ވައިބަރ އަކީ އަކީ ހަމައެކަނި މެސެޖުކުރަން ބޭނުންކުރާ އެޕެއްނޫނެވެ. އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ރައްޓެހިން އެކަކު އަނެކަކަށް ޚަބަރުތައް ހިއްސާކޮށް، މުޖުތަމައުތަކުން ހަރަކާތްތައް ރާވައި، އަދި ވިޔަފާރިތަކުން ކަސްޓަމަރުންނާ މުއާމަލާތްކުރާ ތަނެވެ.
އެހެންކަމުން، ވައިބަރގެ ތެރެއިން ސީދާ ChatGPT ފެނުމަކީ ހައިރާންކަމެއް ލިބިދާނެ ކަމެކެވެ.
ވައިބަރ އިން މިހާރު ވަނީ OpenAI ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (AI) އެކުލެވޭ ފީޗާތަކާއި އެސިސްޓެންޓުން ތައާރަފުކޮށްފައެވެ. މީގެ ސަބަބުން އެޕުން ބޭރަށް ނުގޮސް އޭއައިގެ ބޭނުން ހިފުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދެއެވެ. ކުރިން ވަކި ޚާއްސަ ޚިދުމަތެއްގެ ގޮތުގައި އޮތް އޭއައި، މިހާރު މިވަނީ ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުގެ ބައެއްގެ ގޮތުގައި ހިމެނިފައެވެ.
ChatGPT މަގުބޫލުވެގެން ދިޔުމާއެކު، މިލިއަނުން މީހުންނަށް ޖެނެރޭޓިވް އޭއައި ތައާރަފުވެގެން ދިޔައެވެ. ނަމަވެސް، ގިނަ މީހުންނަށް އެ ބޭނުންކުރުމަށްޓަކައި އަދިވެސް ޖެހެނީ ވަކި އެޕްލިކޭޝަނެއް ނުވަތަ ވެބްސައިޓެއް ހުޅުވާށެވެ.
ވައިބަރގެ އުސޫލު ތަފާތެވެ. އޭއައި ޕްލެޓްފޯމަކަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، އޭއައި މިވަނީ ސީދާ މެސެޖުކުރުމުގެ ތެރެއަށް ލާމެހިފައެވެ. މިއީ މުޅި ޓެކްނޮލޮޖީ އިންޑަސްޓްރީން ފެންނަމުންދާ ބޮޑު ބަދަލެކެވެ. އެއީ އޭއައި އަކީ ހަމައެކަނި ވަކި މަންޒިލެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެއީ އެހެން ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ފީޗާއަކަށް ވުމެވެ.
ހަމައެކަނި ޗެޓްބޮޓަކަށްވުރެ ފުޅާ ޚިދުމަތެއް
މުއާމަލާތްތައް އިތުރަށް ފަސޭހަކޮށް، ހަލުވިކުރުމަށްޓަކައި ވައިބަރ އިން ވަނީ އޭއައި އެކުލެވޭ ތަފާތު ގާބިލިއްޔަތުތަކެއް މަޑުމަޑުން ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި އޭއައި މެދުވެރިކޮށް ޗެޓްތަކާއި ލިންކްތަކުގެ ޚުލާސާ ތައްޔާރުކުރުމާއި، ލިޔުންތައް ލިޔުމުގައި އެހީތެރިވުމާއި، އަދި މައުލޫމާތު ހޯދުމާއި އައު ޚިޔާލުތައް އުފެއްދުމަށް އެހީތެރިވެދޭ ޚާއްސަ އޭއައި އެސިސްޓެންޓުން ހިމެނެއެވެ.
މީގެ ނަތީޖާއަކީ، ވައިބަރ އަކީ ހަމައެކަނި މެސެޖުކުރާ އެޕެއްގެ ބަދަލުގައި، މުއާމަލާތްކުރުމާއި، މަސައްކަތްތެރިކަމާއި، އަދި އޭއައިގެ އެހީތެރިކަން އެކުލެވިގެންވާ ފުރިހަމަ ޕްލެޓްފޯމަކަށް ބަދަލުވަމުން ދިޔުމެވެ.
ވައިބަރގައި ޗެޓްޖީޕީޓީގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެ ގޮތް
ވައިބަރއާ ޗެޓްޖީޕީޓީ ގުޅާލުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ، ވާހަކަދައްކަމުންދާ މާހައުލުގެ ތެރެއިން އޭއައި (AI) އެހީތެރިކަން ފަސޭހަކަމާއެކު ލިބުމެވެ. އެކި އެޕްލިކޭޝަންތަކަށް ބަދަލުވުމުގެ ބަދަލުގައި، މެސެޖުކުރާ ވަގުތު ސީދާ އޭއައިގެ ވަސީލަތްތައް ބޭނުންކުރެވޭނެއެވެ.
ބުރަކޮށް ހިނގާ ގްރޫޕް ޗެޓްތަކުގެ މައުލޫމާތު ހޯދުން
ގްރޫޕް ޗެޓެއް ހުޅުވާލާއިރު ކިޔާނުލެވި ހުރި އެތައް ސަތޭކަ މެސެޖެއް ހުރިތަން ދުވަހަކުވެސް ފެނުނު ހެއްޔެވެ؟ ވައިބަރގެ 'އޭއައި ޗެޓް ސަމަރީ' ފީޗާ މެދުވެރިކޮށް، ދެކެވުނު ވާހަކަތަކުގެ ކުރު ޚުލާސާއެއް ތައްޔާރުކޮށްލެވޭނެއެވެ. މީގެ ސަބަބުން ކޮންމެ މެސެޖެއް ވަކިން ކިޔުމުގެ ބަދަލުގައި، މުހިންމު ނިންމުންތަކާއި މަޝްވަރާތައް އަވަހަށް ދެނެގަނެވޭނެއެވެ.
ލިންކްތަކުގެ މައުލޫމާތު އަވަހަށް ދެނެގަތުން
ދިގު މަޒުމޫނުތަކާއި، ރިޕޯޓުތަކާއި، ބްލޮގް ޕޯސްޓްތައް އާންމުކޮށް މެސެޖިންގ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވެއެވެ. ވައިބަރގެ 'އޭއައި ލިންކް ސަމަރީ' ފީޗާގެ އެހީގައި، މުޅި މަޒުމޫނު އެއްކޮށް ކިޔުމުގެ ކުރިން އޭގެ މުހިންމު ނުކުތާތައް ދެނެގަނެވޭނެއެވެ. މިއީ ވަގުތު ސަލާމަތްކޮށް، މައުލޫމާތު ހޯދުމަށް ލިބޭ ފަސޭހައެކެވެ.
ލިޔުންތެރިކަން ރަނގަޅުކުރުން
މަސައްކަތުގެ މާހައުލުގެ މެސެޖެއް ލިޔުނަސް، ކަސްޓަމަރަކަށް ޖަވާބު ދިނަސް، ސޯޝަލް މީޑިއާ ޕޯސްޓެއް ތައްޔާރުކުރިޔަސް ނުވަތަ އެކުގައި މަސައްކަތްކުރާ މީހުންނާ މުއާމަލާތް ކުރިޔަސް، ގްރެމަރ އަދި ރާގާއި، ލިޔުމުގެ އޮނިގަނޑު ރަނގަޅުކުރުމަށް އޭއައި އެހީތެރިވެދެއެވެ. މިއީ ޚާއްޞަކޮށް ވަޒީފާ އަދާކުރާ ފަރާތްތަކަށާއި، ދަރިވަރުންނަށާއި، ވިޔަފާރިވެރިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.
އުނގެނުމާއި ދިރާސާކުރުން
އޭއައި އެހީތެރިންނަކީ އަމިއްލަ އުނގެނުމުގެ ބައިވެރިންގެ ގޮތުގައި ބޭނުންކުރެވިދާނެ ބައެކެވެ. ސައިބަރ ސެކިއުރިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސް އިން ފެށިގެން ފައިނޭންސް، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން ސުވާލުކޮށް، އޮޅުންބޮޅުން ބޮޑު މައުޟޫޢުތައް ސާފުކޮށްދިނުމަށް އެދެވިދާނެއެވެ.
ޚިޔާލު ހޯދުމާއި މައްސަލަ ހައްލުކުރުން
އިވެންޓަކަށް، މަޒުމޫނަކަށް، ވިޔަފާރިއަކަށް، ޕްރޮޖެކްޓަކަށް ނުވަތަ ޕްރެޒެންޓޭޝަނަކަށް އާ ޚިޔާލުތަކެއް ބޭނުންވޭ ހެއްޔެވެ؟ އޭއައި މެދުވެރިކޮށް އާ ޚިޔާލުތައް ހޯދުމާއި، ކަންކަން ކުރާނެ ގޮތުގެ މަޝްވަރާ ހޯދުމާއި، އުފެއްދުންތެރި ވިސްނުންތައް ހޯދިދާނެއެވެ. މިއީ ކޮންޓެންޓް އުފައްދާ މީހުންނާއި، ދަރިވަރުންނާއި، މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކޮށްދޭނެ ވަސީލަތެކެވެ.
އާންމު ދިރިއުޅުމުގައި އެހީތެރިކަން ހޯދުން
ވައިބަރއިން ވަނީ ތަފާތު މަސައްކަތްތަކަށް ޚާއްޞަ އޭއައި އެސިސްޓެންޓުން ތައާރަފުކޮށްފައެވެ. މި އެސިސްޓެންޓުން ކެއްކުމުގެ ޚިޔާލުތައް ދިނުމާއި، ލިޔުމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސުވާލުތަކަށް ޖަވާބު ދިނުމާއި، އަދި ދިރިއުޅުމުގެ ކަންކަމުގައި ގޮތް ނިންމުމަށް އެހީތެރިވެދޭނެއެވެ.
ފުރިހަމަ ސުވާލުތައް އެހުން
އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކުރުމުގައި އެންމެ މުހިންމު އެއް ހުނަރަކީ ނަތީޖާ ނެރެވޭ ފަދަ ގޮތަކަށް ސުވާލުކުރަން ދަސްކުރުމެވެ.
މިސާލަކަށް:
"ޕްރޮޕޯސަލެއް ލިޔެދީ." މިހެން އެހުމުގެ ބަދަލުގައި،
"ރާއްޖޭގެ ސާނަވީ މަދަރުސާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް ހުނަރުތަކުގެ ޕްރޮގްރާމަކަށް ޕްރޮޕޯސަލެއް ލިޔެދީ." މިފަދައިން އަހާށެވެ.
ތިބާ ފޯރުކޮށްދޭ މަޢުލޫމާތާއި ތަފްސީލު އިތުރުވި ވަރަކަށް، ލިބޭ ޖަވާބުގެ ބޭނުންތެރިކަމާއި ގުޅުންހުރި މިންވަރު އިތުރުވާނެއެވެ.
މީގެ މުހިންމުކަމަކީ ކޮބައި ހެއްޔެވެ؟
ވައިބަރ (Viber) ތެރެއަށް ޗެޓްޖީޕީޓީ (ChatGPT) ތަޢާރަފުވުމަކީ ހަމައެކަނި ފީޗަރ އަކަށް އައި ބަދަލެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް މިއީ އިންސާނުން ޓެކްނޮލޮޖީއާ މުޢާމަލާތްކުރާ ގޮތަށް އައި ބޮޑު ބަދަލެކެވެ.
ގިނަ މީހުން އޭއައި އެޕްލިކޭޝަންތަކަށްވުރެ ބޮޑަށް ވަގުތު ހޭދަކުރަނީ މެސެޖުކުރާ އެޕްލިކޭޝަންތަކުގައެވެ. އޭއައި ސީދާ މުޢާމަލާތްތަކުގެ ތެރެއަށް ގެނައުމުން، ވައިބަރ އިން މިވަނީ އާންމު ބޭނުންތެރިންނަށް އޭއައި ބޭނުންކުރުން ފަސޭހަކޮށްދީފައެވެ.
އަމިއްލަ މަޢުލޫމާތުގެ ރައްކާތެރިކަން (Privacy)
މުޢާމަލާތްކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް އޭއައި ވަންނަމުންދާއިރު، ޕްރައިވަސީއަކީ ވަރަށް މުހިންމު ކަމެކެވެ. އޭއައި ފީޗަރތައް މަސައްކަތްކުރާ ގޮތް ބޭނުންކުރާ ފަރާތްތަކަށް އެނގެންޖެހެއެވެ. އަދި ޕްލެޓްފޯމްގެ ޕްރައިވަސީ މަޢުލޫމާތުތައް ބަލައި، އަމިއްލަ ނާޒުކު މަޢުލޫމާތާއި، މާލީ ކަންކަމާއި، ސިއްރު މަޢުލޫމާތުތައް އޭއައި އެސިސްޓެންޓުންނާ ހިއްސާކުރުމުން ދުރުހެލިވާންޖެހެއެވެ.
މުސްތަޤުބަލުގެ ކުޑަ މަންޒަރެއް
ވައިބަރ އަށް ޗެޓްޖީޕީޓީ އައުމަކީ ހަމައެކަނި ފެށުމެވެ. މެސެޖުކުރާ ޕްލެޓްފޯމްތައް މިހާރު ބަދަލުވަމުންދަނީ މުޢާމަލާތްކުރުމާއި، މަސައްކަތްތެރިކަމާއި، ވިޔަފާރިއާއި، އޭއައި އެކުލެވިގެންވާ ބޮޑު ނިޒާމަކަށެވެ.
ރާއްޖެއާއި މުޅި ދުނިޔޭގެ ބޭނުންތެރިންނަށްވެސް އޮތް މެސެޖަކީ ސާފު މެސެޖެކެވެ: އޭއައި އަކީ މިހާރު ވަކި އެޕްލިކޭޝަނަކަށް ގޮސްގެން ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ އަހަރެމެން މުޢާމަލާތްކުރާ ކޮންމެ ތަނެއްގައި އަހަރެމެންނާއެކުވާ އެއްޗެކެވެ.
މިއަދު ވައިބަރ ތެރެއިން ޗެޓްޖީޕީޓީ ފެނުމުން ހައިރާންކަމެއް އިހުސާސް ކުރެވުނު ކަމުގައިވިޔަސް، މިއީ މާދަމާ އަހަރެމެން އުނގެނުމާއި، އުފެއްދުންތެރިކަމާއި، މުޢާމަލާތްކުރުމާއި، އަދި މަސައްކަތްކުރާ ގޮތުގެ އާންމު ބަޔަކަށް ވެގެންދާނެއެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.