނުކުރެވިގެން ހުއްޓާލަން ޖެހެނީ ހަމައެކަނި ޓެކްސީ ނުވަތަ ދަތުރުފަތުރުގެ އެޕް އުފައްދާ ފަރާތްތައް އެކަންޏެއް ނޫނެވެ. މިއީ މިދާއިރާއިން މަސައްކަތް ކުރަން އުޅުނު އެތަކެއް ގިނަ ކުންފުނިތަކެއްގެ ތަޖުރިބާއެވެ. މިއީ ވަކި ސަރުކާރަކަށް ނުވަތަ ވަކި ޕާޓީއަކަށް ދިއްކުރާ އިނގިއްޔެއް ނޫނެވެ. މިއީ މިހާތަނަށް ގިނަ ބަޔަކަށް ފެނިފައިވާ ހަގީގަތެކެވެ.
މިއީ ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބިނާކުރުމުގެ ހުނަރު ހުރި މީހުންގެ ހިތްވަރު ގެއްލޭ ސަބަބެވެ. މިއީ މިދާއިރާގެ މަސައްކަތް ކުރާ އެތަށް ޑިވެލޮޕަރުންނަކަށް މީގެ ކުރިން ލިބިފައިވާ މެސެޖެކެވެ. އަދި ފެންނަ ފެނުމުގައި، ކުރިންވެސް، މިހާރުވެސް އަދި މުސްތަގުބަލުގައި ވެސް ބާރުގަދަ ބަޔަކާއި ކަނެކްޝަނެއް ނެތް ބަޔަކަށް ކުރިމަތިލާން ޖެހެނީ މި ހިތްދަތިކަމާއެވެ. އެތަށް ދުވަހެއްގެ ބުރަ މަސައްކަތުން ރަނގަޅު ޕްރޮޑަކްޓެއް ބިނާކޮށްފިނަމަ، ސަރުކާރުން ހަމައެފަދަ އެހެން އެއްޗެއް ހަދާ، ހުނަރުވެރި މީހުންގެ ހުނަރުވެރިކަމަށް ފިއްތުން ކުރިމަތި ކުރިމަތިކުރުވައެވެ. ހިޔާލުތައް ކޮޕީކޮށް ވަގަށް ނަގާ، ހުނަރުވެރިކަން މަރާލައެވެ. ދުވަސްގަނޑަކަށް ފަހު ދެން ފެންނާނީ އެކުޅުންތެރިން ދާއިރާ ދޫކޮށް ނުވަތަ މުޅި ގައުމުވެސް ދޫކޮށް ދާތަނެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޓެކްސީ އެޕް ފެއިލްވުމަކީ އަހަރުމެން ހޭއަރަން ލިބުނު ސިގްނަލެކެވެ. މިލިއަނުން ރުފިޔާ ހަރަދުކޮށްގެން މީގެ ދިހަ ފަނަރަ އަހަރު ކުރިން އަހަރުމެން ތިބި ހާލަތަށް ރުޖޫއަވުމަކީ އަހަރުމެން ބަލައިގަނެގެން ވާނެ ކަމެއް ނޫނެވެ. އަހަރުމެން ދެކެން ބޭނުންވާ ޑިޖިޓަލް މުސްތަގުބަލަކީ މިއީ އެއް ނޫނެވެ. މިއީ ވަކި ބައެއްގެ ޖީބުތަކަށް ބަރުކުރުމަށް، ޓެކް ދާއިރާ އަދި ޖުމްލަކޮށް މުޅި ރާއްޖެ ކުރިއެރުވުމަށް ބުރަ މަސައްކަތް ކުރާ ފަރާތްތަކަށް ދިން ވަރަށް ނުރަނގަޅު މެސެޖެކެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ދާއިރާއާއި ޓެކް ދާއިރާ ކުރިއަރައިގެން ދާނީ ސަރުކާރުން ރައްޔިތުންނާ ވާދަކުރުން ހުއްޓާލައި، ރާއްޖޭގެ މަގުތަކާއި އާންމު އިންފްރާސްޓްރަކްޗަރއާއި ވެހިކަލް ކެޕޭސިޓީ ކޮންޓްރޯލްކުރުން ފަދަ އަސާސީ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ފޯކަސް ކުރެވިގެންނެވެ. އަހަރުމެންގެ ޓެކްސް ފައިސާ މިގޮތަށް ބޭކާރު ވާތަން ބަލަން ތިބެގެން މިކަމެއް ނުވާނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް