ޚުލާސާ: ފެންނަ ފެނުމަށް ނުވަތަ އިވޭ އަޑަކީ އެއީ ކާކުކަން ސާބިތުކޮށްދޭ ހެއްކަކަށް ނުވާ މިންވަރަށް، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން މީހުންގެ މޫނާއި އަޑު މިހާރު ނަކަލުކުރެވެއެވެ. ޝައްކު އުފެދޭ ކަންކަން ކަށަވަރުކުރާނެ ގޮތާއި، އޮޅުވާލައިގެން މީހުންގެ ކާކުވަންތަކަން ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް ތިރީގައި އެވަނީއެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އަސްލާ އެއްގޮތް ފޭކު ފޮޓޯ، ވީޑިއޯ އަދި އަޑު އުފެއްދުން މިހާރު ވަނީ ފަސޭހަވެފައެވެ.
'ޑީޕްފޭކްސް' އަދި 'ވޮއިސް ކްލޯނިންގް' ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ޓެކްނޮލޮޖީތަކަކީ މުނިފޫހިފިލުވުމާއި، އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމާއި، މީޑިއާ އުފެއްދުންތަކުގައި ބޭނުންތެރި އެއްޗެހިތަކެކެވެ. ނަމަވެސް، މަކަރާއި ހީލަތް ހެދުމަށާއި، ދޮގު މައުލޫމާތު ފެތުރުމަށާއި، މީހަކަށް ހެދިގެން އޮޅުވާލުމަށް ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.
މީގައި ދަސްކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ ސާދާ ކަމެކެވެ. އެއީ ދަންނަ މޫނަކަށް ނުވަތަ އަޑަކަށް ވީތީ އެކަނި އިތުބާރު ނުކުރާށެވެ. އެހެން ވަސީލަތެއް މެދުވެރިކޮށް އެއީ ކާކުކަން ކަށަވަރުކުރާށެވެ.
ޑީޕްފޭކްސް އަދި ވޮއިސް ކްލޯން އަކީ ކޮބައި؟
ޑީޕްފޭކް އަކީ މީހަކު އަސްލު ނުބުނާ އެއްޗެއް ބުނާކަމަށް ނުވަތަ ނުކުރާ ކަމެއް ކުރާކަމަށް ދެއްކުމަށްޓަކައި AI ބޭނުންކޮށްގެން އުފައްދާފައިވާ ނުވަތަ ބަދަލުކޮށްފައިވާ މީޑިއާއެކެވެ.
ވޮއިސް ކްލޯނިންގް އަކީ މީހެއްގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއާއި، ރާގާއި، ބަސްތައް ބޭރުކުރާ ގޮތް ނަކަލުކުރުމަށް AI ބޭނުންކުރުމެވެ.
ކުށްވެރިން މި ވަސީލަތްތައް އާންމުކޮށް ހިންގާ ސްކޭމްތަކާ އެއްކޮށްލައިގެން ބޭނުންކުރެއެވެ. މިސާލަކަށް، އާއިލާގެ މީހެއްގެ އަޑާ އެއްގޮތް އަޑަކުން އަވަސް މުއްދަތެއްގައި ފައިސާ ބޭނުންވެގެން ފޮނުވާ މެސެޖެއް ލިބިދާނެއެވެ. ނުވަތަ ކުންފުންޏެއްގެ މުވައްޒަފަކަށް، އެ ކުންފުނީގެ އިސްވެރިއަކު ގުޅާފައި ފައިސާގެ މުއާމަލާތެއް ކުރުމަށް އެދޭ ފަދަ އަސްލު ކޯލެއް ލިބިދާނެއެވެ.
އެފް.ބީ.އައި (FBI) އިން އިންޒާރު ދީފައިވާ ގޮތުގައި، ކުއްވެރިން AI ބޭނުންކޮށްގެން އުފައްދާ އަޑާއި އެހެނިހެން ވަސީލަތްތައް މީހުންނަށް ހެދިގެން އޮޅުވާލުމަށް ބޭނުންކުރަމުންދާ މިންވަރު މިހާރު އިތުރެއެވެ.
1. ކަންކަން އަވަސްކުރަން ބާރުއެޅިޔަސް ނުހެއްލޭ
ސްކޭމް ކުރާ މީހުން ގިނަފަހަރަށް ކަންކަން އަވަސްކުރުމަށް ޕްރެޝަރު ކުރާނެއެވެ.
ކުއްލިއަކަށް މީހަކު ފައިސާ، ޕާސްވޯޑް، ވެރިފިކޭޝަން ކޯޑް ނުވަތަ ސިއްރު މައުލޫމާތަށް އެދިއްޖެނަމަ، އެމީހެއްގެ އަޑު ނުވަތަ ވީޑިއޯ އަސްލުހެން ހީވި ނަމަވެސް ސަމާލުވާށެވެ.
އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެކަމެއް ކަށަވަރުކުރުމަށް ވަގުތު ނަގާށެވެ.
2. އެ މީހަކާ ވަކިން ގުޅާށެވެ
އާއިލާގެ މީހަކު އާދަޔާ ހިލާފު ވޮއިސް މެސެޖެއް ފޮނުވައިފިނަމަ، ކުރިންވެސް އެނގޭ ނަންބަރަކުން އެމީހަކަށް ގުޅާށެވެ.
ބޭންކެއް، ސަރުކާރުގެ އިދާރާއެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ކަމަށް ބުނެ މީހަކު ގުޅައިފިނަމަ، އެ ތަނެއްގެ ރަސްމީ ވެބްސައިޓް ނުވަތަ ކަށަވަރުކުރެވިފައިވާ ފޯނު ނަންބަރު މެދުވެރިކޮށް ގުޅާށެވެ.
ޝައްކު އުފެދޭ މެސެޖުގައި ދީފައިވާ މައުލޫމާތަށް އިތުބާރު ނުކުރާށެވެ.
3. އެ މައުލޫމާތެއް އައީ ކޮންތަނަކުންތޯ ބަލާށެވެ
އަސްލު މަސްދަރު ހޯދާށެވެ.
އެ ވީޑިއޯއަކީ ރަސްމީ އެކައުންޓަކުން، އިތުބާރު ހުރި ނޫސް އިދާރާއަކުން ނުވަތަ ނޭނގޭ ސޯޝަލް މީޑިއާ ޕޭޖަކުން އައި އެއްޗެއްތޯ ބަލާށެވެ.
ފޯވާޑްކޮށްފައިވާ ކްލިޕްތަކާއި ސްކްރީންޝޮޓްތަކުން މުހިންމު އަސްލު މައުލޫމާތު އުނިވެފައި ހުރެދާނެއެވެ.
4. އެއްގޮތް ނޫން ކަންކަން ހުރިތޯ ބަލާށެވެ
ސަމާލުވާންޖެހޭ ބައެއް ނިޝާންތަކުގެ ތެރޭގައި؛ މޫނުގެ ހަރަކާތްތައް އާދަޔާ ހިލާފުވުން، ވާހަކަދައްކާއިރު ބޭކާރު ގޮތުގައި މެދުކެނޑުން، އަލި ހުންނަ ގޮތް ތަފާތުވުން، ތުންފަތުގެ ހަރަކާތާއި އަޑު ދިމާނުވުން ނުވަތަ އެމީހަކު އާންމުކޮށް ވާހަކަދައްކާ އުޅޭ ގޮތާ ހިލާފަށް ވާހަކަދެއްކުން ހިމެނެއެވެ.
ނަމަވެސް، AI ކުރިއަރަމުންދާ ވަރަކަށް މިފަދަ ނިޝާންތަކަށް ބަލައިގެން ކަންކަން ދެނެގަތުން ދަނީ އުނދަގޫވަމުންނެވެ.
ފުރިހަމައަށް ފެންނަ ވީޑިއޯއަކީ ވެސް ފޭކު އެއްޗަކަށް ވެދާނެއެވެ.
5. މިނިވަން މަސްދަރުތަކުން ކަށަވަރުކުރޭ
ވައިރަލްވެފައިވާ ކްލިޕަކީ ސިޔާސީ މީހަކު، މަޝްހޫރު މީހަކު، ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ބޮޑު ހާދިސާއަކާ ގުޅޭ އެއްޗެއް ނަމަ، އިތުބާރު ހުރި ނޫސް އިދާރާތަކުން ނުވަތަ ރަސްމީ މަސްދަރުތަކުން އެކަން ކަށަވަރުކޮށްފައިވޭތޯ ބަލާށެވެ.
ރިވާސް-އިމޭޖް ސާޗް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، އެއީ ކުރީގެ ވީޑިއޯއެއް އައު ކަމެއްގެ ގޮތުގައި ދައްކަން ބޭނުންކޮށްފައިވާ އެއްޗެއްތޯ ވެސް ބެލިދާނެއެވެ.
6.ދެވަނަ ވެރިފިކޭޝަން މެތަޑެއް ބޭނުންކުރުން
ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ކުރިން، އާއިލާތަކާއި ވިޔަފާރިތަކުން ކަންކަން ކަށަވަރުކުރާނެ އިޖުރާއަތްތަކެއް ކަނޑައަޅަންވާނެއެވެ.
އާއިލާތަކަށް ސިއްރު ސުވާލެއް ނުވަތަ ޖުމްލައެއް ކަނޑައެޅިދާނެއެވެ.
އާދަޔާ ހިލާފު ފައިސާގެ މުއާމަލާތްތަކަށް، ހާއްސަކޮށް ކުންފުނީގެ އިސްވެރިންގެ ފަރާތުން އަންނަ ކަމަށް ބުނާ އެދުންތަކަށް، އިތުރު ކަށަވަރުކުރުންތައް ވިޔަފާރިތަކުން ލާޒިމުކުރަންވާނެއެވެ.
ބޮޑެތި މާލީ މުއާމަލާތްތައް ހުއްދަކުރުމަށް ހަމައެކަނި ދަންނަ އަޑަކަށް ބަރޯސާވުމަކީ ދުވަހަކުވެސް ފުދޭވަރުގެ ކަމަކަށް ވެގެންނުވާނެއެވެ.
7. ހެކި ރައްކާކުރުމާއި ސްކޭމްތައް ރިޕޯޓްކުރުން
މަކަރާއި ހީލަތުގެ އަމަލެއް ހިނގާކަމަށް ޝައްކުކުރެވޭނަމަ، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރުތަކާއި، އެކައުންޓްގެ ތަފްސީލާއި، މުއާމަލާތުގެ މައުލޫމާތު އަދި އަސްލު މެސެޖުތައް ވީވަރަކުން ރައްކާކުރާށެވެ.
ފައިސާ ފޮނުވިފައިވާނަމަ، ވަގުތުން ކަމާބެހޭ ބޭންކަށް ނުވަތަ މާލީ އިދާރާއަށް އަންގާށެވެ.
"ފޭކު ދެނެގަތުން" އެކަނި ފުދޭން ނެތް ސަބަބު
ކުރީގެ އިރުޝާދުތަކުގައި ބޮޑަށް ބަލާފައިވަނީ އޭއައި (AI) ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތީގައި ހުންނަ ފާޅުކަން ބޮޑު ކުށްތައް ހޯދުމަށެވެ.
ނަމަވެސް މިހާރު އެވަރުން ފުދޭކަށް ނެތެވެ.
ޑީޕްފޭކް ސިސްޓަމްތައް ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، އެފަދަ ތަކެތި ދެނެގަންނަ ޓޫލްތަކުން އަބަދު ސީދާ ޖަވާބެއް ނުލިބެއެވެ.
އެންމެ ރަނގަޅު ގޮތަކީ އެއީ ކާކުކަމާއި، މައުލޫމާތު އައި މަސްދަރާއި، އޭގެ މާހައުލު (context) ކަށަވަރުކުރުމެވެ.
ހަމައެކަނި "މިއީ އަސްލެއްހެން ހީވޭތަ؟" މިހެން އެހުމުގެ ބަދަލުގައި، އަންނަނިވި ސުވާލުތައް ކުރާށެވެ:
މިއީ ކޮންތަނަކުން އައި އެއްޗެއް ހެއްޔެވެ؟ އަދި އެހެން ގޮތަކުން މިއީ ތެދެއްކަން އަހަންނަށް ކަށަވަރު ކުރެވިދާނެ ހެއްޔެވެ؟
ޑިޖިޓަލް ކޮންޓެންޓް އުފެއްދި ގޮތް ނުވަތަ އެޑިޓްކުރި ގޮތުގެ މައުލޫމާތު ރެކޯޑުކުރުމަށް އެހީތެރިވުމަށް ކޮންޓެންޓް ކްރެޑެންޝަލްސް ފަދަ އާ މިންގަނޑުތައް ވެސް ދަނީ ތައާރަފުވަމުންނެވެ.
މި ސިސްޓަމްތަކުގެ ސަބަބުން ދެފުށް ފެންނަ މިންވަރު އިތުރުވި ނަމަވެސް، ފޮޓޯއަކުން ނުވަތަ ވީޑިއޯއަކުން ފެންނަ ކޮންމެ އެއްޗަކީ ތެދެއްކަން މިއިން އޮޓޮމެޓިކުން ސާބިތެއް ނުކޮށްދެއެވެ.
އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓާ ގުޅޭ އާ ގަވާއިދުތައް
ސިންތެޓިކް މީޑިއާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ދަނީ ގަވާއިދުތައް ތައާރަފުކުރަން ފަށަމުންނެވެ.
ޔޫރަޕިއަން ޔޫނިއަންގައި، އޭއައި އެކްޓްގެ ދަށުން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ އިލްޒާމުތައް 2 އޮގަސްޓް 2026 އިން ފެށިގެން އަމަލުކުރަން ފަށާފައިވެއެވެ. މީގެ ތެރޭގައި އޭއައި ބޭނުންކޮށްގެން އުފައްދާ ވަކި ކަހަލަ ކޮންޓެންޓްތަކާއި ޑީޕްފޭކްތަކާ ގުޅޭ ޝަރުތުތައް ހިމެނެއެވެ.
އެމެރިކާގައި، ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ވަނީ އޭއައި ބޭނުންކޮށްގެން އުފައްދާ އިންސާނުންގެ އަޑާ އެއްގޮތް އަޑުތަކަކީ، އާޓިފިޝަލް ނުވަތަ ކުރިން ރެކޯޑުކޮށްފައިވާ ކޯލްތަކާ ގުޅޭ މިހާރުގެ ހުރަސްތަކުގެ ދަށަށް ފެތޭނެ އެއްޗެއްކަން ކަށަވަރުކޮށްދީފައެވެ.
މިކަމާ ގުޅޭ ގަވާއިދުތައް އަދިވެސް ދަނީ ތަރައްގީވަމުންނެވެ. އަދި ގައުމުތަކުގެ މެދުގައި މި ޝަރުތުތައް ތަފާތެވެ.
ހިސާބުތަކުން ފެންނަ ގޮތުގައި
2025 ވަނަ އަހަރު އެފްބީއައިގެ އިންޓަރނެޓް ކްރައިމް ކޮމްޕްލެއިންޓް ސެންޓަރަށް އޭއައިއާ ގުޅުންހުރި 22,364 ޝަކުވާ ހުށަހަޅާފައިވެއެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 893 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި އަދަދުގައި ހަމައެކަނި ޑީޕްފޭކް އެކަންޏެއް ނޫނެވެ، އޭއައި ބޭނުންކޮށްގެން ހިންގާ އެކި ބާވަތުގެ މަކަރާއި ހީލަތުގެ އަމަލުތައް ހިމެނެއެވެ.
2026 މޭ 20 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ރަސްމީ ރިޕޯޓުގައިވާ ގޮތުން، 2026 މާރިޗު 10 އިން މޭ 7 އަށް ކުރިއަށްގެންދިޔަ "އޮޕަރޭޝަން ފްރޮންޓިއަރ+ III" ގައި، އެންޓި-ސްކޭމް ސެންޓަރުގެ 41 އޮފިސަރަކު ވަނީ ރާއްޖޭގައި ރިޕޯޓުކޮށްފައިވާ 349 ސްކޭމް މައްސަލައެއް ތަހުގީގުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ސްކޭމްތަކުގެ ސަބަބުން ލިބުނު މާލީ ގެއްލުން 4,025,424 ދިވެހި ރުފިޔާއަށް އަރާއިރު، ސްކޭމްތަކާ ގުޅުންހުރި 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، ގާތްގަނޑަކަށް 1.16 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
ޑީޕްފޭކްތަކުގެ ސަބަބުން މިހާރު ހިންގާ ސްކޭމްތައް އިތުރަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ބަދަލުވެދާނެއެވެ.
ދޮގު އިންވެސްޓްމަންޓް އިޝްތިހާރެއްގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަޝްހޫރު މީހަކު ހުރެދާނެއެވެ. ހެކްކޮށްފައިވާ މެސެޖިން އެކައުންޓަކުން މީހެއްގެ އަޑު ކްލޯންކޮށްފައިވާ ވޮއިސް ނޯޓެއް ފޮނުވިދާނެއެވެ. ވިޔަފާރިއަކަށް، އެތަނުގެ ސީނިއާ މެނޭޖަރެއްގެ އަޑާ އެއްގޮތް އަޑަކުން ފައިސާ ފޮނުވުމަށް އެދި އޮޅުވާލައިގެން މެސެޖެއް ލިބިދާނެއެވެ. ވަކިވަކި ފަރުދުންނަށް އޮތް އެންމެ ރަނގަޅު ރައްކާތެރިކަމަކީ އަމިއްލައަށް ކަންކަމުގެ ސައްހަކަން ކަށަވަރުކުރުމެވެ.
ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކަށް ބަލާއިރު، ވަރުގަދަ އޮތެންޓިކޭޝަން ނިޒާމުތަކާއި، މުވައްޒަފުން ހޭލުންތެރިކުރުވުމާއި، އިތުބާރު ހުރި މުއާމަލާތުކުރާ ވަސީލަތްތައް ބޭނުންކުރުން ކުރިއަށް އޮތް ތަނުގައި އިތުރަށް މުހިންމުވާނެއެވެ.
ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރު
ޑީޕްފޭކްގެ ސަބަބުން އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޓަނެޓުގައި ހުންނަ ހުރިހާ އެއްޗަކީ ދޮގު އެއްޗަކަށް ވުމެއް ނޫނެވެ.
އޭގެ ބަދަލުގައި، އެންމެ ބޮޑު ނުރައްކަލަކީ އަސްލު އެއްޗަކީ ކޮބައިކަން މީހުންނަށް ފަސޭހައިން ވަކިކުރަން ނޭނގުމެވެ.
މީގެ ސަބަބުން ޚަބަރުތަކާއި، މާލީ އިރުޝާދުތަކާއި، ސިޔާސީ މުއާމަލާތްތަކާއި، އަދި އަމިއްލަ ވާހަކަތަކަށް އޮންނަ އިތުބާރު ކުޑަވެގެން ހިނގައިދާނެއެވެ.
އެހެންކަމުން، ޑިޖިޓަލް އިތުބާރުގެ މުސްތަގުބަލު ބިނާވެފައި އޮންނާނީ އެ އެއްޗެއް ފެންނަ ފެނުމަށް ނުވަތަ އަޑު އިވޭ ގޮތަށް ބަލައިގެން ގަބޫލުކުރުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ކާކުކަން ނުވަތަ އައީ ކޮންތަނަކުންކަން އަމިއްލައަށް ކަށަވަރުކުރެވޭ މިންވަރެއްގެ މައްޗަށެވެ.
ޑީޕްފޭކް އަދި އަޑު ކްލޯންކުރުމުގެ މާނައަކީ ޑިޖިޓަލް މީޑިއާއަށް ދެން އިތުބާރު ނުކުރެވޭނެއެކޭ ނޫނެވެ. އޭގެ މާނައަކީ އިތުބާރު ކުރަންވާނީ ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ.
އަސްލާ އެއްގޮތް އަޑަކީ އެއީ ކާކުކަން އަންގައިދޭ ހެއްކެއް ނޫނެވެ. ގަބޫލުކުރެވޭ ފަދަ ވީޑިއޯއަކީ ހާދިސާއެއް ހިނގިކަމުގެ ހެއްކެއް ނޫނެވެ.
މިފަދަ އުފެއްދުންތައް އިތުރަށް ފުރިހަމަވަމުންދާއިރު، އެއް ގަވާއިދެއް ވަރަށް މުހިންމުވާނެއެވެ.
ހަމައެކަނި މޫނަށް ނުވަތަ އަޑަށް އިތުބާރު ނުކުރާށެވެ. އެކަން ކަށަވަރުކުރާ ނިޒާމަށް އިތުބާރުކުރާށެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.