ދުނިޔޭގައި ބޭނުންކުރާ އެންމެ ރައްކާތެރި މެސެޖިންގ އެޕްލިކޭޝަންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ "ސިގްނަލް" އަށް، ރަޝިޔާއާ ގުޅުން ހުރި ހެކަރުންތަކެއް ހަމަލާދޭން ފަށާފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ. ޖަރުމަނުގެ އިސް ސިޔާސީ ބޭފުޅުންނަށް އަމާޒުކޮށް ރަޝިޔާގެ މަދަދު ލިބޭ ގްރޫޕްތަކަކުން ފިޝިންގ ހަމަލާތަކެއް ދެމުންދާ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. މިއާއެކު، ސިގްނަލްގެ ރައްކާތެރިކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މިފަދަ ހަމަލާތަކެއް ނެދަލޭންޑްސް އަދި އެމެރިކާގެ ޔޫޒަރުންނަށްވެސް ކުރިމަތިވެފައިވާ އިރު، ރަޝިޔާއަށް ތާއީދުކުރާ ހެކަރުންގެ ފަރާތުން ސައިބަރ ހަމަލާތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ގޫގުލްއިން ވަނީ މިދިޔަ ފެބްރުއަރީ މަހު ދީފައެވެ. ސިގްނަލް އަކީ އެހެން މެސެޖިންގ އެޕްތަކާ ޚިލާފަށް، ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއްދޭ އެޕެކެވެ.
ސިގްނަލް މަސައްކަތް ކުރަނީ "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" މެދުވެރިކޮށެވެ. މީގެ މާނައަކީ ފޮނުވާ މެސެޖުތައް ދަތުރުކުރާނީ އޮޅުންބޮޅުންވާ ގޮތަށް ކޯޑު ކުރެވިފައިވާ ފޯމެޓެއްގައެވެ. އެ މެސެޖުތައް ކިޔޭނީ ހަމައެކަނި އެ ފޮނުވި މީހާއަށާއި ލިބެންވީ މީހާއަށް އެކަންޏެވެ. ސިގްނަލް ހިންގާ ކުންފުންޏަށް ނުވަތަ އިންޓަރނެޓް ޚިދުމަތްދޭ ފަރާތަކަށްވެސް އެ މެސެޖުތަކެއް ނުކިޔޭނެއެވެ.
ވަޓްސްއަޕް އަދި އެޕަލްގެ އައިމެސެޖާ ޚިލާފަށް ސިގްނަލް ހިންގަނީ ފައިދާއަށް މަސައްކަތް ނުކުރާ މިނިވަން ޖަމިއްޔާއަކުންނެވެ. ސިގްނަލުން މެސެޖު ފޮނުވި ގަޑިއާއި، މެސެޖު ލިބުނު މީހާ ފަދަ "މެޓަޑޭޓާ" މައުލޫމާތުވެސް ކުންފުންޏަށް ނުފެންނަ ގޮތަށް ސިއްރުކުރެއެވެ. ނަމަވެސް ވަޓްސްއަޕުން ފޯނު ނަންބަރާއި، އައިޕީ އެޑްރެސް ފަދަ މައުލޫމާތުތައް މެޓާ ކުންފުންޏާއި ތިންވަނަ ފަރާތްތަކާ ހިއްސާކުރެއެވެ.
2012 ވަނަ އަހަރު އުފެއްދި ސިގްނަލްގެ މިލްކުވެރިކަން އޮންނަނީ ކެލިފޯނިއާގެ ސިގްނަލް ފައުންޑޭޝަނަށެވެ. މި އެޕް އުފެއްދުމުގައި ވަޓްސްއަޕްގެ ކޯ-ފައުންޑަރ ބްރަޔަން އެކްޓަން ވަނީ 50 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. މިހާރު މި ކުންފުނީގެ ރައީސަކީ ކުރިން ގޫގުލްގައި މަސައްކަތްކުރި އަދި މީހުންގެ ޒާތީ މައުލޫމާތު ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް ވަކާލާތުކުރާ މެރެޑިތު ވިޓޭކަރ އެވެ.
ސިގްނަލްގެ އެންކްރިޕްޝަން ސިސްޓަމް ހެކަރުންނަށް ފޫއަޅުވައެއް ނުލެވެއެވެ. ނަމަވެސް މިހާރު ކުރިމަތިވަމުންދާ ހަމަލާތަކަކީ "ފިޝިންގ" ހަމަލާތަކެކެވެ. މީގެ މާނައަކީ ސިގްނަލްގެ ސަޕޯޓް ޓީމުގެ ނަމުގައި ދޮގު ސެކިއުރިޓީ އެލާޓްތަކާއި ލިންކުތައް ފޮނުވައިގެން ޔޫޒަރުންނަށް އޮޅުވާލުމެވެ. ޔޫޒަރުންނަށް އޮޅިގެން އެފަދަ ލިންކުތަކަށް ފިތާލުމުން، ހެކަރުންނަށް އެމީހުންގެ އެކައުންޓަށް ވަދެގަނެ މެސެޖުތައް ކިޔުމުގެ ފުރުސަތު ލިބެއެވެ.
މިކަމުގެ ސަބަބުން ހެކަރުންނަށް އެހެން މީހުންގެ ނަމުގައި މެސެޖު ފޮނުވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މިފަދަ ހަމަލާތަކާ ގުޅިގެން ސިގްނަލް ކުންފުނިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ ސިސްޓަމްގެ ބަލިކަށިކަމަށް ވުރެ ބޮޑަށް، ބޭނުންކުރާ މީހާ އޮޅުވާލުމުގެ ތެރެއިން ހިންގާ އަމަލުތަކެއްކަން ފާހަގަކުރެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.