Download Logo
Copy Logo

ސޯޝަލްމީޑިއާ މަނާކުރުން:އަހަރުމެންގެ ޒާތީ މައުލޫމާތު ހިއްސާކުރާނީ ކިހިނެއް؟

ހިންދު ޢަލީ 11 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމަށް ގަސްދުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޫން 1 ވަނަ ދުވަހު އިއުލާނުކުރައްވާފައެވެ. އަދި އެއާއި އެކު މިމަސައްކަތުގައި ރަނގަޅު މިންގަޑެއްގެ ގޮތުގައި ބަލާނީ އޮސްޓްރޭލިޔާގައި އަޅާފައިވާ ފިޔަވަޅުތައްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޮސްޓްރޭލިޔާއިން އެޑޮޕްޓްކޮށްފައިވާ މިންގަނޑުތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތައް ރާއްޖޭގެ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި، މިކަމާއި ގުޅިގެން ކުރަންޖެހޭ މުއާމަލާތްތަކާއި މަޝްވަރާތައް ކުރަން ކުރިއަށް ގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިއުލާނާ ގުޅިގެން މިކަމާއި ބެހޭގޮތުން އާންމުންގެ ތެރޭގައި އެކި ވާހަކަ ދެކެވި މިކަމާއި ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާއި، ވަކި އުމުރު ފުރައަކަށް އެކަން މަނާކުރުމަށް ހަދާނެ ގޮތްތަކާއި މެދު ގިނަ ބަހުސްތަކެއް ކުރެވި އެކި މައުލޫމާތު މިހާރު ދަނީ ބަދަލުކުރެވެމުންނެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިކަމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަގައި ގިނަ ބައެއްގެ ކަންބޮޑުވުމަކީ މިމަސައްކަތް ކުރާއިރު ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރާނެގޮތަކާމެދުގައެވެ. އުމުރު ކަށަވަރު ކުރާނީ އީފާސް މެދުވެރިކޮށް ހެއްޔެވެ؟ ނުވަތަ ގައުމީ އައިޑެންޓިޓީ ކާޑު އަޕްލޯޑް ކުރަން ޖެހޭނެ ހެއްޔެވެ؟ ސޯޝަލް މީޑިއާ ކުންފުނިތަކަށް އަހަރުމެންގެ ޒާތީ މައުލޫމާތު ހިއްސާ ކުރާނީ ހެއްޔެވެ؟ އުމުރު ޔަގީންކުރުމަށް ކުޑަކުދިންގެ އިތުރުން އެހެން އެންމެންވެސް މައުލޫމާތު ހިއްސާ ކުރަން ޖެހޭނެ ހެއްޔެވެ؟ އުމުރު ޔަގީންކުރުމުގެ ނަމުގައި ރައްޔިތުންނަށް ފާރަލުމުގެ އުސޫލަކަށް މިކަން ވެދާނެ ހެއްޔެވެ؟

މި ސުވާލުތަކަކީ ރާއްޖޭގެ މީހުން އެކަނި ކުރާ ސުވާލުތަކެއް ނޫނެވެ. އޮސްޓްރޭލިއާގެ ރައްޔިތުން ވެސް އެގައުމުގެ ސަރުކާރުން ސޯޝަލް މީޑިއާ މަނާ ކުރަން އުޅޭ ވާހަކަ ދެކެވެން ފެށުމުން މިފަދަ ގިނަ ސުވާލުތަކެއް ކުރިއެވެ.

މި ސުވާލުތަކަށް ޖަވާބު ހޯދުމަށް، އަދި ރާއްޖެއިން އޮސްޓްރޭލިއާގެ ސިޔާސަތުތައް ބޭނުން ކުރަން ވިސްނާފައިވާތީ، އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ ބޭން އުސޫލުތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުން މުހިއްމެވެ. މިގޮތުން މިއާޓިކަލްގައި އޮސްޓްރޭލިޔާ އިން މިކަމަށް ތައްޔާރުވުމަށް ކުރި ކަންތައްތަކާއި، ގާނޫނުގެ ދަށުން މިމަސައްކަތް ތަސްދީގުކުރަން ފެށުމުގެ ފަހުން އޮސްޓްރޭލިޔާގައި ފެނިފައިވާ ބައެއް ނަތީޖާތަކަށް ބަލާލާނަމެވެ.

އޮސްޓްރޭލިޔާގެ ގާނޫނުގައި އޮތީ ކީކޭ؟

މިކަމާއި ގުޅިގެން އޮސްޓްރޭލިޔާއިން އެންމެ ފުރަތަމަ ފާސްކުރީ ކަމާގުޅޭ ގާނޫނެކެވެ. ސޯޝަލް މީޑިޔާގެ ކަނޑައެޅޭ ބައެއް ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓެއް ނުހުޅުވޭނެ ގޮތަށް ކަނޑައަޅާ ފާސްކުރި ގާނޫނަކީ އޮންލައިން ސޭފްޓީ އެމެންޑްމަންޓް (ސޯޝަލް މީޑިއާ މިނިމަމް އޭޖް) އެކްޓް 2024 އެވެ. މިއީ އޮސްޓްރޭލިޔާގެ އޮންލައިން ސޭފްޓީ އެކްޓް 2021 އަށް ގެނެވުނު އިސްލާހެކެވެ. ގާނޫނު ފާސްކުރީ ނޮވެމްބަރ 2024 ގައެވެ. އޮސްޓްރޭލިޔާގެ ގާނޫނުން ބްލޮކްކުރި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ފޭސްބުކް، އިންސްޓަގްރާމް، ރެޑިޓް، ސްނެޕްޗެޓް، ޓިކްޓޮކް، ޓްވިޓަރ، ތްރެޑްސް، ޓްވިޗް، ކިކް އަދި ޔޫޓިއުބެވެ.

މިގާނޫނުގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ސީދާ މަނާކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ގާނޫނުގައި އުމުރު ޔަގީންކުރުމުގެ ޒިންމާ މަތިކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށެވެ. ގާނޫނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން 16 އަހަރުން ދަށުގެ ޔޫޒަރުންނަށް އެކައުންޓް ނުހެދޭނެކަން ޔަގީން ކުރުމަށް 'ރީޒަނަބަލް ސްޓެޕްސް' (އެކަށީގެންވާ ފިޔަވަޅުތަކެއް) އަޅަން ޖެހޭނެކަމަށެވެ.

އެހެންކަމުން ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ކަމަކީ ގާނޫނުގައި އެކަން ކުރަންޖެހޭ ވަކި ގޮތެއްވެސް ކަނޑައަޅާފައެއް ނުވެއެވެ. މާނައަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރު ކުރާނީ ރަސްމީ ލިޔުމެއް ހޯދައިގެންތޯ، ރަސްމީ ޑޭޓާބޭއަކުން ނަގައިގެންތޯ ނުވަތަ އެހެން ގޮތަކުންތޯ ގާނޫނުގައި ކަނޑައަޅާފައެއް ނުވެއެވެ.

މިހެން އޮތުމުން ސޯޝަލް މީޑިއާ ކުންފުނިތަކަށް އެބަޔަކަށް ފެންނަ ކޮންމެވެސް އެއް ގޮތެއް ބޭނުން ކުރެވިދާނެއެވެ. ގާނޫނުގައި ބުނާ 'ރީޒަނަބަލް ސްޓެޕްސް' އަޅާނީ ކިހިނެއްތޯ އަދިވެސް ބައެއް ޕްލެޓްފޯމްތަކުން ނުނިންމައެވެ.


އޮސްޓްރޭލިޔާގައި ގާނޫނު ތަންފީޒުކުރަން ފެށުމުގެ ނަތީޖާއަކީ ކޮބާ؟

އޮސްޓްރޭލިޔާގައި އެންމެ ފުރަތަމަ ފެނުނު ބޮޑު ބަދަލަކީ އެތަކެއް އުމުރު ނުފުރޭ ކުދިންނެއްގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކެއް އެއް ފަހަރާ މަނާ ކޮށްލުމެވެ. މިގޮތުން އެކައުންޓްތަކުގައި ހިމެނޭ ކޮންޓެންޓްތައް ނެގުމަށް މުއްދަތެއް ދީފައި، އެތައް މިލިއަން އެކައުންޓްތަކެއް އެއް ފަހަރާ ބްލޮކްކޮށްލިއެވެ.

ސޯޝަލް މީޑިއާ މަނާކުރުމަށް ސަޕޯޓްކުރި މީހުން މިބަދަލު ސިފަކޮށްދިނީ ގާނޫނު ރަނގަޅަށް ތަންފީޒުކުރެވޭނެ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ. ގާނޫނުގެ އަސާސީ މަގުސަދު ހާސިލްވާ ކަމަށެވެ.

އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދިޔައީ ހަމައެކަނި އެކައުންޓް ނައްތާލުމަކީ އުމުރު ހަމަނުވާ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަދުވުމުގެ ދަލީލެއް ނޫންކަމަށެވެ.

ހަގީގަތުގައި ނަތީޖާ ފެނުނީ މިކަމަށް ސަޕޯޓްކުރި މީހުން ދެއްކި ވާހަކަތަކާއި ފާޑުކީ މީހުން ދެއްކި ވާހަކަތަކާއި ދޭތެރޭ ދެމެދުގެ ކޮންމެވެސް ހިސާބެއްގައެވެ. އެއީ ދެބައި މީހުން ދެއްކި ވާހަކަތައް ވެސް ކޮންމެވެސް މިންވަރަކަށް ދިމާވާތީއެވެ.

އުމުރުން ހަމަނުވާ ކުދިންގެ ގިނަ އެކައުންޓްތައް އުނިކުރެވުނު ނަމަވެސް، ފަހުން ނެރުނު ރިޕޯޓްތަކާއި ހަބަރުތަކުން ފެނުނުގޮތުގައި ބައެއް ޒުވާން ކުދިން ދިޔައީ އުމުރާއި ގުޅިގެން އެޅުނު ހުރަސްތައް ނައްތާލެވޭނެ ފަދަ ގޮތްތަކެއް ހޯދާފައެވެ. މީގެ ތެރޭގައި އުފަން ދުވަސް އޮޅުވާލައިގެން އެކައުންޓް ހެދުމާއި، އާއިލީ އެކައުންޓްތައް އުފެއްދުމާއި، ވީޕީއެން މެދުވެރިކޮށް އެކައުންޓް އުފެއްދުމާއި، އުމުރުގެ ހުރަސްތައް ނެތް ޕްލެޓްފޯމްތައް ބޭނުންކުރުން ފަދަ ގޮތްތައް ހިމެނެއެވެ.

މިކަންކަމަކީ ގިނަ ބަޔަކު ވާނެ ކަމަށް ލަފާކުރި ކަންތައްތަކެވެ. އުމުރު ޔަގީންކުރުމުގެ އެއްވެސް ނިޒާމަކީ ފުރިހަމަ ނިޒާމަކަށް ނުވާނެ ކަމަށް ގާނޫނަށް ތާއީދުކުރާ މީހުން ވެސް ފެށުނީއްސުރެ ގަބޫލުކުރިއެވެ. އެފަރާތްތަކުން ބުނަމުން އައީ މިކަމުގެ ފައިނަލް މަގުސަދަކީ އެއްކޮށް ސޯޝަލް މީޑިއާ މަނާކުރުން ނޫން ކަމަށެވެ. އަދި އޭގެ އިތުރުން އުމުރާ ނުގުޅޭ ކޮންޓެންޓަށް ހުށަހެޅޭ ކުޑަކުދިންގެ އަދަދު މަދުކުރުން ކަމަށާއި އެކުދިންނަށް އެފަދަ ކޮންޓެންޓަށް ހުށަހެޅުމުގެ ފުރުސަތު ހަނިކުރުންކަމަށެވެ.

ގިނަ ބެލެނިވެރިން ވަނީ މިބަދަލުތަކަށް މަރުހަބާ ކިޔާފައެވެ. މިއީ އެމީހުންނަށް ފެނިފައިވާ ސައިބަރ ބުލީންގ، ގެއްލުން ހުރި ކޮންޓެންޓް، އޮންލައިން ސްކޭމް، ގްރޫމިންގ އަދި ސޯޝަލް މީޑިއާ އެޑިކްޝަން ފަދަ ކަންބޮޑުވުންތަކަށް ލިބުނު ލުޔެއްކަމަށް ގިނަ ބެލެނިވެރިން ބުނެއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން އެމީހުން ކުރި ޝަކުވާތަކަކަށް ލިބުނު ރަނގަޅު ޖަވާބެއްގެ ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އެހެން ނަމަވެސް އަނެއް ބަޔަކު ވަނީ ޕްރައިވަސީ ގެއްލުމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ގާނޫނު އޮތްގޮތުން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، ކުޑަކުދިންނަށް ފަސޭހައިން ރެގިއުލޭޓް ނުކުރާ އޮންލައިން ޕްލެޓްފޯމްތަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނަމުން ދެއެވެ. މިއީ އަދި މާ ނުރައްކާތެރިކަމަކަށް ވެދާނެކަމަށް ވެސް ބެލެނިވެރިން ހިޔާލު ފާޅު ކުރެއެވެ.

މިކަމަށް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވަނީ މީގެން ނުކުންނާނޭ ނޭދެވޭ ނަތީޖާތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ފާހަގަކުރަނީ ސޯޝަލް މީޑިއާއަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫންކަމަށެވެ. އޭގެ އިތުރުން ބައެއް ޒުވާނުން ސޯޝަލް މީޑިއާ، ތައުލީމީ ވަސީލަތެއްގެ ގޮތުގައި، ނުވަތަ ސަޕޯޓް ނެޓްވޯކްތަކާއި، ނުވަތަ ކޮމިއުނިޓީ ގްރޫޕްތަކާއި، ނަފްސާނީ ސިއްހަތުގެ އެހީ ހޯދާ ވަސީލަތެއް ގޮތަށް ވެސް ބޭނުންކުރާ އެއްޗެއްކަމަށް ފާހަގަކުރިއެވެ. ވިސްނުންތެރިކަމާއެކު ބޭނުންކުރާ ކުދިންނަށް ލިބިފައިވާ ރިސޯސެއް ކަނޑާލުމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެކަމަށް މިފަރާތްތަކުން ބުނެއެވެ.


ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރު ކުރާނީ ކިހިނެއް؟

އޮސްޓްރޭލިއާގެ (އަދި އެހެން ގައުމުތަކުގެ ވެސް) ސޯޝަލް މީޑިއާ މަނާ ކުރުމުގެ ސިޔާސަތާއި ގުޅިގެން އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޔޫޒަރަކީ 16 އަހަރުން ދަށުގެ ފަރާތެއްތޯ ކަނޑައަޅާ ގޮތެވެ. މިއީ ރާއްޖޭގައި ވެސް މިކަމާއި ގުޅޭ ގޮތުން މިހާރު ކުރެވޭ އެންމެ މުހިއްމު އެއް ސުވާލެވެ.

ކުރިންވެސް ދެންނެވުނު ފަދައިން އޮސްޓްރޭލިޔާގެ ގާނޫނުގައި ވަކި ގޮތެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާ ކުންފުނިތަކުން ކޮންމެވެސް ގޮތަކުން އުމުރު ކަށަވަރު ކުރަން ޖެހެއެވެ. އެހެން ނޫންނަމަ ބޮޑު އަދަދުތަކުން ކުންފުނި ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅައެވެ.

އޮސްޓްރޭލިޔާއިން (އަދި އެހެން ގައުމުތަކުންވެސް) އުމުރު ކަށަވަރު ކުރުމަށް އެކި ގޮތްތައް ހުށަހަޅައި ޓެސްޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛

1. ރަސްމީ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓެއް ބޭނުން ކުރުން

ސޯޝަލް މީޑިއާ އެކައުންޓެއް ހުޅުވާއިރު، އެ ޕްލެޓްފޯމަކުން ރަސްމީ އައިޑެންޓިފިކޭޝަން ލިޔުމެއް ހިއްސާކުރުމަށް އެދޭނީއެވެ. މީގެ ތެރޭގައި ގައުމީ އައިޑީކާޑު، ޕާސްޕޯޓާއި، ޑްރައިވިންގ ލައިސަންސް ނުވަތަ އެނޫންވެސް ރަސްމީ ލިޔުމެއް ބޭނުންކުރުމެވެ. ދެން ސޯޝަލް މީޑިއާ ޕްލެޓްފޯމުން އުމުރު ޗެކްކޮށް، 16 އަހަރުން މަތީގެ މީހެއްތޯ ކަށަވަރުކޮށްދޭނީއެވެިނުމެވެ.

މިގޮތަށް އުމުރު ކަށަވަރު ކުރުމުގައި ކުރިމަތިވާ މައްސަލައަކީ ޕްރައިވެސީގެ ކަންބޮޑުވުންތަކެވެ. އައިޑެންޓިޓީ ޑޮކިއުމަންޓްތައް ސޯޝަލް މީޑިއާ ކުންފުނިތަކާއި ހިއްސާކުރަން ޖެހޭތީއެވެ. އަދި 16 އަހަރުން މަތީ މީހުންވެސް އުމުރު ކަށަވަރު ކުރުމަށް ޑޮކިޔުމަންޓް ހުށަހަޅަން ޖެހޭތީއެވެ.

ދާދި ފަހުން ތައާރަފްކުރެވުނު މެލޭޝިޔާގައި ސޯޝަލް މީޑިއާ މަނާކުރުމުގެ މަސައްކަތުގައި އެގައުމުން އުމުރު ކަށަވަރު ކުރަނީ މިގޮތަށް ކަމަށް ރިޕޯޓް ކުރެވެއެވެ.

2. ތިންވަނަ ފަރާތެއް މެދުވެރިވެ އުމުރު ޔަގީންކުރުން (ތަރޑް ޕާޓީ ވެރިފިކޭޝަން)

މިގޮތް ބޭނުން ކުރުމުން ސީދާ ސޯޝަލް މީޑިއާ ޕްލެޓްފޯމާއި އައިޑެންޓިޓީ ލިޔުމެއް ހިއްސާކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އައިޑީ ހިއްސާކުރާނީ އުމުރުގެ ކަށަވަރުކުރާ ސްޕެޝަލިސްޓް ވެރިފިކޭޝަން ކުންފުންޏަކަށް ނުވަތަ އެޕްލިކޭޝަނަކަށެވެ.

މިފަދަ ސިސްޓަމަކުން އުމުރު ކަށަވަރު ކުރުމަށް ފަހު ސޯޝަލް މީޑިއާ ކުންފުންޏަށް ހިއްސާކުރާނީ، 16 އަހަރުން މަތިތޯ ނުވަތަ ދަށްތޯ މިމައުލޫމާތު އެކަންޏެވެ. މިޖަވާބަށް ބިނާކޮށް އެކައުންޓް ހުޅުވުމުގެ ފުރުސަތު ލިބޭނީއެވެ. ނުވަތަ ނުލިބޭނީއެވެ. އުމުރު ކަށަވަރު ކުރަން ހުށަހެޅި ލިޔުމެއް ސޯޝަލް މީޑިއާ ޕްލެޓްފޯމަކަށް ނުލިބޭނެއެވެ. މިއީ އޮސްޓްރޭލިއާ އިން ދިރާސާކުރި ރައްކާތެރިކަމަށް ފޯކަސް ކުރާ އެއް ގޮތެވެ.

ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރުމަށް މިފަދަ ތަރޑް ޕާޓީ އެޕްލިކޭޝަނެއް ޔޫރަޕިއަން ޔޫނިއަންއިން ވަނީ މިއަހަރު އެޕްރީލް މަހު ތައާރަފްކޮށްފައެވެ. މިއީ ޔޫރަޕްގެ ހުރިހާ ގައުމެއްގައި ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

3. ލައިވް ފޮޓޯއަކުން އުމުރު ލަފާކުރުން

މިގޮތަށް އުމުރު ލަފާކުރުމަށް ކުރަންޖެހޭ ކަމަކީ މީހާގެ ލައިވް ސެލްފީއެއް ހިއްސާކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި މީހާގެ އުމުރު އަންދާޒާ ކުރެވޭ ފަދަ ފީޗަރއެއް ޕްލެޓްފޯމްގައި ހިމެނުމެވެ.

މިގޮތް ބޭނުންކުރުމުން އެކައުންޓް ހުޅުވަން އުޅެނީ ކާކުކަން ދެނެގަންނާކަށް މަސައްކަތެއް ނުކުރާނެއެވެ. މީގެ މަގުސަދަކީ ހަމައެކަނި މީހާގެ އުމުރު އަންދާޒާ ކުރުމެވެ. މިފަދަ ފީޗަރ އަކުން އުމުރު ލަފާކޮށްފައި، ކަނޑައެޅޭ ވަކި އުމުރަކަށް ވުރެ ހަގުކަމަށް ނިންމާ، އެކައުންޓް ބްލޮކްކޮށްލެވޭނެއެވެ. އަދި ވަކި ގޮތަކަށް ނުނިއްމޭ ކޭސްތަކުގައި އިތުރު އުމުރު ކަށަވަރުކުރުމުގެ ސްޓެޕްތަކެއް ހިމަނާނީއެވެ.

މިއީ އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގައި ވެސް ޓެސްޓްކޮށްފައިވާ ގޮތެކެވެ. މިގޮތަށް އުމުރު އަންދާޒާ ކުރުމުގައި އެކި ނަސްލު އަދި ތަފާތު ގައުމުތަކުގެ މީހުންގެ މެދުގައި ނަތީޖާ ތަފާތުވެ، އުމުރު ކަށަވަރުކުރުން ސައްހަ ނުވެދާނެކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.

4. މިހާރު ހުރި އެކައުންޓްތަކާއި ޑިވައިސްގެ މައުލޫމާތަށް ބެލުން

މިގޮތަކީ މިހާރު ހުރި އެކައުންޓްތަކުގައި ހިމެނޭ އެކި އެކި މައުލޫމާތަށް ބަލާ އުމުރު ކަށަވަރުކުމެވެ. ސޯޝަލް މީޑިއާ ކުންފުނިތަކަށް މިހާރުވެސް ޔޫޒަރުންނާއި ބެހޭ ވަރަށް ގިނަ މައުލޫމާތުތަކެއް އެނގޭނެއެވެ.

މިސާލަކަށް އެކައުންޓް ހުޅުވުމަށް ހިއްސާކޮށްފައިވާ މައުމޫލާތާއި، އެކައުންޓްގެ މުއްދަތާއި، 'ފްރެންޑް' ނުވަތަ ފޮލޯ ކޮށްފައިވާ ފަރާތްތަކާއި، ހިއްސާކޮށްފައިވާ ކޮންޓެންޓްތަކާއި، ޑިވައިސްގެ އެހެން އެޕްލިކޭޝަންތައް މެދުވެރިވެ އޮންލައިންގައި މީހާ ހަރަކާތްތެރިވެފައިވާ ގޮތާއި، ބްރައުޒިންގ ހިސްޓްރީއަށް ބަލާ އެކައުންޓްގެ ވެރިފަރާތަކީ އުމުރު ހަމަނުވާ ފަރާތެއް ކަމަށް ވުމުގެ ފުރުސަތު އޮތްތޯ ބެލުމެވެ.

މިފަދަ ސިސްޓަމެއްގައި އޭއައި މެދުވެރިކޮށް އެ އެކައުންޓް ގެންގުޅޭ ފަރާތުން ބުނެފައިވާ އުމުރާއި އެހެން މައުލޫމާތާއި ދިމާވޭތޯ ބަލާނީއެވެ. މިސާލަކަށް އެކައުންޓް ހުޅުވާފައިވަނީ 25 އަހަރު ވެފައިވާ މީހެއްގެ ގޮތަށް ނަމަވެސް، އެކައުންޓުން ކޮށްފައިވާ ޕޯސްޓްތަކުގައި ދައްކާފައިވަނީ ސްކޫލް އުމުރު ފުރައިގެ ދަރިވަރަކު ދައްކާ ފަދަ ވާހަކަތައް ކަމާއި، ފޮލޯކުރަނީ އުމުރުން ހަގު ކުއްޖަކު ފޮލޯކުރާނެ ފަދަ އެކައުންޓްތައް ކަމާއި، މިފަދަ ތަފްސީލުތައް ދެނެގަންނާނީއެވެ.

ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ ސޯޝަލް މީޑިއާ ކުންފުނިތަކުން ބޭނުންކޮށްފާނެ އެންމެ އާންމު އެއް ގޮތަށް ވެދާނެއެވެ. އެއީ މިހާރުވެސް އެޕްލެޓްފޯމްތަކުގައި މިފަދަ ޑޭޓާތައް ހުންނާނެތީއެވެ.

5. ބެލެނިވެރިންގެ އެކައުންޓަކާއި ލިންކުކޮށްގެން އުމުރު ޔަގީންކުރުން

މިހާރުވެސް ޕްލެޓްފޯމްތަކުގައި ހިމެނޭ ފީޗަރތައް ބޭނުންކޮށްގެން ބެލެނިވެރިއަކު އެކައުންޓެއް ހުޅުވާ، އުމުރު ހަމަނުވާ ކުއްޖަކަށް ބެލެނިވެރިޔާގެ އެކައުންޓާއި ލިންކުވާ އެކައުންޓެއް ހުޅުވާދިނުމަކީ ވެސް އުމުރު ކަށަވަރު ކުރަން ޓެސްޓުކުރި ގޮތެކެވެ. ލިންކުވާ އެކައުންޓު ހުޅުވާއިރު ކުއްޖާގެ އުމުރު ކަށަވަރު ކުރާނީ ބެލެނިވެރިޔާއެވެ. މިގޮތަށް އުމުރު ކަށަވަރު ކުރުމުގެ ޒިންމާ ނަގާނީ ބެލެނިވެރިންނެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މިފަދަ ނިޒާމެއް ބޭނުންކުރުމަށް މިހާރު ވެސް ހުށަހަޅާފައިވެއެވެ. މިގޮތް ހުށަހަޅާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އެއްވެސް ރައްޔިތެއްގެ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހައްގެއް މަނާކުރުމުގެ ބާރު ސަރުކާރަކަށް ލިބިގެނެއް ނުވާނެއެވެ. ހާއްސަކޮށް ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިންގެ މައްޗަށް މިބާރު ހިންގެންވާނީ ބެލެނިވެރިންނަށް އެކަންޏެވެ.

މިގޮތަށް ހަދާނަމަ އެޕްލިކޭޝަން ލެވެލްގައި ބެލެނިވެރިންނަށް ކޮންޓެންޓް ކޮންޓްރޯލް ކުރުމަށް، ކެނޑިނޭޅި ސްކްރޯލް ކުރުމާއި ޕަރސަނަލައިޒްޑް އެލްގޮރިދަމް ފަދަ ފީޗަރސްތައް 'އޮން/އޯފް' ކުރުމުގެ ބާރު ލިބޭނެއެވެ. އަދި ސޯޝަލް މީޑިއާ ކަރފިއުގެ ވަގުތު ތަކެއް ކަނޑައެޅުމާއި، ޕްރެންޑް ރިކުއެސްޓާއި، ޕްރައިވަސީ ކޮންޓެންޓް މޮނިޓަރ ކުރުމުގެ ފީޗަރސްތައް ބެލެނިވެރިންނަށް ލިބޭނެއެވެ.


ރާއްޖެއިން ދަސްކުރަންވީ ކޮން ފިލާވަޅުތަކެއް؟

ރާއްޖޭގައި މިކަމާއި ގުޅޭ މަޝްވަރާތައް އަދި ހަމަ ފެށުނީތާއެވެ. އެހެންކަމުން ސަމާލުކަން ދޭންޖެހޭ ކަމަކީ އޮސްޓްރޭލިއާގެ (އަދި އެހެން ގައުމުތަކުގެ ވެސް) ތަޖުރިބާއިން ދަސްވި ކަންތައްތަކަށް ބަލާ، އެކަމުން ކަންތައް ކުރަންވީ ރަނގަޅު އަދި ނުރަނގަޅު ގޮތްތަކެއް ދެނެގަތުމެވެ. އޮސްޓްރޭލިޔާ ވެސް އަދި ދަނީ މިބަދަލުން ދަސްކުރަމުންނެވެ. ހުރިހާ ކަމެއް އަދި ދަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ހުރިހާ ސުވާލުތަކެއްގެ ޖަވާބެއް އަދި ނުލިބެއެވެ. އެގައުމުންވެސް ދަނީ ކޮންމެ ދުވަހެއްގެ ނަތީޖާތަކުން އެއްޗެހިތަކެއް ދަސްކުރަމުންނެވެ.

އެންމެ މުހިންމުކޮށް ފާހަގަ ކުރަންޖެހޭ ކަމަކީ، ސޯޝަލް މީޑިއާއަށް ވަދެވޭ އުމުރު ހަނިކުރުމަކީ މާސިންގާ ބޮޑު ބަހުސެއްގެ އެންމެ ކުޑަކުޑަ ތަންކޮޅެކެވެ. އަސްލު ބޮޑު ބަހުސަކީ ޕްރައިވަސީ އެވެ. ޒާތީ މައުލޫމާތުގެ ރައްކާތެރިކަމެވެ. މިބަހުސްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުންވެސް ހިމެނެއެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް އެކުލަވާލާފައިވާ ގާނޫނުތައް ތަންފީޒީ ހަމައަކަށް ގެނައުމެވެ. އަދި އެރަނގަޅަށް ތަންފީޒުކުރުމެވެ.

ކުދިންގެ އުމުރު ކަށަވަރު ކުރުމަށްޓަކައި ކުރީގައި ފާހަގަ ކުރެވުނު ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތެއް ބޭނުންކުރުމަށް ވިސްނި ނަމަވެސް ރައްކާތެރިކަން ވާންވާނީ އެންމެ މުހިއްމު ކަމަށެވެ. ރައްކާތެރިކަމާއެކު ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުމާއި، އެމީހުން މިކަމުގައި ބައިވެރިވެ ހިއްސާވުންވެސް މުހިއްމެވެ.

އޮސްޓްރޭލިޔާއިން މިހާތަނަށް ދައްކާ ދީފައިވަނީ މިއީ ކުރަން ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި މިއީ ވެދާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިއީ ތަންފީޒުކުރުމަށް ގޮންޖެހުންތަކެއް ހުރި އުނދަގޫވެސް ކަމެއް ކަން އޮސްޓްރޭލިޔާގެ ތަޖުރިބާއިން އެބަ އިނގެއެވެ. މިމަސައްކަތުން ކާމިޔާބުވީ ކަންތައްތަކާއެކު ޕްރައިވަސީއާއި ގުޅޭގޮތުން އުފެނު ބަހުސްތަކާއި، ނުކުތް ނޭދެވޭ ނަތީޖާތަކަކީ މިމަސައްކަތުން ފަޅައިގެން އައި ކުރިތަކެކެވެ. އެކަންތައްތަކަކީ ވެސް އަލުން ހައްލާ މެދު ވިސްނަން ޖެހޭ ކަންތައްތަކެވެ.

އޮސްޓްރޭލިޔާ އަދި ޔޫރަޕިއަން ޔޫނިއަންއިން ވެސް ފާހަގަ ކުރާ ގޮތުގައި މީގެ ކުރިން އުމުރު ހަމަނުވާ މީހުންނަށް މަނާ އެހެން ކަންކަން ހުއްޓުވުމަށްޓަކައި އުމުރު ކަށަވަރު ކުރަންޖެހޭ ފިޔަވަޅުތަކެއް އެޅުމުން ފުރަތަމަ މީހުންގެ ފަރާތުން ދެކޮޅު ހެދުންތަކެއް ފެނުނެވެ. އަދި މިކަމުގައި ވެސް މަކަރު ހަދާނޭ ގޮތާއި އެކަންތައް ނުކުރާނެ ގޮތްތައް ހޯދަން މީހުން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޕްރޮސެސް އާންމުވުމަށާއި، އެންމެ ރަނގަޅު ގޮތުގައި އެކަންކަން ކުރުމަށް ވަގުތުތަކެއް ނެގިއެވެ. މިއީ މިފަދަ ކޮންމެ ބަދަލަކާއެކު ފެންނަ ހަގީގަތެވެ.

ދިވެހިރާއްޖެއިން މިކަމުން ދަސްކުރަން އޮތް ފިލާވަޅަކީ، އެންމެ ރަނގަޅު އުސޫލު އޮތީ ކޮން ގައުމެއްގައިތޯ ބަލާ އެކަން އެޑޮޕްޓްކުރުމަށް ވުރެ ފުޅާކޮށްކަމެވެ. އޮސްޓްރޭލިޔާގެ އުސޫލު ރަނގަޅޭ، މެލޭޝިޔާގައި ކުރާ ގޮތް ރަނގަޅެއް ނޫނޭ، ނުވަތަ އެންމެ ރަނގަޅީ ޔޫރަޕުގެ ކޮންމެވެސް ގައުމެއްގައި ކުރާ ގޮތް ކަމަށް ކަނޑައަޅާ، އެހެން ގައުމަކަށް ފަހާފައިވާ ހެދުމެއް ރާއްޖެއަށް ފެއްތުމަކީ އެންމެ އެކަށޭނެ ގޮތަށް ނުވެވެސް ދާނެއެވެ. ކޮންމެ ގޮތެއް އެޑޮޕްޓް ކުރި ނަމަވެސް ވިސްނަންވީ ކަމަކީ ހަމައެކަނި އުސޫލުތަކެއް ކަނޑައަޅާފައި ނިންމާލުން ނޫންކަމެވެ. މިފަދަ އުސޫލުތަކަކީ ވެސް ދިރޭ ތަކެއްޗެވެ. ތަނާއި، ވަގުތާ ހާލަތަށް ބަދަލުވާންޖެހޭ ތަކެއްޗެވެ. ކަމެއް ކުރީމޭ ބުނެ ޗެކް މާކެއް ޖަހާލުމަށް ވުރެ ބޮޑުކޮށް މިކަމާ މެދު ވިސްނުން މުހިއްމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.