Download Logo
Copy Logo

ފޮޓޯ: އޭއައި

ގިޓްހަބްގެ މުހިންމު ހިދުމަތްތަކަކަށް ބޮޑު ބުރޫއެރުމެއް!

ދުނިޔޭގެ އެންމެ ބޮޑު ކޯޑް ހޯސްޓިންގ ޕްލެޓްފޯމް، ގިޓްހަބް (GitHub) އިން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިޔަ އިންފްރާސްޓްރަކްޗަރ ފެއިލްއޯވަރ އެއްގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މި މަހުގެ 15 ވަނަ ދުވަހު އެ ކުންފުނީގެ މުހިންމު ހިދުމަތްތަކަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ގިޓްހަބްގެ ރަސްމީ ސްޓޭޓަސް ޕޭޖުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލަ ދިމާވެފައިވަނީ އެ ދުވަހުގެ 07:43 UTC އިން ފެށިގެން 08:48 UTC އާ ދެމެދުގެ ވަގުތެއްގައެވެ.

މި މައްސަލަ ދިމާވާން މެދުވެރިވީ އޮޓޮމޭޓެޑް ސަރވިސް ޑިސްކަވަރީ އަޕްޑޭޓެއް ސިސްޓަމްތަކަށް ރަނގަޅަށް ފެތުރިގެން ނުދިއުމުގެ ސަބަބުން، ނެޓްވޯކް ޓްރެފިކް ނުބައި މަގުތަކަކުން ރޫޓްވެ، ވޯކްފްލޯ އޯކެސްޓްރޭޝަންގެ ކޯ ޑިޕެންޑެންސީއަށް ބާރުބޮޑުވެ ޓައިމްއައުޓްތަކެއް ދިމާވުމުންނެވެ.

މި ބުރޫއެރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ވަގުތު ގިޓްހަބް އެކްޝަންސް (GitHub Actions) ގެ މަސައްކަތްތަކުގެ 42 އިންސައްތަ ފެއިލްވެފައިވާއިރު، މީގެ ނޭދެވޭ އަސަރު ޖިޓްހަބް ޕޭޖަސް (GitHub Pages) އަދި ކޯޕައިލެޓް ކްލައުޑް (Copilot Cloud) ސަރވިސްތަކަށްވެސް ވަނީ ކޮށްފައެވެ. ނަމަވެސް، އިންޖީނިއަރުން ކުރި މަސައްކަތުން 08:12 UTC ހާއިރު ރޫޓިންގ މައްސަލަ މެނުއަލްކޮށް ހައްލުކޮށް، 08:48 UTC ގައި ހިދުމަތްތައް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށްޓަކައި ފެއިލްއޯވަރ ގާޑްރެއިލްސް އާއި ޕްރީ-ފްލައިޓް ޗެކްސްތައް މިހާރު ދަނީ ވަރުގަދަކުރަމުންނެވެ.

އެ ދުވަހުގެ ކުރީކޮޅުވެސް ގިޓްހަބްގެ ހިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވިކަން ފާހަގަކުރެވެއެވެ. އެގޮތުން 02:49 UTC އިން 03:04 UTC އަށް ގިޓްހަބް ވެބްސައިޓަށް ވަނުމަށް ބައެއް ޔޫޒަރުންނަށް ދަތިތަކެއް ކުރިމަތިވީ، ކުއްލިއަކަށް ސިސްޓަމަށް އައި ޓްރެފިކް ސްޕައިކެއްގެ ސަބަބުންނެވެ. އެހެންނަމަވެސް، މައްސަލަ ޖައްސާ ޓްރެފިކް އައި މަސްދަރު ހޯދައި، އެ މަސްދަރު ވަގުތުން ބްލޮކްކޮށްގެން އެ މައްސަލަވެސް ވަނީ އަވަހަށް ހައްލުކޮށްފައެވެ.

މި މަހުގެ ތެރޭގައި ގިޓްހަބަށް ޓެކްނިކަލް އެހެން މައްސަލަތަކެއްވެސް ކުރިމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެއި މަހުގެ 6 ވަނަ ދުވަހު، ޕުލް ރިކުއެސްޓް (Pull Request) ރިވިއު ތްރެޑް އުފެއްދުމުގެ ހިދުމަތް ގާތްގަނޑަކަށް 4 ގަޑިއިރަށް މެދުކެނޑުނެވެ. އެއީ ގިޓްހަބުން ބޭނުންކުރާ ޑޭޓާބޭސް ސިސްޓަމެއް ކަމަށްވާ Vitess ގެ ލުކަޕް ޓޭބަލެއްގައި ހުރި 32-bit އިންޓިޖަރ ކީ، އޭގެ އެންމެ މަތީ ވެލިއުއަށް އެރުމުގެ ސަބަބުން އައު އައިޑީތަކަށް ޖާގަ ނުލިބިގެން ދިމާވި މައްސަލައެކެވެ.

މީގެ އިތުރުން، މެއި 7 ގައި ކޯޕައިލަޓް ކްލައުޑް އޭޖެންޓް ސެޝަންތައް ލަސްވުމުގެ މައްސަލައެއް އަދި މެއި 11 އިން 13 އަށް ގިޓް އޮޕަރޭޝަންސް (Git Operations) އަދި ކޯޑްކިއުއެލް (CodeQL) ގެ ހިދުމަތްތަކުން ދޭތެރެއިން ލެޓެންސީ ނުވަތަ ލަސްވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ގިޓްހަބްގެ އެންމެހާ ސިސްޓަމްތަކެއް ހުރީ ފުރިހަމައަށް އޮޕަރޭޝަނަލް ހާލަތުގައެވެ. އަދި މެއި މަހުގެ 18 އާއި 19 ވަނަ ދުވަހު އެއްވެސް ކަހަލަ ހިދުމަތް މެދުކެނޑުމެއް ރިޕޯޓްކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ޑިވެލޮޕަރުންނަށް އިރުޝާދު ދެމުން ގިޓްހަބުން ބުނެފައިވަނީ، މައްސަލަ ދިމާވި ވަގުތު ޕްރޮސެސްނުވެ ހުރި ޕުލް ރިކުއެސްޓްތަކުގެ ކޯޑް ސްކޭނިންގ (code scanning) އަލުން ޓްރިގަރ ކުރުމަށްޓަކައި، އައު ޕުޝް (push) އެއް ކުރަން ޖެހިދާނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.