މެޓާގެ ރޭ-ބޭން އައިނު --- ފޮޓޯ: މެކްރޫމާސް
މެޓާ އާއި ރޭ-ބޭން (Ray-Ban) ގުޅިގެން އުފައްދާފައިވާ ސްމާޓް އައިނަށް، ކުރިމަތީގައި ތިބޭ މީހުން ދެނެގަނެވޭ 'ފޭޝަލް ރިކޮގްނިޝަން' ފީޗާއެއް މިއަހަރު ތައާރަފުކުރަން އެ ކުންފުނިން ރާވަމުންދާކަން ހާމަވެއްޖެއެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ނޭމް ޓެގް" (Name Tag) ގެ ނަން ދެވިފައިވާ މި ފީޗާ މެދުވެރިކޮށް، އައިނު އަޅައިގެން ހުންނަ މީހާއަށް އޭނާގެ ކުރިމަތީގައި ހުންނަ މީހާ އަކީ ކާކުކަން ދެނެގަނެވި، މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް (AI) އެސިސްޓަންޓް މެދުވެރިކޮށް އެމީހާގެ މައުލޫމާތު ހޯދޭނެއެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގް ބޭނުންފުޅުވަނީ މި ފީޗާ މެދުވެރިކޮށް އެހެން އުފެއްދުންތަކާ މެޓާގެ އައިނު ތަފާތުކޮށް، އޭއައި އެސިސްޓަންޓަކީ އިތުރަށް ބޭނުންތެރި އެއްޗަކަށް ހެދުމަށެވެ.
މިކަމާ ގުޅޭގޮތުން ލީކުވެފައިވާ މެޓާގެ އެތެރޭގެ ލިޔުމެއްގައި ބުނެފައިވާ ގޮތުން، މި ފީޗާ ނެރުމަށް އެންމެ އެކަށީގެންވާ ވަގުތަކީ އެމެރިކާގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުންނެވެ. އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ޓެކްނޮލޮޖީތަކާ ދެކޮޅަށް އަޑުއުފުލާ ޖަމިއްޔާތަކުގެ ސަމާލުކަން ސިޔާސީ ކަންކަމަށް ހުއްޓިފައިވާ ވަގުތެއްގައި މި ފީޗާ ނެރުމަކީ ބުއްދިވެރި ކަމެކެވެ.
މީގެ ފަސް އަހަރު ކުރިން، ޕްރައިވެސީގެ މައްސަލަތަކާ ހުރެ ފޭސްބުކުން ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ހުއްޓާލާފައިވާއިރު، މިއީ އެ ނިންމުމާ ދެކޮޅަށް ކުންފުނިން ނެގި ފިޔަވަޅެކެވެ. މެޓާއިން މިހާރު ދަނީ މި އައިނު ބޭނުންކޮށްގެން ދެނެގަނެވޭނީ ކޮން ބަޔަކުތޯ ދިރާސާކުރަމުންނެވެ. އޭގެ ތެރޭގައި މެޓާގެ ޕްލެޓްފޯމްތަކުން އެކަކު އަނެކަކަށް އެނގޭ މީހުންނާއި، އިންސްޓަގްރާމް ފަދަ އެޕްތަކުގައި 'ޕަބްލިކް' އެކައުންޓް ގެންގުޅޭ މީހުން ހިމެނެއެވެ.
މެޓާގެ ރޭ-ބޭން ސްމާޓް އައިނަކީ މިހާރުވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ. 2025 ވަނަ އަހަރާ ހަމައަށް މި އައިނުގެ 7 މިލިއަނަށްވުރެ ގިނަ ޔުނިޓް ވަނީ ވިކިފައެވެ.
މީގެ އިތުރުން، މުޅި ދުވަހުގެ ކަންކަން ރެކޯޑްކުރާ "ސުޕަ-ސެންސިންގ" އައިނެއް އުފެއްދުމުގެ މަސައްކަތްވެސް މެޓާއިން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްމާޓް އައިނުގެ ބާޒާރަށް ނުކުތުމަށް އެޕަލް ކުންފުނިންވެސް ދަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މިއަހަރު ނިމުމުގެ ކުރިން އެޕަލްއިންވެސް ކެމެރާ އާއި އޭއައި ހިމެނޭ ސްމާޓް އައިނެއް ބާޒާރަށް ނެރޭނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.