Download Logo
Copy Logo

އެމް-ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް

އަޙްމަދު ދާއޫދު 15 ޖޫން 2026

ދިވެހިން އެތައް ދުވަހެއް ކުރިން ފެށިގެން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުން އައުމަށްފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖޭގެ މާލީ ބާޒާރަށް މިއަދު ރަސްމީކޮށް އޫރީދޫ ފިންޓެކް ކުންފުނީން ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތް ތަޢާރަފުކުރީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، "އެމްފައިސާ" އާ ޕޭޕަލް ގުޅާލުމަށް ފަހުގައެވެ.

މިޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރާއްޖޭގައި ކުރެވޭ އޮންލައިން މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ ބޮޑު ކުރިއެރުމެކެވެ.

މި އާ ޕާޓްނާޝިޕްގެ ދަށުން ދިވެހި އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ޑޮލަރު ބަލައިގަތުމާއި، ރާއްޖޭން ބޭރަށް ޑޮލަރު ފޮނުވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކުން ފައިސާ ހޯދުމުގައި ދިވެހި ޒުވާނުންނަށް ކުރިމަތިވަމުންދިޔަ ހުރަސްތަކަށް މިއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މިދިޔަ އަހަރު އޫރީދޫއިން ވަނީ ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިއުލާނުކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް މި ހިދުމަތް ފެށުމަށް ވަނީ ރާވާފައެވެ.

އުރީދޫން ހާމަކުރި ގޮތުގައި މި ޚިދުމަތަކީ ހަމައެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކަނި އޮތް ފުރުސަތެއް ނޫނެވެ. ދިރާގު ބޭނުންކުރާ ކަސްޓަމަރުންނަށްވެސް އުރީދޫ އެމް-ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ޕޭޕަލްގެ ބޭނުން ހިފައިގެން ބޭރު ގައުމުތަކަށް ފައިސާ ފޮނުވުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.

މި އާ ޚިދުމަތް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކުން ގޫގުލް ޕްލޭ ސްޓޯއިން ނުވަތަ އައިއޯއެސް ގެންގުޅޭ ފަރާތްތަކުން އެޕަލް އެޕް ސްޓޯއިން "My Ooredoo" އެޕްލިކޭޝަން ޑައުންލޯޑު ކުރުމެވެ. އެއަށްފަހު އެޕްލިކޭޝަން ހުޅުވައި "mFaisaa" ބަޔަށް ގޮސް "Sign Up for mFaisaa" އަށް ފިތާލުމަށްފަހު، ފޯނު ނަންބަރާއި، ގައުމާއި، އެޑްރެސް އަދި އީމެއިލް ފަދަ މައުލޫމާތުތައް ފުރިހަމަކޮށްގެން އެމް-ފައިސާގެ ޚިދުމަތަށް ރަޖިސްޓްރީވާން ޖެހެއެވެ.

---

އުރީދޫ އެމް-ފައިސާއިން ޕޭޕަލް ބޭނުން ކުރާނެ ގޮތް

މި ޚިދުމަތް ރަނގަޅަށް ބޭނުންކުރުމަށްޓަކައި އެންމެ ފުރަތަމަ ދެ އެކައުންޓް ގުޅުވައިލަން (Link ކުރަން) ޖެހެއެވެ. އަދި އެއަށްފަހު ފައިސާ ނެގުމުގެ (Withdraw ކުރަން) މަގު ހުޅުވިގެންދާނެއެވެ.

1. އެމް-ފައިސާ އާއި ޕޭޕަލް އެކައުންޓް ގުޅުވައިލާނެ ގޮތް:

ދެ އެކައުންޓް ގުޅުވައިލުމުގެ ކުރިން، ޕޭޕަލް އެކައުންޓާއި އެމް-ފައިސާ އެކައުންޓުގައި ތިރީގައިވާ ކަންކަން ދިމާވޭތޯ ޔަގީންކުރުމަކީ މުހިންމު ކަމެކެވެ:

* ދެ އެކައުންޓުގައިވެސް ރަޖިސްޓްރީކޮށްފައިވާ ނަމާއި މޮބައިލް ނަންބަރު އެއްގޮތް (Same) ވާންޖެހޭނެއެވެ.

* ޕޭޕަލް އެކައުންޓުގެ ރީޖަން (Region) އިންނަންޖެހޭނީ މޯލްޑިވްސް (Maldives) އަށެވެ.

* ޕޭޕަލް އެކައުންޓުގެ މައިގަނޑު ކަރަންސީއަކަށް އިންނަންޖެހޭނީ ޔޫއެސް ޑޮލަރު (USD) އެވެ.

އެކައުންޓް ލިންކް ކުރުމުގެ ފިޔަވަޅުތައް:

1. މައިއުރީދޫ އެޕްލިކޭޝަނަށް ވަދެ އެމް-ފައިސާ ބަޔަށް ދިއުމަށްފަހު، ހޯމްޕޭޖުގައި ފެންނަން އިންނާނެ "PayPal Card" ނުވަތަ "Link to PayPal" އިޚްތިޔާރު ކުރާށެވެ.

2. އެއަށްފަހު ފެންނަން އިން "Link PayPal Account" ބަޓަނަށް ފިތާލާށެވެ.

3. ދެން ހުޅުވޭ ޕޭޕަލްގެ ރަސްމީ ލޮގިން ޕޭޖުގައި ތިމާގެ ޕޭޕަލް އެކައުންޓުގެ އީމެއިލް އާއި ޕާސްވޯޑް ޖަހައިގެން ލޮގިންވާށެވެ.

4. އެކައުންޓްތައް ގުޅުވުމުގެ މަރުހަލާގެ ތެރެއިން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޕޭޕަލްއިން ރަޖިސްޓްރީކޮށްފައިވާ ފޯނަށް އޯޓީޕީ (OTP) އެއް ފޮނުވާނެއެވެ. އެ ލިބޭ ކޯޑު އެޕްލިކޭޝަނަށް ރަނގަޅަށް ޖަހާށެވެ.

5. އެއަށްފަހު ޚިދުމަތުގެ ޝަރުތުތަކާއި ހުއްދަތަކަށް އެއްބަސްވުމަށް "Agree & Connect" އަށް ފިތާލުމުން ދެ އެކައުންޓް އެއްކޮށް ގުޅި، މުއާމަލާތްތައް ކުރުމަށް ތައްޔާރުވާނެއެވެ.

---

2. ޕޭޕަލް އިން އެމް-ފައިސާ އެކައުންޓަށް ފައިސާ ނަގާނެ ގޮތް:

އެކައުންޓްތައް ގުޅުވައިލުމަށްފަހު ބޭރު ގައުމުތަކުން ނުވަތަ ޕޭޕަލް އެކައުންޓުން ރާއްޖެއަށް (އެމް-ފައިސާ އަށް) ފައިސާ ގެނައުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އަޅާށެވެ:

1. މައިއުރީދޫ އެޕްލިކޭޝަން ހުޅުވައި އެމް-ފައިސާ ބަޔަށް ވަނުމަށްފަހު، ޕޭޕަލް ކާޑުގައި އިންނަ "Withdraw" އަށް ފިތާލާށެވެ. (މި ބައިން ޕޭޕަލް އެކައުންޓުގައި ހުރި ޖުމްލަ ބެލެންސް ފެންނަން ހުންނާނެއެވެ).

2. އެމް-ފައިސާ އެކައުންޓަށް ޖަމާކުރަން ބޭނުންވާ ފައިސާގެ އަދަދު (USD އިން) ޖަހާށެވެ.

ނޯޓް: މި ބައިގައި ޓްރާންސެކްޝަން ފީ (Transaction Fee) އާއި ޕޭޕަލް ވިތުޑްރޯވަލް ފީ (PayPal Withdrawal Fee) ގެ ގޮތުގައި ކެނޑޭނެ އަދަދުތަކާއި، ޖުމްލަ އެކައުންޓުން އުނިވާނެ އަދަދު ސާފުކޮށް ފެންނަން ހުންނާނެއެވެ.

3. ހުރިހާ މައުލޫމާތެއް ރަނގަޅުތޯ ރިވިއު ކުރުމަށްފަހު، ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަންބަރަށް ލިބޭ OTP ކޯޑު ޖަހައި ކަށަވަރު (Confirm) ކޮށްލާށެވެ.

4. ކޯޑު ޖެހުމާއެކު ފައިސާ ކާމިޔާބުކަމާއެކު ޖަމާވިކަމުގެ މެސެޖެއް ފެންނާނެއެވެ. އަދި ވަގުތުން ތިމާގެ އެމް-ފައިސާ ޑޮލަރު އެކައުންޓަށް (USD Account) އެ ފައިސާ ޖަމާވެގެންދާނެއެވެ.

އެމް-ފައިސާ އެކައުންޓުން ޕޭޕަލްއަށް ފައިސާ ޖަމާކޮށްގެން ބޭރަށް ފޮނުވަން ބޭނުންވާނަމަ، އެމް-ފައިސާ ބައިން ޕޭޕަލް ކާޑު އިޚްތިޔާރުކުރުމަށްފަހު "Top Up" އަށް ގޮސް، ޖަމާކުރަން ބޭނުންވާ ފައިސާގެ އަދަދު ޖަހައި ޔަގީންކުރުމުން ޕޭޕަލް އެކައުންޓަށް ފައިސާ ޖަމާވާނެއެވެ. އޭގެ ފަހުން ޕޭޕަލް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

މިޚިދުމަތުގެ ޓްރާންސެކްޝަން ފީތަކުގެ މައުލޫމާތު ކުރިޔަށް އޮތް ތަނުގައި އޫރީދޫ ފިންޓެކްއިން ހާމަކުރާނެކަމަށް ބެލެވެއެވެ،

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.