ފޮޓޯ: އޭއައި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އޮޅުވާލައިގެން މައުލޫމާތު ފަތުރާ އަދި ކިޔުންތެރިންގެ އިހުސާސްތަކާ ކުޅެލައިގެން ނާޖާއިޒު ފައިދާ ހޯދާ 200 އަށްވުރެ ގިނަ ވެބްސައިޓްގެ ބޮޑު ނެޓްވޯކެއް ސައިބަރ ސެކިއުރިޓީ ތަހުގީގީ ބަޔަކު ފަޅާއަރުވާލައިފިއެވެ.
ސައިބަރ ސެކިއުރިޓީ ކުންފުނި "ޑަބަލް ވެރިފައި" އިން ހާމަކުރި ގޮތުގައި "އޮޓޯބެއިޓް" ގެ ނަމުން ނަންދީފައިވާ މި ނެޓްވޯކަކީ، ހަމައެކަނި އިޝްތިހާރުން ފައިސާ ހޯދުމަށްޓަކައި އޭއައި މެދުވެރިކޮށް ފެންވަރު ދަށް ލިޔުންތައް އުފައްދާ "ސްލޮޕް ފެކްޓްރީ" ތަކެކެވެ. މިއީ އިންޓަރނެޓްގައި އިންސާނުން އުފައްދާ މައުލޫމާތަށްވުރެ ގިނައީ ބޮޓްތަކާއި އޭއައި ކަމަށް ބުނާ "ޑެޑް އިންޓަރނެޓް ތިއަރީ" އަށް ބާރުދޭ ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
މި ނެޓްވޯކްގެ މަސައްކަތްތައް ފަޅާއެރީ، އެމީހުން އޭއައި އަށް ދީފައިވާ ސިއްރު އިރުޝާދުތައް ނުވަތަ "ޕްރޮމްޕްޓްތައް" ވެބްސައިޓްގެ ކޯޑުގެ ތެރޭގައި ހާމައަށް ހުއްޓާ ފެނުމުންނެވެ. އޭއައި އަށް ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ކިޔުންތެރިން ބިރުގަންނަވާލާ ފަދަ ސުރުޚީތައް ބޭނުންކުރުމަށާއި، ގިނައިން ކްލިކް ކުރާނެ ފަދަ ސްލައިޑްޝޯތައް ތައްޔާރުކުރުމުގެ އިތުރުން، ފޯނަކުން ނަގާފައިވާ އަސްލު ފޮޓޯއެއްގެ ސިފަ ޖެހޭ ފަދަ އޭއައި ފޮޓޯ އުފެއްދުމަށް އަމުރުކޮށްފައި ހުއްޓެވެ.
މިފަދަ ނެޓްވޯކެއް ހިންގުމަކީ މިހާރު ހައިރާންވާހާ އަގުހެޔޮ ކަމެއް ކަމަށްވާއިރު، ތަހުގީގުން ދައްކާ ގޮތުގައި ކޮންމެ ލިޔުމެއް ތައްޔާރުކުރުމަށް ހޭދަވަނީ އެންމެ 2.25 ޑޮލަރެވެ. ނަމަވެސް މި ސައިޓްތަކުން ވަނީ ދިހަ މިލިއަނަށްވުރެ ގިނަ އިޝްތިހާރުގެ ވިއުސް ހޯދާފައި ކަމަށްވާތީ، ބޮޑެތި ކުންފުނިތަކުން އިޝްތިހާރަށް ކުރާ ޚަރަދު ދަނީ އެއްވެސް އަސްލެއް ނެތް އޭއައި "ކުނިބުނީގެ" ކޮންޓެންޓަށެވެ.
މާހިރުން ބުނާ ގޮތުގައި "އޭއައި ސްލޮޕް" ގެ ގޮތުގައި ސިފަކުރާ މިފަދަ ލިޔުންތަކަކީ ތަކުރާރުވާ ޖުމްލަތަކާއި، އެއްވެސް އޮއްޓަރެއް ނެތް އާދައިގެ ލިޔުންތަކެކެވެ. މީގެ އިތުރުން ލިޔުމުގެ ތެރޭގައި ހުންނަ ފޮޓޯތަކުގެ އަތް ނުވަތަ މޫނުގެ ސިފަ ކުޑަކޮށް އައިބުވެފައި ހުރުމަކީ މިފަދަ ފޭކް ކޮންޓެންޓް ދެނެގަނެވޭނެ ބައެއް ގޮތްތަކެވެ.
މި ހޯދުންތަކާއެކު އިންޓަރނެޓްގެ އިތުބާރު ގެއްލި، މުޅި ވެބް "ކުނިބުނީގެ" މައުލޫމާތުން ފުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
މިފަދަ އޮޓޮމޭޓެޑް ނެޓްވޯކްތަކުގެ ސަބަބުން އަސްލު ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތެދު މައުލޫމާތު ހޯދުމަށް އާންމުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.