Download Logo
Copy Logo

ސެމްސަންގް މެސެޖަސް ހުއްޓާލައި، ގޫގުލް މެސެޖަސް ބޭނުންކުރަން ފަށަނީ

އަޙްމަދު ދާއޫދު 09 އޭޕްރީލު 2026

ސެމްސަންގްގެ އަމިއްލަ މެސެޖިން އެޕްލިކޭޝަން "ސެމްސަންގް މެސެޖަސް" ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި ގޫގުލް މެސެޖަސް ބޭނުންކުރަން ފަށާނެކަމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ބަދަލަށް އެމެރިކާގައި ރަސްމީކޮށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

ސެމްސަންގުން ބުނިގޮތުގައި، މި ބަދަލު އަންނަނީ އެންޑްރޮއިޑް 12 އާއި އެއަށްވުރެ ފަހުގެ ވާޝަންތައް ބޭނުންކުރާ ގަލެކްސީ ޑިވައިސްތަކަށެވެ. ޖުލައި 2026 ގެ ފަހުން، ސެމްސަންގް މެސެޖަސް އެޕްލިކޭޝަން މެދުވެރިކޮށް އާންމު މެސެޖުތައް ފޮނުވުމުގެ ގާބިލިއްޔަތު ކެނޑިގެންދާނެއެވެ. އެ މުއްދަތަށްފަހު އެ އެޕްލިކޭޝަން ބޭނުންކުރެވޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ ނަންބަރުތަކަށް މެސެޖު ފޮނުވުމަށް އެކަންޏެވެ. އަދި ގަލެކްސީ ސްޓޯރުންވެސް މި އެޕްލިކޭޝަން ނުލިބޭނެއެވެ.

މިހާރު ބާޒާރަށް ނެރެފައިވާ ގަލެކްސީ S26 ފޯނުތަކުގައި މިހާރުވެސް ސެމްސަންގް މެސެޖަސް ޑައުންލޯޑް ކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، އެންޑްރޮއިޑް 12 އަށްވުރެ ދަށް ވާޝަންތައް ބޭނުންކުރާ ކުރީގެ ފޯނުތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ.

ގޫގުލް މެސެޖަސް އަށް ބަދަލުވުން:

ސެމްސަންގުން ބުނީ ބޭނުންކުރާ ފަރާތްތަކަށް އެޕްލިކޭޝަންގެ ތެރެއިން ނޮޓިފިކޭޝަންތަކާއި އިރުޝާދުތައް ލިބޭނެ ކަމަށެވެ. އެންޑްރޮއިޑް 14 ބޭނުންކުރާ ފަރާތްތަކަށް، ގޫގުލް މެސެޖަސް ޑިފޯލްޓް އެޕްގެ ގޮތުގައި ހަމަޖެއްސުމުން އޭގެ އައިކޮން އަމިއްލައަށް ހޯމްސްކްރީން ޑޮކް އަށް ބަދަލުވާނެއެވެ.

ގޫގުލް މެސެޖަސްގެ މުހިންމު ފީޗާސްތައް:

އޭއައި ސެކިއުރިޓީ: ސްކޭމްތަކާއި ސްޕޭމް މެސެޖުތައް އޭއައި ބޭނުންކޮށްގެން ދެނެގަނެ، އިންބޮކްސް ރައްކާތެރިކޮށްދެއެވެ.

އާރުސީއެސް މެސެޖިން: އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަތީ ފެންވަރުގެ ފޮޓޯއާއި ވީޑިއޯ ފަސޭހައިން ހިއްސާކުރެވޭނެއެވެ.

ޖެމިނައި އޭއައި: ފޮޓޯ ރީމިކްސް ކުރުމާއި ސްމާޓް ރިޕްލައި ފަދަ ޒަމާނީ ފީޗާސްތައް ބޭނުންކުރެވޭނެއެވެ.

ގިނަ ޑިވައިސްތަކާ ގުޅާލުން: ފޯނުގެ އިތުރުން ޓެބްލެޓާއި ސްމާޓް ވޮޗްގައިވެސް އެއް މެސެޖުތަކެއް ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން ސެމްސަންގްގެ "ޓައިޒެން އޯއެސް" (Tizen OS) ބޭނުންކުރާ ވޮޗްތަކުންވެސް ސެމްސަންގް މެސެޖަސް ހުއްޓާލި ނަމަވެސް، އެ ވޮޗްތަކުން މެސެޖު ކިޔުމާއި ފޮނުވުމުގެ ފުރުސަތު ދެމިހުންނާނެއެވެ.

މި ބަދަލަކީ ގޫގުލް އާއި ސެމްސަންގް ގުޅިގެން، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެއް ފެންވަރެއްގެ، ރައްކާތެރި އަދި ފަސޭހަ މެސެޖިން ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އަޅާ ފިޔަވަޅެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.