މިއަދުގެ ޑިޖިޓަލް ޒަމާނުގައި ދިވެހިންގެ މެދުގައި ޚަބަރާއި މައުލޫމާތު ފެތުރުމަށާއި، ސިޔާސީ އަދި އިޖުތިމާއީ ބަހުސްތައް ކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއް މަންސައަކީ 'އެކްސް' (ކުރީގެ ޓްވިޓަރ) އެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިން ވެސް ރަސްމީ މުއާމަލާތްތަކަށް މި މަންސަ ބޭނުންކުރަމުން އަންނައިރު، އީލޮން މަސްކްގެ މި މަންސައިގައި ބޭނުންކުރާ އޭއައި އެސިސްޓަންޓް "ގްރޮކް" (Grok) މެދުވެރިކޮށް ދިވެހި ބަސް ތަރުޖަމާ ކުރުމުގައި ހަދަމުންދާ ބޮޑެތި ގޯސްތަކަކީ މިހާރު އާދައިގެ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ބަހުގެ ގަވާއިދަށް އަންނަ ބަދަލެއް ނޫނެވެ. މިއީ މައުލޫމާތު އޮޅުވާލައި، ފިތުނަ އުފައްދައި، ގައުމީ ސަލާމަތަށް ވެސް ނުރައްކާވާ ފަދަ ސީރިއަސް މައްސަލައެކެވެ.
ޓެކްނޮލޮޖީގެ މާހިރުން ފާހަގަކުރާ ގޮތުގައި، މި މައްސަލަ ދިމާވާ އެންމެ ބޮޑު ސަބަބަކީ އެކްސްގެ އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންވާ ވަރަށް ދިވެހި ބަހުގެ ޑޭޓާ އެ ކުންފުނީގެ އަތުގައި ނެތުމެވެ. ދިވެހި ބަހަކީ މުއްސަނދި، އަދި އޭގެ ޒާތުގައި ތަފާތު ގަވާއިދުތަކެއް އެކުލެވޭ ބަހަކަށް ވާއިރު، ގްރޮކް ފަދަ އޭއައި ސިސްޓަމްތަކަށް ދިވެހި ލިޔުންތަކުގެ އަސްލު މާނަ ދެނެގަންނާކަށް ނޭނގެއެވެ. ނަތީޖާއަކީ، އޭއައި ސިސްޓަމުން އަމިއްލައަށް ލަފާކޮށްގެން ހިޔާލީ ވާހަކަތަކެއް އުފައްދައި، އެއީ ރަނގަޅު ތަރުޖަމާ ކަމުގައި ދައްކުވައިދިނުމެވެ. މިއީ މައުލޫމާތުގެ ސައްހަކަން ގެއްލި، އޮޅުންބޮޅުން ބޮޑުވެގެންދާ ކަމެކެވެ.
މިކަމުގެ އެންމެ ނުރައްކާތެރި އެއް މިސާލަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ޖުމްހޫރީ ދުވަހުގެ ތަހުނިޔާގެ މެސެޖު އެކްސްއިން ތަރުޖަމާކުރި ގޮތެވެ. ދިވެހި ބަހުން ލިޔުއްވާފައިވާ އެ ޕޯސްޓުގައި އަސްލު އޮތީ ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމެވެ. އެހެންނަމަވެސް، އެކްސް އިން މީގެ ތަރުޖަމާ ގެނެސްދިނީ ހައިރާންވާ ފަދަ ގޮތަކަށެވެ. ތަރުޖަމާގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރި ކަމަށާއި، ދިވެހި ސަރުކާރުން "އިންޑިއާ އައުޓް" މުޒާހަރާތަކުގައި ބައިވެރިވާ ކަމަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުންނާއި ބޭރުގެ ޑިޕްލޮމެޓުން މި ތަރުޖަމާ ކިޔައިފިނަމަ، ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުމަށް ބޮޑެތި ބުރޫތަކެއް އަރައި، ރާއްޖޭގެ ތަސައްވުރު ބޭރު ދުނިޔޭގައި ކިލަނބުވެގެން ދިއުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ.
ހަމައެކަނި ޚާރިޖީ ގުޅުންތަކަށް ކުރާ އަސަރެއް ނޫނެވެ. ދިވެހި ނޫސްތަކުން ގެނެސްދޭ ޚަބަރުތަކުގެ ސުރުޚީތައް ވެސް މި އޭއައި އިން ދަނީ ވަރަށް ބޮޑަށް އޮޅުވާލަމުންނެވެ. މިގޮތުން "އަދަދު" ނޫހުގައި ޝާއިއުކުރި، ސިޔާސީ ގޮތުން ދާއިރާއެއްގެ ތާއީދު ހޯދުމާ ގުޅޭ ޚަބަރެއް އެކްސް އިން ތަރުޖަމާކުރީ ސަރުކާރުން ދެ މީހަކު "ރޮކެޓެއްގައި ހަނދަށް ފޮނުވާ" ވާހަކައިގެ ގޮތުގައެވެ.
މިފަދަ ހެއްވާ އަދި ހަގީގަތާ ޚިލާފު ތަރުޖަމާތަކުގެ ސަބަބުން ކިޔުންތެރިންނަށް ލިބެނީ މުޅިން ގޯސް މައުލޫމާތެވެ. މީގެ ނަތީޖާއަކީ ދިވެހި ނޫސްތަކުން ދޮގު ޚަބަރު ފަތުރަނީ ކަމަށް ބިދޭސީންނަށް ހީވެ، ދިވެހި މީޑިއާތަކުގެ އިތުބާރު ގެއްލުމެވެ. މިއީ "މިސްއިންފޮމޭޝަން" ނުވަތަ ނުބައި މައުލޫމާތު ފަތުރާ ބޮޑު ވަސީލަތަކަށް އެކްސް ބަދަލުވެފައިވާ ކަމުގެ ސާފު ހެއްކެކެވެ.
މި އޮޅުވާލުންތަކުގެ ސަބަބުން އިޖުތިމާއީ ފިތުނަ އުފެދުމުގެ ބިރުވެސް ވަރަށް ބޮޑެވެ. ދިވެހި ބަހުގައި މާތްކޮށް ހިތުމުގެ ދަރަޖަތަކާއި، ބަސްމަގުގެ ފުން މާނަތައް ހުރެއެވެ. ނަމަވެސް ގްރޮކް އޭއައި އަށް މިކަންކަން ދެނެގަންނަން ނޭނގުމުގެ ސަބަބުން، އިހުތިރާމާއެކު ލިޔާ ލިޔުންތައް ހަރުކަށި އަދި ހުތުރު އިބާރާތްތަކަށް ބަދަލުވެއެވެ.
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެފައިވާ ނާޒުކު ދަނޑިވަޅުތަކުގައި، ސިޔާސީ ލީޑަރަކު ނުވަތަ މުއައްސަސާއަކުން ކުރާ ޕޯސްޓެއްގެ މާނަ ނުބައިކޮށް ތަރުޖަމާވުމުން، އާންމުންގެ މެދުގައި ރުޅިވެރިކަން އުފެދި، މަގުމަތީގެ ހަމަނުޖެހުންތަކަށް ވެސް މަގުފަހިވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
މިއީ ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން، ޚާއްސަކޮށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި އަދި ދިވެހިބަހުގެ އެކަޑެމީ ފަދަ އިދާރާތަކުން ސީރިއަސްކޮށް ނަގަންޖެހޭ މައްސަލައެކެވެ. އެކްސް ފަދަ ބައިނަލްއަގުވާމީ ކުންފުނިތަކާ މުއާމަލާތްކޮށް، ދިވެހި ބަހުގެ ތަރުޖަމާ ރަނގަޅު ކުރުމަށް ބާރުއެޅުމަކީ މުހިންމު ކަމެކެވެ. އަދި އެކަށީގެންވާ ފެންވަރަކަށް ދިވެހި ބަހުގެ ތަރުޖަމާ ތަރައްގީ ކުރެވެންދެން، އެ މަންސައިން އޮޓޯ ތަރުޖަމާގެ ހިދުމަތް ދިވެހި ބަހުން މެދުކަނޑާލުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އެދެން ޖެހެއެވެ.
ޚުލާސާކޮށް ބުނާނަމަ، އާޓިފިޝަލް އިންޓެލިޖެންސް ކިތަންމެ ކުރިއަރައި ދިޔަސް، ދިވެހި ބަހުގެ ސަގާފީ ހަމަތަކާއި އަސްލު މާނަ ދެނެގަތުމުގައި އެކްސްގެ ސިސްޓަމްތައް ވަނީ މުޅިން ފެއިލްވެފައެވެ. އެހެންކަމުން، މި މައްސަލަ އިސްލާހުކުރުމަށް އެކްސް ކުންފުނިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ހަމައެއާއެކު، އާންމު ކިޔުންތެރިން ވެސް އޭއައި އިން ކުރާ އޮޓޯ ތަރުޖަމާތަކަށް އެކަނި ބަރޯސާނުވެ، ޚަބަރުގެ ނުވަތަ ޕޯސްޓުގެ އަސްލު ތާނަ ލިޔުމުގައި ބުނެފައިވާ އެއްޗެއް ކިޔައި، ހަގީގަތް ދެނެގަތުމަށް ސަމާލުކަން ދިނުމަކީ މި ނުރައްކާތެރި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މި މައްސަލައާއި ގުޅިގެން އެކްސްގައި އެކި ދިވެހިން ކޮށްފައިވާ ޝަކުވާތައް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.