ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެމެރާއާއި އަޑު ރެކޯޑުކުރެވޭ ފަދަ ޓެކްނޮލޮޖީ ހިމެނޭ ސްމާޓް އައިނު ނުވަތަ ކެމެރާ ގްލާސަސް ބޭނުންކުރާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން ކުރިން އަގުބޮޑުކޮށް ލިބެންހުރި މިފަދަ އައިނުތައް، އާންމު ރައްޔިތުންނަށް އަތްފޯރާ ފަދަ ހެޔޮ އަގުތަކެއްގައި ބާޒާރަށް ނެރެން ފެށުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މިއަށް ވަނީ ހުއްޓިފައެވެ.
މީގެ ކުރިން މެޓާ އަދި ރޭބޭން ފަދަ މަޝްހޫރު ބްރޭންޑްތަކުން ނެރުނު އަގުބޮޑު މޮޑެލްތަކުގެ ބަދަލުގައި، ކޭމާޓް ފަދަ ކުންފުނިތަކުން އަންކޯ ބްރޭންޑުގެ ދަށުން ހެޔޮ އަގުތަކުގައި މިފަދަ އައިނު ބާޒާރަށް ނެރުމާއެކު ނުހަނު އަވަހަށް ވަނީ ވިކި ހުސްވެފައެވެ.
މިފަދަ ޒަމާނީ އައިނުތަކަކީ އާންމު އައިނުތަކާ މާ ބޮޑު ތަފާތެއް ނުހުންނަ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެހި ކަމުން، މަގުމަތީގައާއި އާންމު ތަންތަނުގައި އުޅޭއިރު އެހެން މީހުންނަށް ނޭނގި ސިއްރުން ފޮޓޯއާއި ވީޑިއޯ ރެކޯޑުކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހުޅުވިގެންދެއެވެ. މި އައިނުތަކުގައި ހިމެނޭ ކެމެރާއާއި މައިކްރޯފޯނު ބޭނުންކޮށްގެން ސަރަޙައްދުގެ މަންޒަރުތަކާއި އަޑުތައް ރެކޯޑުކޮށް، މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ފޯނަށް ކަނެކްޓްކޮށް، ސޯޝަލް މީޑިއާއަށް މައުލޫމާތު އަޕްލޯޑުކުރުމުގެ މަގު ފަހިވެގެންދެއެވެ. މިގެ ސަބަބުން މަގުމަތީގައި އުޅޭ އާންމު ރައްޔިތުންނާއި، ޚާއްޞަކޮށް އަންހެނުންނަށް ނޭނގި އެމީހުންގެ މަންޒަރުތައް ރެކޯޑުކޮށް، ސޯޝަލް މީޑިއާގައި އާންމުކުރުމުގެ ނުރައްކާ ބޮޑުވެ، ފުރައްސާރަކުރުމާއި ސިއްރުން ބެލުމުގެ މައްސަލަތައް ވަނީ އިތުރުވާންފެށިފައެވެ.
މީގެ އިތުރުން، މިފަދަ އައިނުތައް ބޭނުންކުރުމުގެ ތެރޭގައި ލޮލުގެ ކުރިމައްޗަށް އަންނަ ޑިޖިޓަލް މައުލޫމާތުތަކުގެ ސަބަބުން ސަމާލުކަން ކެނޑި، މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައާއި ދުއްވާތަކެތި ދުއްވުމުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ފުރުޞަތުވެސް ބޮޑުވެގެންދެއެވެ. އަދި އޮފީސްތަކާއި ވިޔަފާރިކުރާ ތަންތަނުގައި ސިއްރު މައުލޫމާތުތަކާއި ބޭންކު އެކައުންޓްގެ ތަފްސީލުތައް ފަދަ ނާޒުކު މައުލޫމާތުތައް ލީކުވުމުގެ ބިރުވެސް އޮތްއިރު، އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ތަމްރީނުކުރުމަށް މިފަދަ އަމިއްލަ މައުލޫމާތުތައް ބޭނުންކުރެވިގެންދާނެކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
މި މައްސަލައާ ގުޅިގެން ޤާނޫނީގޮތުން ބަލާއިރު، މިހާރު އަމަލުކުރަމުންދާ ޕްރައިވެސީގެ ޤާނޫނުތަކަކީ މިފަދަ ހަލުވިކަމާއެކު ކުރިއަރަމުންދާ ޓެކްނޮލޮޖީތަކަށް ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދެވޭ ފަދަ ޤާނޫނުތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
ގިނަ ޤައުމުތަކުގައި ޕްރައިވެސީ ޤާނޫނުތައް އަމާޒުކުރެވިފައިވަނީ ކުންފުނިތަކާއި އިދާރާތަކުން މައުލޫމާތު އެއްކުރާ ގޮތުގެ މައްޗަށް ކަމަށްވުމުން، އަމިއްލަ ފަރުދުންގެ ފެންވަރުގައި މިފަދަ އައިނު ބޭނުންކޮށްގެން ކުރާ ކަންތައްތަކަށް އޮންނަ ފިޔަވަޅުތައް ކުޑައެވެ. އެހެންނަމަވެސް، ހުއްދައާ ނުލައި މީހުންގެ އަޑާއި މަންޒަރު ރެކޯޑުކުރުމާއި، އޮންލައިންކޮށް މީހުންނަށް ފުރައްސާރަކުރުމާ ދެކޮޅަށް ހުރި ބައެއް ޤާނޫނުތަކުގެ ދަށުން މީގެ ނާޖާއިޒު ފައިދާ ނަގާ މީހުންނަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮވެއެވެ.
މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އާންމު އިޖުތިމާއީ ފެންވަރުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މީގެއިން ލިބޭ ފައިދާތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ދުވަހުގެ މަސައްކަތްތައް ފަސޭހަކުރުމަށާއި މުޖުތަމަޢުގައި އުޅުމަށް މިއީ ވަރަށް ބޮޑު އެހީތެރިކަމަކަށްވެގެންދެއެވެ. އެހެންކަމުން މިއީ އެކީގައި މަނާކުރަންޖެހޭ އެއްޗެއްގެ ބަދަލުގައި، އޭގެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި‘ޕްރައިވަސީ ބައި ޑިޒައިން’ ނުވަތަ އުފައްދާއިރުއްސުރެ ޕްރައިވެސީއަށް އިސްކަންދޭ އުސޫލުތައް ޓެކްނޮލޮޖީގައި ހިމެނުމާއި، އާންމު ތަންތަނުގައި މިފަދަ ތަކެތި ބޭނުންކުރުމާ މެދު ސަރީހަ ޤަވާއިދުތަކެއް އެކުލަވާލުން މުހިންމެވެ.
ޖުމްލަގޮތެއްގައި ދަންނަވާނަމަ، ސްމާޓް އައިނަކީ އޭގެ ސަބަބުން ދިރިއުޅުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދޭ އުފެއްދުމަކަށް ވީނަމަވެސް، އޭގެ ސަބަބުން ފަރުދުންގެ ނިވާކަމާއި ޕްރައިވެސީއަށް އޮތް ގޮންޖެހުންތައް ކުޑައެއް ނޫނެވެ. އެހެންކަމުން، މިފަދަ ވަސީލަތްތައް މަނާކުރުމުގެ ބަދަލުގައި، އުފެއްދުންތެރިންގެ ފެންވަރުގައި ޕްރައިވެސީ ރައްކާތެރިކުރެވޭނެ ގޮތްތައް ހިމެނުމާއެކު، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޤާނޫނީ އިންތަކުގެ ތެރެއިން މިއީ ރައްކާތެރި ގޮތެއްގައި ބޭނުންކުރެވޭ އެއްޗަކަށް ހެދުން ނުހަނު މުހިންމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.